ރާއްޖޭގެ ޚާއްސަ އިގުތިސާދީ ސަރަހައްދުގައި ގާނޫނާޚިލާފަށް މަސްވެރިކަން ކުރަމުންދިޔަ ބޭރުގެ މަސްބޯޓެއް އެމްއެންޑީއެފުން ހިފަހައްޓައިފި އެވެ.
ބުދަ ދުވަހު އެމްއެންޑީއެފުން ބުނީ، ރާއްޖޭގެ ސަރަހައްދު ބެލެހެއްޓުމަށް ކޯސްޓުގާޑުން ކުރަމުންދާ މަސައްކަތުގެ ތެރެއިން، ރާއްޖޭގެ ޚާއްސަ އިގުތިސާދީ ސަރަހައްދުގައި ގާނޫނާއި ޚިލާފަށް މަސްވެރިކަން ކުރަމުންދިޔަ ބޭރުގެ މަސްބޯޓެއް އެމްއެންޑީއެފް ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.
އެމްއެންޑީއެފުން ބުނީ، މި މަސްބޯޓު އަތުލައިގަތީ ކ.ދިއްފުށީގެ އިރުން 123 ނޯޓިކަލް މޭލު ބޭރުގައި 6 މީހުންނާ އެކު ދަތުރުކުރަމުން ދަނިކޮށް ކަމަށެވެ. އަދި މިހާރު މި ބޯޓު މާލެ ގެނެއުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް އެމްއެންޑީއެފުން ބުނެ އެވެ.
ދޭތެރެދޭތެރެއިން ރާއްޖޭގެ ޚާއްސަ އިގްތިސާދީ ސަރަހައްދުން ގާނޫނާ ހިލާފަށް މަސްވެރިކަން ކުރަމުންދާ ބޯޓުތައް އަތުލައިގަނެ އެވެ. އަދި މަސްތުވާތަކެތި ހިފައިގެން ދަތުރުކުރާ ބޯޓުފަހަރުތައް ވެސް އަތުލައިގަނެފައިވެ އެވެ.