ދިވެހިރާއްޖޭގެ ޤައުމީ ސަލާމް ކިޔާއިރު މޭމަތީގައި އަތް އެޅުމަކީ ރާއްޖޭގެ އެއްވެސް ޤާނޫނެއްގައި ނުވަތަ ޤަވާއިދެއްގައި އޮންނަ ކަމެއް ނޫން ކަމަށް ކުރީގެ ރައީސް އަލްއުސްތާޛު މައުމޫން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެ އެވެ.
ރައީސް މައުމޫން މިހެން ވިދާޅުވީ އަންގާރަ ދުވަހު އެމަނިކުފާނުގެ ރަސްމީ 'އެކްސް' އެކައުންޓުން ކުރެއްވި ޕޯސްޓެއްގަ އެވެ.
އެމަނިކުފާނު ކުރެއްވި ޕޯސްޓުގައި ވިދާޅުވެފައިވަނީ، "މާފު ކުރައްވާށެވެ. ޤައުމީ ސަލާމް ކިޔާއިރު މޭމަތީގައި އަތް އެޅުމަކީ ދިވެހިރާއްޖޭގެ ޤާނޫނެއްގައި ވެސް ނުވަތަ ޤަވާއިދެއްގައި ވެސް އޮންނަ ކަމެއް ނޫނެވެ."
ރައީސް މައުމޫން އެހެން އިޝާރާތް ކުރެއްވީ ކޮން މުނާސަބަތަކާ ގުޅުވައިގެން ކަމެއް ސާފެއް ނުވެ އެވެ.
އެހެންނަމަވެސް އެކިއެކި ރަސްމިއްޔާތުތަކާއި ޖަލްސާތަކުގައި ޤައުމީ ސަލާމް ކިޔާއިރު، މޭމަތީގައި އަތް އަޅައިގެން ތިބެ ޤައުމީ ސަލާމް ކިޔާތަން ވަރަށް ގިނައިން ފެންނަމުންދެ އެވެ.
ރާއްޖޭގައި ބާއްވާ ރަސްމީ އެކި އިހުތިފާލުތަކުގައްޔާއި ސްކޫލްތަކުގެ އެސެމްބްލީތަކުގައި ޤައުމީ ސަލާމް ކިޔާއިރު، ބައެއް ފަރާތްތަކުން ކަނާތް މޭމަތީގައި ބާއްވައިގެން ތިބޭ މަންޒަރު އާންމުކޮށް ފެނެ އެވެ. ނަމަވެސް، ޤައުމީ ސަލާމް ކިޔާއިރު އަމަލުކުރަންޖެހޭ ދިވެހި ސަގާފީ އަދި ޤާނޫނީ އުސޫލުތަކަށް ބަލާއިރު މޭމަތީގައި އަތް އެޅުމަކީ އޮންނަ އުސޫލެއް ނޫންކަން ރައީސް މައުމޫން މިވަނީ ހަނދާންކޮށްދެއްވާފަ އެވެ.