އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހުމަދު ޝަމްހީދު ވިދާޅުވެއްޖެ އެވެ.

"އަވަސް" ނޫހަށް ދެއްވި އިންޓަވިއުއެއްގައި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެ ކަން އިއުލާނުކުރައްވާ، މެންބަރު ޝަމްހީދު ވަނީ ރައްޔިތުންގެ ދިމާވެފައިވާ މައްސަލަތަކަށް ހައްލު ހޯދައިދެއްވާ އާންމު ރައްޔިތު މީހާއަށް ވެރިކަން ކޮށްދެއްވާނެކަމުގެ ޔަގީންކަން ދެއްވާފަ އެވެ.  

އެގޮތުން ޝަމްހީދު ވިދާޅުވީ ރާއްޖެ މިއޮތީ އިގުތިސާދީ ގޮތުން ބަނގުރޫޓުވުމާއި ކައިރީގައި ކަމަށެވެ. އަދި ރާއްޖޭ މިހާލަތަށް ދިޔައީ ރާއްޖޭގެ އިގުތިސާދު ނޭނގޭ ބޭފުޅުން ވެރިކަން ކުރައްވަމުން ގެންދަވާތީ ކަމަށެވެ. 

ﷲ އިރާދަކުރެއްވިއްޔާ އަޅުގަނޑު އެމްޑީޕީގެ ކުރިއަށް މި އޮތް ރިޔާސީ ޕްރައިމަރީގައި ވާދަކުރާނަން
ޑރ. އަހުމަދު ޝަމްހީދު

މިހާތަނަށް ރާއްޖޭގައި އުފެދުނު އެކި ސަރުކާރުތަކުން ދިޔައީ ކައިރީގައި އުޅޭ މީހުންނަށް މަންފާ ހޯދައިދެމުން ކަމަށް ވެސް މެންބަރު ޝަމްހީދު ތުހުމަތު ކުރެއްވި އެވެ. އަދި ކޮރަޕްޝަން އިންތިހާއަށް ގޮސްފައިވާ ކަމަށް މެންބަރު ޝަމްހީދު ވިދާޅުވި އެވެ.

ޑިމޮކްރަސީއަށް 18 އަހަރުވިއިރު 500 ބިލިއަން ރުފިޔާ ހޭދަކޮށް 160 ބިލިއަން ރުފިޔާއިން ގައުމު ދަރަނިވެރި ކޮށްފައިވާ ކަމަށާއި މި ހުރިހާ ހޭދައެއް ކުރި ނަމަވެސް ރައްޔިތުންގެ އުންމީދުތައް ހާސިލުނުވި ކަމަށް ވެސް މެންބަރު ޝަމްހީދު ވިދާޅުވި އެވެ.