މާލެ ސަރަހައްދުގައި އެއްގަމު ދަތުރުފަތުރުގެ ކަންކަން ބެލެހެއްޓުމަށް ގްރޭޓަރ މާލެ ޓްރާންސްޕޯޓް އެންޑް މޮބިލިޓީގެ ނަމުގައި އުފެއްދި އޮފީހުގެ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) އަކަށް ކަސްޓަމްސްގެ ކުރީގެ ކޮމިޝަނަރ ޖެނެރަލް ޔޫސުފް މާނިއު އައްޔަނުކޮށްފި އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މާނިއު މި މަގާމަށް އައްޔަނުކުރެއްވީ މިދިޔަ ހަފްތާ ތެރޭގަ އެވެ.  

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގައި މާނިއު އެންމެ ފުރަތަމަ އައްޔަނުކުރެއްވީ ކަސްޓަމްސްގެ ކޮމިޝަނަރ ޖެނެރަލަކަށެވެ. މާނިއު ކަސްޓަމްސްއިން ވަކިކުރި ސަބަބެއް ސަރުކާރުން ހާމައެއް ނުކުރެ އެވެ. ނަމަވެސް އެ މަގާމުން އޭނާ ވަކި ކުރެއްވުމަށްފަހު، ފަހުން ވަނީ ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ބަދަލުކޮށްފަ އެވެ. އަދި 25 ޖުލައި 2024 ގައި އެ މަގާމުން އޭނާ އިސްތިއުފާ ދެއްވުމަށްފަހު މީޑިއާތަކަށް ވިދާޅުވީ، ސްޓޭޓް މިނިސްޓަރު ކަމުގެ މަގާމުން އިސްތިއުފާ ދެއްވީ ވަޒީފާގެ މަސްއޫލިއްޔަތެއް ނެތި ބޮޑު މުސާރައެއް ނަންގަވަން ބޭނުން ނުވާތީ ކަމަށެވެ. 

ސަރުކާރު ރައިޓް ސައިޒް ކުރުމުގެ ގޮތުން ފެނަކަ އަދި އާރްޑީސީ އުވާލާފައިވާއިރު، މާލެ ސަރަހައްދުގެ އެއްގަމު ދަތުރުފަތުރުގެ ކަންކަން ބެލެހެއްޓުމަށް އައު އޮފީހެއް ރައީސް މުއިއްޒު އުފެއްދެވީ 12 ޖުލައި 2026 ގަ އެވެ. އެ އޮފީސް އުފެއްދި ނަމަވެސް މިހާތަނަށް ރަސްމީކޮށް އެއްވެސް މަސައްކަތެއް ކޮށްފައިނުވެ އެވެ. މި އޮފީސް ހިންގާނީ ޓްރާންސްޕޯޓް މިނިސްޓްރީގެ ދަށުން ކަމަށް ވަނީ ބުނެފަ އެވެ.

މި އޮފީހަކީ މާލެ ސަރަހައްދުގެ މަގުތަކުގައި ދުއްވާ އުޅަނދުފަހަރުގެ އަދަދު އިތުރުވެ، މަގުތަކުގެ ތޮއްޖެހުމުގެ މައްސަލަ ބޮޑުވުމާ ގުޅިގެން އެ ކަމަށް އަވަސް ހައްލެއް ހޯދުމަށްޓަކައި ކަމާބެހޭ ފަރާތްތަކާ ގުޅިގެން ޕްރޮގުރާމުތައް އެކުލަވައިލައި ތަންފީޒުކުރުމަށް އުފެއްދި އޮފީހެއް ކަމަށް ރައީސް އޮފީހުން ބުނެ އެވެ.

މާލޭގެ ޓްރެފިކް މައްސަލަ ހައްލުކުރުމަށް ސަރުކާރުން ވަކި އޮފީހެއް ހެދި ނަމަވެސް މި މައްސަލަ ހައްލުކުރުމަކީ މާލެސިޓީ ކައުންސިލްގެ ޒިންމާއެއް ކަމަށް މޭޔަރު އާދަމް އާޒިމް ވިދާޅުވެފައިވެ އެވެ.