ދިވެހިރާއްޖެ އާއި މެލޭޝިއާއާ ދެމެދު ދެ އެމްއޯޔޫއެއްގައި ސޮއިކޮށްފި އެވެ. 

އަންގާރަ ދުވަހު ހެނދުނު ރައީސް އޮފީހުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ދިވެހިރާއްޖެއާއި މެލޭޝިއާއާ ދެމެދު ދިފާއީ ދާއިރާއިންނާއި އިސްލާމީ ކަންތައްތަކުގައި ގުޅުން ބަދަހިކޮށް އެއްބާރުލުން ދިނުމާ ބެހޭ ދެ އެމްއޯޔޫއެއްގައި ސޮއިކޮށްފައިވެ އެވެ.

މި ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އަދި މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމްގެ އިތުރުން، ދެ ގައުމުގެ ސަރުކާރުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި އެވެ. 

އެގޮތުން، އިސްލާމީ ކަންކަމުގައި އެހީތެރިކަން ފޯރުކޮށްދިނުމުގެ ދާއިރާއިން ސޮއިކުރެވުނު އެމްއޯޔޫގައި ދިވެހިރާއްޖޭގެ ފަރާތުން ސޮއިކުރައްވާފައި ވަނީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އެވެ. އަދި މެލޭޝިއާ ސަރުކާރުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރ އޮފް އިންވެސްޓްމަންޓް، ޓްރޭޑް އެންޑް އިންޑަސްޓްރީ ޖޮހާރީ އަބްދުލް ޣަނީ އެވެ. 

ދިފާއީ ދާއިރާއިން އެއްބާރުލުން ދިނުމުގެ އެމްއޯޔޫގައި ދިވެހިރާއްޖޭގެ ފަރާތުން ޑިފެންސް މިނިސްޓަރު ސޮއިކުރައްވާފައިވާއިރު، މެލޭޝިއާ ސަރުކާރުގެ ފަރާތުން ސޮއިކުރައްވާފައިވަނީ އިންވެސްޓްމަންޓް މިނިސްޓަރު ޖޮހާރީ އަބްދުލް ޣަނީއެވެ.