ބޮޑުއަގުގައި ބޭރު ފައިސާ ގަނެވިއްކުމުގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ދެ ބިދޭސީން ހައްޔަރުކޮށްފި އެވެ. 

ހޯމަ ދުވަހު "އެކްސް" ގައި ކުރި ޕޯސްޓެއްގައި ފުލުހުން ބުނެފައިވަނީ، ދިވެހިރާއްޖޭގައި ގަވާއިދާ ހިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރުމަށް ގާއިމުކޮށްފައިވާ ހޮޓްލައިނަށް ލިބުނު މައުލޫމާތާ ގުޅިގެން، ފުލުހުންނާއި އިމިގްރޭޝަން ގުޅިގެން ކުރި މަސައްކަތުން، ހުއްދަނެތި އަދި ބޮޑުއަގުގައި ބޭރު ފައިސާ ގަނެވިއްކުމުގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ބަންގްލަދޭޝްގެ ދެ ރައްޔިތަކު އިމިގްރޭޝަންގެ ބަންދަށް ގެންގޮސްފައިވާ ކަމަށެވެ.

އެގޮތުން، ބަންދުކޮށްފައިވަނީ  އެމްޑީ މަސްއޫދު އަހުމަދު އަދި އަބޫ ތާހިރު އެވެ. މީގެ ތެރެއިން އެމްޑީ މަސްއޫދު ސެޕްޓެމްބަރު 11 ވަނަ ދުވަހު ބަންދުކޮށްފައިވާއިރު، އަބޫ ތާހިރު ބަންދުކޮށްފައިވަނީ ސެޕްޓެމްބަރު 14 ވަނަ ދުވަހުގެ ވަގުތެއްގަ އެވެ.

މި މައްސަލައިގެ ތަހުގީގު ދިވެހި ފުލުހުންގެ ޚިދުމަތުން މިހާރު ވެސް ކުރިއަށްގެންދާ ކަމަށާއި، މި ދެ މީހުންނާމެދު އަޅާނެ ފިޔަވަޅުތައް ނިންމާނީ ތަހުގީގަށް ލިބޭ އިތުރު މައުލޫމާތާއި ހޯދުންތަކުގެ މައްޗަށް ބިނާކޮށް ކަމަށް ފުލުހުން ބުނެފައިވެ އެވެ.