މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމަށް ރާއްޖެއިން ރަސްމީ ޢިއްޒަތުގައި މަރުޙަބާ ދަންނަވައިފި އެވެ.
ޖުމްހޫރީ މައިދާނުގައި އަންގާރަ ދުވަހު ބޭއްވެވި މި ރަސްމިއްޔާތުގައި، ބޮޑުވަޒީރު އަންވަރު އިބްރާހީމަށް ރަސްމީކޮށް މަރުޙަބާ ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.
މީގެ އިތުރަށް އެމަނިކުފާނަށް މަރުޙަބާ ދެންނެވުމުގެ ގޮތުން ދަރުމަވަންތަ ސްކޫލުގެ ދަރިވަރުން ސަގާފީ ހުށަހެޅުމެއް ހުށަހަޅައިދިނެވެ. އެއަށްފަހު މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް، އެމްއެންޑީއެފުން ވަނީ 21 ބަޑީގެ ސަލާމެއް އަރުވާފަ އެވެ.
މިރަސްމިއްޔާތުގައި ބޮޑުވަޒީރު އަންވަރު އިބްރާހީމް ވަނީ އެމަނިކުފާނުގެ ޝަރަފުގައި ބޭއްވި ޝަރަފްގެ ގާޑް، އިންސްޕެކްޓް ކޮށްދެއްވާފަ އެވެ. އެއަށްފަހު، ބޮޑުވަޒީރު އަންވަރު އިބްރާހީމަށް ދިވެހި ދައުލަތުގެ އިއްޒަތްތެރީން މަރްޙަބާ ވިދާޅުވެ ތަޢާރަފުވެވަޑައިގަތުމާއި، މެލޭޝިއާގެ ވަފުދުގެ ބޭފުޅުން ތަޢާރަފުކޮށްދެއްވުން ވެސް އޮތެވެ.