ސަރުކާރުން މިހާރު މަސައްކަތް ކުރަމުންދަނީ ގާނޫނެއް ހަދައިގެން އެންމެންނަށް އިހުތިރާމު އަދާކުރުން މަޖުބޫރުކުރުވާ ދިމާލަށް ގެންދިއުމަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ އެވެ.

ރާއްޖެޓީވީގެ ޓީވީޓޯކް ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މެންބަރު މައުރޫފް ވިދާޅުވީ، ދެން މަޖިލިސް ހުޅުވޭއިރު އިހުތިރާމު އަދާކުރުން މަޖުބޫރުކުރާ ބިލެއް ޑްރާފްޓްކޮށްގެން މަޖިލީހަށް ހުށަހަޅައިފާނެ ކަމަށް ބެލެވޭ ކަމަށެވެ. އަދި އިންސާނީ ތަބީއަތުގައި ހުންނަ ކަންކަމަކީ މަޖުބޫރުން ކުރުވޭނެ ކަންކަން ނޫން ކަމަށްވެސް އޭނާ ފާހަގަކުރެއްވި އެވެ.

މިސާލެއް ދައްކަވަމުން މެންބަރު މައުރޫފް ވިދާޅުވީ، މީހަކު ފެނުމުން ހިނިތުންވުމަކީ ތަބީއީ ކަމެއް ކަމަށާއި، ނަމަވެސް ރިސޯޓުތަކުގެ ވެއިޓަރުންނަށް މުސާރަ ލިބެނީ ހިތްހަމަނުޖެހިފައި ހުއްޓަސް ދަތްދައްކަން މަޖުބޫރުވެގެން ކަމަށެވެ. އަދި މިހާރު ރައީސް މުއިއްޒު ފައްޓަވައިގެން އުޅުއްވަނީ އެފަދަ ކަމެއް ކަމަށް މެންބަރު މައުރޫފް ވިދާޅުވި އެވެ.

މިސާލަކަށް ހީލުން، މީހަކު ފެނުނީމާ ހީލުން އެއީ ވަރަށް ތަބީކަމެއް ދޯ؟ ހީލެވެނީ ހީލަންޖެހޭ ކަހަލަ ކަމެއް މެދުވެރިވީމާ. އެހެންނަމަވެސް ބައެއްފަހަރު މި އަޅުގަނޑުމެން މި ރިސޯޓްތަކުގައި ވެއިޓަރުންނަށް އުޅޭއިރުގައި ދެން. އަދި ހިތްހަމަނުޖެހި ހުއްޓަސް ދަތްދައްކާލަންޖެހޭ. އެއީ މަޖުބޫރުކަމެއް. އާދެ، މުސާރައެއް ނުލިބޭ އެހެން ނޫނިއްޔާ. އެހެންވީމާ އެކަހަލަ ކަމެއް އެއީ. މިހާރު ރައީސް ފައްޓަވައިގެން ތި އުޅެނީ
މައުރޫފް ޒާކިރު

މީގެއިތުރުން، ވެރިއަކު ރައްޔިތުންނަށް ހެޔޮނޭދި، ކަންކަން ނުކޮށްދެވޭތީ އޮޅުވާލުމަށްޓަކައި މުޅިން އެހެން މަގަކުން ރައްޔިތުންގެ ވިސްނުން އަނބުރާލުމަށް މަސައްކަތްކުރާ ކަމަށް ވެސް މެންބަރު މައުރޫފް ތުހުމަތުކުރެއްވި އެވެ. އަދި މިއީ ރައްޔިތުން ވަރަށް ބޮޑަށް ސަމާލުވާންޖެހޭ ކަމެއް ކަމަށް ވެސް ވިދާޅުވި އެވެ.

މެންބަރު މައުރޫފް އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ގަދަކަމުން ނުވަތަ މަޖުބޫރުން ކަންކަން ނުކުރުވޭނެ ކަމަށާއި، ނަމަވެސް އޭގެ އަޑި ނޭނގި ބަލާ މީހަކަށް ވަރަށް މާތް އަދި ރަނގަޅު ކަމެއް ކުރާހެން ހީވެދާނެ ކަމަށެވެ.