ސަރުކާރު ހިންގާ މައި ޕާޓީ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ މަތީ މަޖިލިސް ފަށައިފި އެވެ. 

އަންގާރަ ދުވަހު ހެނދުނު ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ޕީއެންސީގެ ކޮންގްރެސް އިފްތިތާހުކޮށްދެއްވާފަ އެވެ. މި ކޮންގްރެސް ކުރިއަށް ދާނީ ސޯޝަލް ސެންޓަރުގައި އަންގާރަ ދުވަހުން ފެށިގެން ހުކުރު ދުވަހުގެ ނިޔަލަށެވެ.

ޕީއެންސީގެ ކޮންގްރެސްގައި ބައިވެރިވުމަށްޓަކައި އެ ޕާޓީ ތަމްސީލު ކުރައްވާ ކައުންސިލްތަކުގެ ރައީސުންނާއި އަންހެނުން ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ރައީސާއިން އަދި މަންދޫބުން ވަނީ މާލެ އައިސްފަ އެވެ. އަދި މި ކޮންގްރެސްގައި 1300 މެންބަރުން ބައިވެރިވާކަމަށް އެޕާޓީން ބުނެ އެވެ.  

ޕީއެންސީގެ މި ކޮންގްރެސްގައި އެ ޕާޓީގެ ނައިބު ރައީސް ހޮވުމުގެ އިތުރުން އިތުރު އެހެން ބައެއް މުހިއްމު ނިންމުންތައް ނިންމާނެ ކަމަށް ވެސް އެ ޕާޓީން ބުނެ އެވެ. 

މީގެ އިތުރުން، އާއްމުކޮށް ހުޅުވާލާ 18 ގޮނޑިއަށް 73 ކެންޑިޑޭޓުންނާއި، ނައިބު ރައީސް ކަމަށް 11 ކެންޑިޑޭޓުންނާއި، އަންހެނުންނަށް ހާއްސަކުރާ 10 ގޮނޑިއަށް 23 ކެންޑިޑޭޓުން އަދި ޒުވާނުންނަށް ހާއްސަކުރާ 7 ގޮނޑިއަށް 13 ކެންޑިޑޭޓުން ކުރިމަތިލާފައިވާކަމަށް ވެސް ޕީއެންސީ އިން ބުނެ އެވެ. 

އިލެކްޝަންސް ކޮމިޝަންގެ ދަފުތަރުގައިވާ ގޮތުން، ޕީއެންސީގައި މިވަގުތު 67،579 މެންބަރުން ތިބިއިރު، އެ ޕާޓީގެ މެންބަރުންގެ އަދަދު 77000 އަށް އަރާފައިވާ ކަމަށް ޕީއެންސީ އިން ވަނީ ބުނެފަ އެވެ.