ވިޔަފާރި އަދި ޚާއްސަ ވިސާގައި ދިވެހިރާއްޖެއަށް އެތެރެވާ ބިދޭސީންނަށް، ރާއްޖޭގައި ތިބެގެން ވަރކް ވިސާއަށް ބަދަލުނުވެވޭ ގޮތަށް ހަދައިފި އެވެ.
މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ނެރުނު އިއުލާނެއްގައި ބުނެފައިވަނީ، ވިޔަފާރި ވިސާއަކީ ވިޔަފާރީގެ ކަންކަމާ ގުޅިގެން ކުރު މުއްދަތަކަށް ރާއްޖެއިން ބޭރުން ޕްރޮފެޝަނަލް ފަރާތެއް ގެންނަންޖެހޭ ހާލަތްތަކުގައި ދޫކުރެވޭ ވިސާއެއް ކަމަށެވެ.
ނަމަވެސް ބައެއް ވިޔަފާރިތަކުން ވަރކް ޕަރމިޓް ހޯދުމުގެ މަސައްކަތް އަވަސްކުރުމުގެ ބޭނުމުގައި، ނަހަމަ ގޮތުގައި ވިޔަފާރި ވިސާ ބޭނުންކޮށްގެން ރާއްޖެއަށް މީހުން އެތެރެކުރުމަށްފަހު ވަރކް ވިސާއަށް ބަދަލުކުރަމުންދާކަން ހޯމް މިނިސްޓްރީއަށް ފާހަގަކުރެވިފައިވާ ކަމަށް އިއުލާނުގައި ބުނެފައިވެ އެވެ.
އެހެން ކަމުން މި އުސޫލު އިސްލާހު ކުރުމުގެ ގޮތުން 15 ސެޕްޓެމްބަރު 2026 އިން ފެށިގެން ވިޔަފާރި ވިސާ އަދި ޚާއްސަ ވިސާގައި ދިވެހިރާއްޖެއަށް އެތެރެވާ ބިދޭސީންނަށް، ރާއްޖޭގައި ތިބެގެން ވަރކް ވިސާއަށް ބަދަލުނުވެވޭނެ ކަމަށް ވެސް އިއުލާނުގައި ވަނީ ބުނެފަ އެވެ. އަދި މި ވިސާތަކުގައި ރާއްޖެ އެތެރެވެފައިވާ ފަރާތްތަކަށް "އެކްސްޕެޓް ސިސްޓަމް" މެދުވެރިކޮށް ވަރކް ޕަރމިޓަށް އެދި ހުށަނޭޅޭނެ ވާހަކަ ވަޒީފާދޭ އެންމެހައި ފަރާތްތަކަށް އަންގާފައިވެ އެވެ.