ގައުމީ މަސްލަހަތު
އިސްކޮށް، ޕާޓީގެ މަސްލަހަތު ކުރިއަށް ނެރުމަށް ރައީސް ޑރ. މުހައްމަދު
މުއިއްޒު ގޮވާލައްވައިފި އެވެ.
ވެރިކަން
ކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ކޮންގްރެސް ފެށުމުގެ ރަސްމިއްޔާތުގައި
ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ގައުމީ މަސްލަހަތު އިސްކޮށް، ޕާޓީގެ
މަސްލަހަތު ކުރިއަށް ނެރުމަށް ހުރިހާ މެންބަރުންނަށް އިލްތިމާސް ކުރައްވާފަ އެވެ. ރައީސް
ވިދާޅުވީ ޕާޓީގެ ހުރިހާ މަންދޫބުން ވެސް އެއް ރޫހެއްގައި، އެއް އާއިލާއެއްގެ ގޮތުގައި
އަދި ވަރުގަދަ ޓީމެއްގެ ގޮތުގައި މަސައްކަތް ކުރައްވާނެ ކަމަށް ޔަގީން ކުރައްވާ ކަމަށެވެ.
މި ރަސްމިއްޔާތުގައި
ރައީސް މުއިއްޒު ވިދާޅުވީ، "އެންމެ ފުރަތަމަ ގައުމު" އެއީ އަބަދުވެސް ޕާޓީގެ
ޝިއާރުގެ ގޮތުގައި ހަނދާން ބަހައްޓަންޖެހޭ ކަމަށެވެ. އަދި ގައުމުގެ ކުރިމަގަށްޓަކައި
ޕާޓީގެ މަސްލަހަތު ކުރިއަށް ނެރެ، އެންމެ ފުރިހަމަ ގޮތުގައި އެ ޒިންމާތައް އަދާކުރުމަށްޓަކައި
ކުރަންޖެހޭ ކަންކަމުގައި ޕީއެންސީގެ މެންބަރުންނަކީ ލާމަސީލު މިސާލެއް ދައްކާ ބަޔަކަށް
ވާންޖެހޭނެ ކަމަށް ވެސް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
ރާއްޖޭގެ
ސިޔާސީ މައިދާން މިހާރު އޮތް ހާލަތުން އެހެން ހާލަތަކަށް ބަދަލުކޮށް، ކުރިއަށް ގެންދިއުމަށް
ކުރަންޖެހޭ މަސައްކަތްތަކުގައި ޕީއެންސީން ނަމޫނާ ދައްކާނެ ކަމުގެ ފުރިހަމަ ޔަގީންކަން
އެބައޮތް ކަމަށް ރައީސް ވިދާޅުވި އެވެ. އެމަނިކުފާނު އިތުރަށް ވިދާޅުވީ ޕާޓީގެ މަސައްކަތްތައް
ބައްޓަން ކުރަންވާނީ ގައުމީ މަސްލަހަތަށް އެންމެ ފައިދާހުރި ގޮތަށް ކަމަށެވެ.
ޕީއެންސީގެ
ކުރިއެރުމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ، އެ ޕާޓީގެ
މެންބަރުންގެ އަދަދު މިހާރު ގާތްގަނޑަކަށް 80،000 އަށް އަރާފައިވާ ކަމަށެވެ. މިއީ ޕާޓީގެ
ހުރިހާ މެންބަރުންނާއި ސަޕޯޓަރުން ޕާޓީ ވަރުގަދަ ކުރުމަށްޓަކައި ކުރަމުންދާ ބުރަ މަސައްކަތުގެ
ނަތީޖާކަން ރައީސް ފާހަގަކުރެއްވި އެވެ.
އެހެންނަމަވެސް،
ފާއިތުވެ ދިޔަ ދުވަސްތަކުގައި ޕާޓީއަށް މެންބަރުން އިތުރުކުރުމުގެ އެކި ހަރަކާތްތަކަށް
ސަރުކާރުގެ މުވައްޒަފުންނަށް މަޖުބޫރު ކުރުވުމުގެ އެތައް މައްސަލަތަކެއް ވަނީ
ފެންމަތިވެފަ އެވެ.