ސަރުކާރުގެ ކުންފުނިތައް ރައިޓްސައިޒް ކުރުމުގެ ނަމުގައި
މުވައްޒަފުން ވަޒީފާއިން ވަކިކުރަމުންދަނީ ޚަރަދު ކުޑަކުރުމުގެ އިޚުލާސްތެރި ނިޔަތެއް
އޮވެގެން ނޫން ކަމަށާއި، އެއީ ސަރުކާރުން ބޭނުންވާ ބަޔަކަށް ވަޒީފާ ދިނުމަށް ދައްކާ
ބަހަނާއެއް ކަމަށް އެމްޑީޕީގެ ވަކީލުންގެ ކޮމިޓީގެ މެންބަރު އައިކް އަހުމަދު އީސާ ވިދާޅުވެއްޖެ
އެވެ.

ރާއްޖެ ޓީވީގެ "ފަލަސުރުޚީ" ޕްރޮގްރާމްގައި
ވާހަކަދައްކަވަމުން އައިކް ވިދާޅުވީ، ހިންގުމުގެ ޚަރަދު ކުޑަކުރުމުގެ ނަމުގައި މުވައްޒަފުން
ވަކިކުރާއިރު، ވެރިކަން ކުރާ ޕީއެންސީއަށް ސޮއިކުރުމުން އެ މީހެއްގެ ވަޒީފާ އަލުން
ރުޖޫއަވާންޖެހޭ އެއްވެސް ސަބަބެއް އޮވެގެން ނުވާނެ ކަމަށެވެ.  

ނަމަވެސް މިހާރު ފެންނަމުންދަނީ ޕީއެންސީގެ މުވައްޒަފުން
ރިޑަންޑެންޓު ނުވާނެ ގޮތަށް ސަރުކާރުން ސިޔާސަތުތައް ބައްޓަންކޮށްގެން ކުރިއަށްދާ މަންޒަރު
ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

އައިކް ވިދާޅުވި ގޮތުގައި ކުންފުނިތަކުން މުވައްޒަފުން
މަދުކުރަނީ ޚަރަދު ކުޑަކުރަން ކަމަށް ސަރުކާރުން ބުނި ނަމަވެސް، އެކަމުގައި އެއްވެސް
ހަގީގަތެއް ނެތެވެ. ސަބަބަކީ ދުވާލެއްގެ މައްޗަށް ގާތްގަނޑަކަށް 25 އެއްހާ މީހުން ވަޒީފާތަކުން
ވަކިކުރަމުންދާއިރު، އޭގެ ބަދަލުގައި ސަރުކާރުން ބޭނުންވާ ބަޔަކު އެ ވަޒީފާތަކަށް އައްޔަނު
ކުރަމުންދާތީ ކަމަށް އޭނާ ވިދާޅުވި އެވެ. މީގެއިން ދޭހަވަނީ ސަރުކާރުގެ ޚަރަދު ކުޑަކުރުމުގެ
އެއްވެސް ނިޔަތެއް ނެތްކަން ކަމަށްވެސް އައިކް ވިދާޅުވި އެވެ.

ވަޒީފާއިން ވަކިކުރާ މީހުންގެ ތަފްސީލަށް އަލިއަޅުއްވާލައްވަމުން
އައިކް އިތުރަށް ވިދާޅުވީ، މިހާރު ވަޒީފާތަކުން ވަކިކުރަމުންދާ މީހުންގެ ތެރޭގައި ހިމެނެނީ
އިދިކޮޅު މައި ޕާޓީ، އެމްޑީޕީއަށް ނިސްބަތްވާ މުވައްޒަފުން ކަމަށެވެ. އެހެންކަމުން
މިއީ ވަކި ސިޔާސީ ފިކުރަކަށް އަމާޒުކޮށްގެން ހިންގާ އަމަލެއްގެ ގޮތުގައި އޭނާ ސިފަކުރެއްވި
އެވެ.

ސަރުކާރުގެ ކުންފުނިތަކުގެ ހިންގުން ހަރުދަނާކުރުމުގެ
ނަމުގައި ގިނަ އަދަދެއްގެ މުވައްޒަފުން ވަޒީފާއިން ވަކިކުރަމުންދާ މައްސަލައިގައި އާންމުންގެ
ބޮޑެތި ކަންބޮޑުވުންތަކެއް ހުރިކަން ފާހަގަކުރެވެ އެވެ. ހާއްސަކޮށް ވަޒީފާއިން ވަކިކުރާ
މީހުންގެ ބަދަލުގައި ސިޔާސީ ނުފޫޒުން އައު މީހުން އައްޔަނު ކުރަމުންދާ ކަމަށް ކުރެވޭ
ތުހުމަތުތަކާއެކު، ސަރުކާރުގެ އިޚުލާސްތެރިކަމާމެދު އިދިކޮޅު ފަރާތްތަކުން ދަނީ ސުވާލު
އުފައްދަމުންނެވެ.