ހުޅުމާލެ
ފޭސް 2 ގައި މި އަހަރުގެ އޮގަސްޓް މަހު ހިނގި ސައިކަލް އެކްސިޑެންޓެއްގައި އަނިޔާވެ
ފަރުވާ ދެމުން ދިޔަ 62 އަހަރުގެ މީހާ ނިޔާވެއްޖެ އެވެ.

ފުލުހުން
މީޑިއާތަކާ ހިއްސާކުރި މައުލޫމާތުގައި ބުނެފައިވާ ގޮތުގައި މި އެކްސިޑެންޓު ހިނގާފައިވަނީ
މި އަހަރުގެ އޮގަސްޓް 31 ވަނަ ދުވަހުގެ ހެނދުނު 07:36 އެހައިކަންހާއިރު އެވެ. އެކްސިޑެންޓު
ހިނގާފައިވަނީ ހުޅުމާލެ ފޭސް 2 ގެ ދުނބުރިގަސްމަގާއި ހީނާމާހިނގުން ގުޅޭ ކަންމަތީގަ
އެވެ.

މި އެކްސިޑެންޓުގައި
ކާރަކާއި ސައިކަލެއް ޖެހިފައިވާއިރު، އެ ސައިކަލު ދުއްވަން އިން 62 އަހަރުގެ ދިވެހި
ފިރިހެން މީހާއަށް ވަނީ ސީރިއަސް އަނިޔާތަކެއް ވެފަ އެވެ.

އެކްސިޑެންޓު
ހިނގި ދުވަހުން ފެށިގެން ފަރުވާ ދެމުން ދިޔަ އެ މީހާ މި މަހުގެ 15 ވަނަ ދުވަހުގެ ރޭގެ
ވަގުތެއްގައި ވަނީ ނިޔާވެފައެވެ. އޭރު އޭނާއަށް ފަރުވާދެމުން ދިޔައީ ޓްރީޓޮޕް ހޮސްޕިޓަލުގަ އެވެ.

މި އެކްސިޑެންޓު
ހިނގިއިރު ސައިކަލުގައި އިނީ 24 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ހާމަކުރެ
އެވެ. އޭނާއަށް ވެސް އެކިވަރުގެ އަނިޔާތައް ވެފައިވާކަމަށް ފުލުހުން ބުނެ އެވެ.

މި އެކްސިޑެންޓާ
ގުޅިގެން ފުލުހުން ވަނީ ތަހުގީގު ފަށާފަ އެވެ.

ރާއްޖޭގައި
ދުވަހުން ދުވަހަށް އިތުރުވަމުން އަންނަ ޓްރެފިކް އެކްސިޑެންޓްތަކުގައި ގިނަ ބަޔަކު
މަރުވެ ޒަހަމްވަމުން އަންނައިރު، އެކްސިޑެންޓްތައް ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ.