ދިވެހިރާއްޖޭގެ ޤައުމީ ދިދައަކީ ދިވެހި ޤައުމިއްޔަތާއި މިނިވަންކަމާއި އިސްލާމީ ވަހުދަތު ރަމްޒުކޮށްދޭ އެންމެ މަތިވެރި ނިޝާނެވެ. ޤައުމީ ދިދައަށް އިހުތިރާމް އަދާކުރުމާއި، އޭގެ ޤަދަރާއި ހައިބަތު ހިފެހެއްޓުމަކީ ކޮންމެ ދިވެހި ރައްޔިތެއްގެ، އަދި ވަކިން ހާއްސަކޮށް ޤައުމުގެ ވެރިންނާއި ސިޔާސީ ޕާޓީތަކުގެ ކޮނޑުގައި އެޅިފައިވާ ޤައުމީ ވާޖިބެކެވެ.

ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ކޮންގްރެސް ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގެ ތެރެއިން
ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ކޮންގްރެސް ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގެ ތެރެއިން

ނަމަވެސް، މިއަދު ފެންނަމުންދާ މަންޒަރަކީ މިއާ މުޅިން ޚިލާފު މަންޒަރެކެވެ. ވެރިކަމުގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި ރައީސް މުއިއްޒު ދެއްކެވި ވާހަކަފުޅު އަދިވެސް ހުރީ ދިވެހީންގެ ކަންފަތްތަކުގައި ގުގުމަ ގުގުމައެވެ.

"އޭ ދިވެހީންގެ ފަޚުރުވެރި ޤައުމީ ދިވެހި ދިދަޔާ! ތިބާދެކެ އަޅުގަނޑު އިންތިހާޔަށް ލޯބިވަން. ތިޔަ ހެލިލުމާއި ވިހުރިލުމުގެ މާނަތައް އިޙްސާސް ކުރަން. ތިޔަ ދައްކައިދެނީ ޤައުމު ދިފާޢު ކުރި މަތިވެރި ޝަހީދުންގެ ލޭފޮދު. ޤައުމު ބިނާކުރި އެންމެހާ އަޖުދާދުންގެ ފެހި ރޯޝަން އުންމީދާއި ދިރުން. ދިވެހީންގެ ދެ ދުނިޔޭގެ ސަލާމަތް ކަމުގައިވާ މާތްވެގެންވާ އިސްލާމްދީނުގެ ކީރިތި މޫރިތިކަން،" ރައީސް މުއިއްޒު ވިދާޅުވި އެވެ.

މި މޭރުމުން ދިދަޔާ ވާހަކަ ދެއްކެވުމަށްފަހު ފެންނަމުންދަނީ މިއާ މުޅިން ޚިލާފު މަންޒަރެކެވެ.

ދިދަ ބޭނުންކުރުމުގައި އަމަލުކުރަންޖެހޭ ސާފު އުސޫލުތަކެއް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ކަނޑައަޅުއްވާފައި ވީނަމަވެސް، ވެރިކަންކުރާ ޕާޓީގެ ހަރަކާތްތަކުންނާއި ކެމްޕެއިންތަކުން ފެންނަނީ ދިދައަށް ބޭނުން ގޮތެއް ހަދާލާފައިވާ މަންޒަރެވެ.

ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާ މިންތަކާއި، ކުލަކޯޑާއި، ހަނދުފަޅީގެ ބައްޓަމަށް ސަމާލުވާންޖެހެ އެވެ. ހަލާކުވެފައިވާ ނުވަތަ ބާވެފައިވާ ދިދަ ބޭނުންކުރުން މަނާވާއިރު، ރޭގަނޑު ދިދަ ނަގާފައި ބަހައްޓާނަމަ އަލިކޮށްފައި ބަހައްޓަން ވެސް ޖެހެ އެވެ. އަދި އެހެން ދިދަތަކާ އެކު ނަގާއިރު ޤައުމީ ދިދައަށް ދޭންޖެހޭ ޚާއްސަ އިސްކަމާއި އިމްތިޔާޒުތައް ވަނީ ކަނޑައަޅާފަ އެވެ. މިހުރިހާ ކަމެއް މިހެން އޮތް އިރު ވެސް ޖަލްސާތަކާއި އެއްވުންތަކުގައި ސިޔާސީ ބޭނުމަށް ޤައުމީ ދިދަތަކުގައި ސޮއިކުރުން ފަދަ ހުރުމަތް ކެނޑޭ އަމަލުތައް މީގެ ކުރިން ވެސް ހިނގާފައިވާކަން ފާހަގަކުރެވެ އެވެ.

ރައީސް މުއިއްޒުގެ ވެރިކަމުގެ ކުރީކޮޅުގައި އެމަނިކުފާނުގެ ރަސްމީ އެކައުންޓުން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ޤައުމީ ދިދައިގެ ހުދު ހަނދުފަޅި އިނީ މުޅިން ރޯ ނުބައި ކޮޅަކަށް ޖަހައިފަ އެވެ. ދިދައިގެ ހަނދުފަޅީގެ ކޮޅުތައް އިންނަންވާ ގޮތާ ޚިލާފަށް، އަނެއް ފަރާތަށް އެނބުރިފައި އިން މި މަންޒަރާއެކު ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވި އެވެ.

ދެންވެސް ދިދަ އަށް ހަދާލީ ބޭނުން ގޮތެކެވެ. އަންގާރަ ދުވަހު ޕީއެންސީގެ ކޮންގްރެސް އިން ވެސް ފެނިގެންދިއައީ މިފަދަ މަންޒަރެކެވެ. ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވި ކަމެކެ އެވެ.

ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ކޮންގްރެސް ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގެ ތެރެއިން

ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ކޮންގްރެސް ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގެ ތެރެއިން|ޕީއެންސީ

ޕީއެންސީގެ ކޮންގްރެސްގެ ސްޓޭޖް ޒީނަތްތެރިކުރުމަށް ތައްޔާރުކޮށްފައިވާ ބެކްޑްރޮޕުން ފެނިގެންދިޔައީ، ޤައުމީ ދިދައިގެ އަސްލު ބައްޓަން ގެއްލޭގޮތަށް، ދިދަ ހަނދުފަޅި ބައްޓަމަށް ޑިޒައިންކޮށް ބޭނުންކޮށްފައިވާ މަންޒަރެވެ. ޤާނޫނާއި ގަވާއިދުތަކުގައި ޤައުމީ ދިދައިގެ މިންތަކާއި ބައްޓަން ސާފުކޮށް ބަޔާންކޮށްފައިވާއިރު، މިފަދަ ބޮޑު ސިޔާސީ ހަރަކާތެއްގައި ދިދައިގެ ސިފަ އޮޅޭގޮތަށް ޑިޒައިނެއްގެ ބައެއްގެ ގޮތުގައި ބޭނުންކުރުމަކީ ދިދައަށް ދޭންޖެހޭ ޤަދަރާއި އިހުތިރާމް ކުޑަވެގެންދިޔަ ކަމެކެވެ.

މި މަންޒަރާ ގުޅިގެން އެންމެ ބޮޑު ފާޑުކިޔުމެއް އަމާޒުވެފައިވަނީ، ޤައުމީ ދިދައަށް އިހުތިރާމް ކުރުމުގެ މުހިންމުކަމާއި ޤައުމިއްޔަތުގެ ވާހަކަ އެންމެ ގަދައަށް ދެއްކެވި ރައީސް މުއިއްޒުގެ ޕާޓީން މިފަދަ މަންޒަރެއް ފެނުމުންނެވެ. ޤައުމީ ދިދައަކީ ހަމައެކަނި ސްޓޭޖްގެ ފަހަތް ފަޅުފިލުވާލަން ބޭނުންކުރާ ޑެކަރޭޝަނަކަށް ހަދައި، އެ ދިދަ ފަހަތަށް ލައިގެން، އޭގެ އަސްލު ގެއްލުވާލައިގެން ތިބުމަކީ ދިވެހި ރައްޔިތުންނަށް ބަލައިގަންނަން އުނދަގޫ މަންޒަރެކެވެ. އެކަމަކު ވެސް ޕީއެންސީ އިން އެކަން ކުރީމަ ހަމަ އޯކޭވަނީ އެވެ. ދިދައިގައި ސޮއި ކުރިއަސް އޯކޭ ވަނީ އެވެ. ހަނދުފަޅި ނުބައިކޮޅަށް އިނަސް އޯކޭވަނީ އެވެ. 

ނަމަވެސް ބުަނަން ހެއްޔެވެ. ދިވެހި ދިދައަކީ ސިޔާސީ ޕޯޑިއަމްތަކުގައި ހަމައެކަނި ދައްކާލާ ވާހަކައަކަށް ވުރެ މާ އަގުހުރި އެއްޗެކެވެ. އަމަލާއި ބަހާ ދިމާވާންޖެހޭ ފަދައިން، ދިދައަށް ކުރާ އިހިތިރާމް ފެންނަންވާނީ ހަމައެކަނި ވާހަކަދެއްކުމަކުން ނޫނެވެ. އެ ދިދަ ބޭނުންކުރާ ގޮތާއި ބަހައްޓާ ތަނަކުންނެވެ.