ރާއްޖޭގެ އެކި ހިސާބުތަކަށް މިހާރު ކުރަމުންދާ ވިއްސާރައިގައި، ހޯމަ ދުވަހު ވެސް ބޮޑުބަޔަކަށް ވިއްސާރަކޮށް، ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭތީ މޫސުމަށް ސަމާލުވުމަށް މޫސުމާ ބެހޭ ޤައުމީ އިދާރާ (މެޓް) އިން އިލްތިމާސްކޮށްފި އެވެ.
މޫސުމާ ބެހޭ ޤައުމީ އިދާރާއިން މައުލޫމާތުދޭ ގޮތުގައި، ހޯމަ ދުވަހު ހަވީރު 17:00 އިން ފެށިގެން ރޭގަނޑު 23:00 އާ ދެމެދު ހއ. އަތޮޅުން ފެށިގެން ލ. އަތޮޅާ ހަމައަށް ބޯކޮށް ވާރޭވެހި، ގުގުރުން އެކަށީގެންވެ އެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވާނެ ކަމަށް ވެސް އެ އިދާރާއިން ވަނީ ލަފާކޮށްފަ އެވެ.
މެދުރާއްޖެތެރެއާއި އުތުރުގެ ކަނޑުތައް އާންމު ގޮތެއްގައި ގަދަވާނެ ކަމަށާއި، ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި އިތުރަށް ގަދަވާނެ ކަމަށް ވެސް އެ އިދާރާއިން ވަނީ ލަފާކޮށްފަ އެވެ.