ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ނައިބު ރައީސުންގެ ގޮތުގައި 6 ބޭފުޅުން އިންތިޚާބުކޮށްފި އެވެ.

ބުދަ ދުވަހު ކުރިއަށް ދިޔަ ކޮންގްރެސްގައި ނައިބު ރައީސުންގެ މަޤާމަށް 6 ބޭފުޅުން އިންތިޚާބު ކުރިއިރު، މި މަޤާމުތަކަށް ޖުމުލަ 8 ބޭފުޅުން ވާދަކުރެއްވި އެވެ.

އެންމެ ގިނަ ވޯޓާ އެކު ޕީއެންސީގެ ނައިބު ރައީސް ކަމަށް އިންތިޚާބު ކުރި ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު އަށް ލިބުނީ 968 ވޯޓެވެ. 964 ވޯޓާ އެކު ދެ ވަނަ އަށް އިންތިޚާބު ކުރީ ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް އެވެ. ތިން ވަނަ އަށް ނިލަންދޫ ދާއިރާގެ މެންބަރު އަދި ރައީސް  މުއިއްޒުގެ ކޮއްކޮ ފާތިމަތު ސައުދާ އިންތިޚާބު ކުރީ 923 ވޯޓާ އެކު އެވެ.

މީގެ އިތުރުން ހަތަރު ވަނަ އަށް އިންތިޚާބު ކުރީ ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާާއު އަށް ލިބުނީ 862 ވޯޓެވެ. ފަސް ވަނަ އަށް އިންތިޚާބު ކުރި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އަށް ލިބުނީ 780 ވޯޓެވެ. އަދި ހަ ވަނަ އަށް އިންތިޚާބު ކުރި ސަރުކާރުގެ އިސް ތަރުޖަމާނު މުޙައްމަދު ހުސެއިން ޝަރީފް (މުންދު) އަށް ލިބުނީ 833 ވޯޓެވެ. 

ދެން ނައިބު ރައީސުންގެ މަޤާމަށް ވާދަކުރެއްވީ މާފަންނު މެދު ދާއިރާގެ މެންބަރު އަސްމާ ރަޝީދު އަދި އެލްޖީއޭގެ ސީއީއޯ މުހައްމަދު ނިމާލް އެވެ. އަސްމާ އަށް 288 ވޯޓު ލިބުނުއިރު، ނިމާލް އަށް ލިބުނީ 301 ވޯޓެވެ. އިންތިޚާބު ކާމިޔާބު ނުވީ މި ދެ ބޭފުޅުންނަށެވެ.

ޕީއެންސީ އިން ބުނެފައިވާ ގޮތުގައި އެ ޕާޓީގެ ނައިބު ރައީސުން އިންތިޚާބުކޮށްފައި ވަނީ ފަސް އަހަރު ދުވަހުގެ ދައުރަކަށެވެ.