މެލޭޝިއާއިން 100 މިލިއަން ޑޮލަރުގެ ފައިނޭންޝަލް ފެސިލިޓީއެއް ހަމަޖައިސައިދޭން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން އެދިއްޖެ އެވެ. މިކަން ހާމަވީ މެލޭޝިއާގެ ބޮޑު ވަޒީރު އަންވަރު އިބްރާހީމް މިހާރު ރާއްޖެ އަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.

މީގެ އިތުރުން ދިވެހިރާއްޖެއާއި މެލޭޝިއާއާ ދެމެދު ދިފާއީ އަދި އިގްތިސާދީ ގުޅުން އިތުރަށް ބަދަހިކުރުމަށް އަންގާރަ ދުވަހު ވަނީ އެއްބަސްވެފަ އެވެ. މީގެ އިތުރުން، ދިވެހި ސަރުކާރުން އެދިފައިވާ 100 މިލިއަން ޑޮލަރުގެ ފައިނޭންޝަލް ފެސިލިޓީ ދިނުމަށް މެލޭޝިއާ ސަރުކާރުން އުސޫލެއްގެ ގޮތުން އެއްބަސްވެފައިވާކަން ދެ ގައުމުގެ އިސްވެރިން ވަނީ ހާމަކުރައްވާފަ އެވެ.

މާލޭ ގައި ބޮޑުވަޒީރު އަންވަރު އިބްރާހީމާއެކު ބޭއްވި ގުޅިފައިވާ ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން، ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން ދިފާއީ ދާއިރާއާއި އިސްލާމީ ކަންތައްތަކާ ބެހޭ ދާއިރާއަށް ފުޅާކުރުމަށް ނިންމާފައިވާ ކަމަށެވެ.

ރައީސް މުއިއްޒު ވަނީ ރާއްޖޭގައި ހުރި އިންވެސްޓްމަންޓް ފުރުސަތުތައް ބަލައި، ރާއްޖޭގައި އިންވެސްޓް ކުރުމަށް މެލޭޝިއާ ސަރުކާރަށާއި ވިޔަފާރިވެރިންނަށް ދައުވަތު އަރުވާފަ އެވެ. ވަކިން ހާއްސަކޮށް އިއާދަކުރަނިވި ހަކަތަ، ޑިޖިޓަލް އިންފްރާސްޓްރަކްޗާ، އިމާރާތްކުރުމުގެ ދާއިރާ އަދި އިސްލާމިކް ފައިނޭންސްގެ ދާއިރާއިން އިންވެސްޓް ކުރުމަށް ރައީސް ބާރުއެޅުއްވި އެވެ.

ބޮޑުވަޒީރު އަންވަރު އިބްރާހީމް ވިދާޅުވީ، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމް.އެމް.އޭ) އިން މެލޭޝިއާގެ މަރުކަޒީ ބޭންކު ކަމަށްވާ ބޭންކް ނެގާރާ މެލޭޝިއާގައި އެދިފައިވާ 100 މިލިއަން ޑޮލަރުގެ ފެސިލިޓީއަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މެލޭޝިއާ ސަރުކާރުން އުސޫލެއްގެ ގޮތުން އެއްބަސްވެފައިވާ ކަމަށެވެ.

"މިކަމަށް އެހީތެރިވުމަށް އަޅުގަނޑުމެން އުސޫލެއްގެ ގޮތުން މިހާރު ވާނީ އެއްބަސްވެފައި،" އަންވަރު ވިދާޅުވި އެވެ. އަދި ދެ ގައުމުގެ މަރުކަޒީ ބޭންކުތައް ގުޅިގެން، އެންމެ އަވަސް މުއްދަތެއްގެ ތެރޭގައި މި އިންތިޒާމުތައް ހަމަޖެއްސުމަށް ބޭނުންވާ އުސޫލުތަކާއި މަސައްކަތްތައް ކުރިއަށް ގެންދާނެ ކަމަށްވެސް ބޮޑުވަޒީރު ވިދާޅުވި އެވެ.

މީގެ އިތުރުން، ދެ ގައުމުގެ ދެމެދުގައި އިގްތިސާދީ ގުޅުން ބަދަހިކުރެވިދާނެ އިތުރު ދާއިރާއެއްގެ ގޮތުގައި ބިމުގެ އަޑީގެ މައުދަންތައް ހޯދުމާއި ދިރާސާކުރުމުގެ ދާއިރާ އަންވަރު ފާހަގަކުރެއްވި އެވެ.

ދެ ގައުމުގެ ދެމެދުގައި ވިސާގެ ކަންކަން ލުއިފަސޭހަކުރުމަށާއި، މެލޭޝިއާއިން ދިވެހި ދަރިވަރުންނަށް ސްކޮލަޝިޕްގެ އިތުރު ފުރުސަތުތައް ހޯދައިދިނުމަށާއި، ދެ ގައުމު ގުޅިގެން ސައިންޓިފިކް ދިރާސާތައް ކުރުމަށްވެސް މި ބައްދަލުވުމުގައި އެއްބަސްވެފައިވެ އެވެ.