ގަވާއިދާ ޚިލާފަށް ވިލިމާލޭ ފަޅު ބޭނުންކުރަމުންދިޔަ މައްސަލައިގައި އިއްޔެއާއި މިއަދުގެ ތެރޭގައި ޖުމްލަ 11 އުޅަނދަކަށް ފިޔަވަޅު އަޅައި، މާލޭ ސިޓީ ކައުންސިލުން ޖޫރިމަނާކޮށްފި އެވެ.

މާލޭ ސިޓީ ކައުންސިލުން މި އުޅަނދުތައް ޖޫރިމަނާކޮށްފައިވަނީ ކޮންމެ އުޅަނދަކަށް 500 ރުފިޔާގެ މަގުންނެވެ. އެހެންކަމުން، މި މައްސަލައިގައި ޖުމްލަ 5،500 ރުފިޔާއިން އެ އުޅަނދުތައް ވަނީ ޖޫރިމަނާކޮށްފަ އެވެ. ކައުންސިލުން މައުލޫމާތު ދިން ގޮތުގައި މި ފިޔަވަޅު އަޅާފައިވަނީ ގަވާއިދުން ހުއްދަ ނަގައިގެން ފަޅު ބޭނުންކުރާ އެހެން ފަރާތްތަކަށް އުނދަގޫވާ ގޮތަށް، އުސޫލުތަކާ ޚިލާފަށް އަދި އެއްވެސް ބޭނުމެއްނުކޮށް ގިނަ ދުވަސްތަކެއް ވަންދެން ފަޅުތެރޭގެ ތަރުތީބު ގެއްލޭގޮތަށް ބަހައްޓާފައި ހުރި އުޅަނދުތަކަކަށެވެ.

މި ފިޔަވަޅުތަކަކީ ވިލިމާލޭ ފަޅު ބޭނުންކުރާ އާންމު ރައްޔިތުންނާއި ދަތުރުވެރިންނަށް ދިމާވާ ދަތިތަކަށް ދާއިމީ ހައްލެއް ހޯދައިދިނުމަށާއި، ފަޅުތެރޭގެ އިންތިޒާމުތައް ހަމަޖައްސައި ހުއްދަ ނެތި ފަޅު ބޭނުންކުރުން މަދުކުރުމަށްޓަކައި ކައުންސިލުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އަޅާފައިވާ ފިޔަވަޅުތަކެއް ކަމަށް ކައުންސިލުން ބުނެ އެވެ. މިގޮތުން، ލާމަރުކަޒީ ގާނޫނުގެ ދަށުން މާލެއާއި ވިލިމާލެ ބަނދަރު ބެލެހެއްޓުމުގެ ގަވައިދާއި، ކައުންސިލުގެ 4 ވަނަ ދައުރުގައި ފާސްކޮށްފައިވާ ފަޅުތެރެއިން ފީ ނެގުމުގެ އުސޫލުގެ ދަށުން މި ފިޔަވަޅުތައް އަޅަނީ، އުޅަނދު ނެގުމަށް އޭގެ ވެރިފަރާތަށް އެކަށީގެންވާ މުއްދަތެއް ދިނުމަށްފަހު އުޅަނދުގައި ސްޓިކާ ޖަހައިގެންނެވެ.

މާލޭ ސިޓީ ކައުންސިލުން ވަނީ ފަޅު ބޭނުންކުރުމަށް ކަނޑައެޅިފައިވާ އެންމެހައި އުސޫލުތަކާއި ގަވާއިދުތަކަށް ފުރިހަމައަށް ބޯލަނބައި އިހުތިރާމްކުރުމަށް ހުރިހާ ފަރާތްތަކަށް އިލްތިމާސްކޮށްފަ އެވެ. އަދި އުސޫލުތަކާ ޚިލާފަށް ފަޅު ބޭނުންކުރާ ފަރާތްތަކާމެދު ކުރިއަށް އޮތް ތަނުގައި ވެސް ހަރުކަށިކޮށް ފިޔަވަޅު އަޅަމުން ގެންދާނެ ކަމަށް އެ ކައުންސިލުން ވަނީ ހަނދާންކޮށްދީފަ އެވެ.