ބ. ފުޅަދޫ ނަރުދަމާ ނިޒާމުގެ މަސައްކަތް ހުއްޓިފައިވާތީ އެރަށު ކައުންސިލުން ކަންބޮޑުވުން ފާޅުކޮށްފި އެވެ. 

މިކަމުގެ ކަންބޮޑުވުން ފާޅުކުރައްވާ ރާއްޖެޓީވީއަށް ފުޅަދޫ ކައުންސިލްގެ ރައީސް ހައްސާން މޫސާ ދެއްވި އިންޓަވިއުގައި ވިދާޅުވީ، މި މަޝްރޫއަކީ ނިމިދިޔަ ލޯކަލް ކައުންސިލް އިންތިހާބާ ދިމާކޮށް އޮލަނބު ނަމަކަށް ކިޔާ ކުންފުންޏަކަށް ހަވާލުކޮށްފައިވާ މަޝްރޫއެއް ކަމަށެވެ. 

ހަމައެއާއެކު، އެ މަަސައްކަތް ފެށި ދުވަސްކޮޅު އޮލަނބު ކުންފުނީގެ ބޭފުޅަކާ ގުޅުމުން 3 މަސް ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާނެ ކަމަށް ވިދާޅުވި ކަަމަށެވެ. 

އަޅުގަނޑު ބުނިން ހަމަ ހިޔެއް ނުވެޔޭ ތި ވެދާނެ އޭ ކައުންސިލް އިންތިހާބަށް ކުރި ކަމެއް ކަމަށް ވެސް. ދެން ކޮންމެއަކަސް މަސައްކަތް ކުރިއަށް ގެންދިޔައީ، ގެންގޮސް މިހާރު ހަޔެއްކަ މަސް މިވަނީ އަދި ތިން ވަޅު ބުރި ތެރޭއިން އެންމެ ބާރު ސްޕީޑްގައި ގޮސްފައި އިން ވަޅު ބުރި މިއީ
ހައްސާން މޫސާ

މީގެ އިތުރުން، ނަރުދަމާ ނިޒާމު ގާއިމުކުރުމުގެ ނަމުގައި ވަޅުބުރިތަކަށް ބަހައްޓާފައި ހުރުމުން ހައްސާން ވަނީ ސަރުކާރަށް ފާޑު ވިދާޅުވެފަ އެވެ. އަދި މަސައްކަތަށް ނަގާފައި ހުރި ހައިމާކަކީ އެމްޑަބްލިއެސްސީން ކުއްޔަށް ނަގާފައިވާ އެއްޗެއްކަން ފާހަގަކުރައްވާ ހައްސާން ވަނީ ހައިމާކު ބޭނުންނުކޮށް ހުރި ނަމަވެސް އެޔަށް ކުލި ހިނގަމުން ދާނެ ކަމަށް ވިދާޅުވެ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ. 

ހަމައެއާއެކު، މުސާރަ ނުދޭތީ މަސައްކަތް ކުރަން އައިސް ހުރި އޮލަނބު ކުންފުނީގެ މުވައްޒަފުން ފުރައިގެން ގޮސްފައިވާ ކަމަށް ވެސް ހައްސާން ވިދާޅުވި އެވެ.

ބ. ފުޅަދޫ ފެނާއި ނަރުދަމާ ގާއިމުކުރުމުގެ މަޝްރޫއުއަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ފަށާފައިވާ މަޝްރޫއެކެވެ. އަދި އެ ސަރުކާރު ނިމުނުއިރު ރަށުގެ ތިންބައި ކުޅަ އެއްބައިގައި ހޮޅި އަޅާފައިވާއިރު މި ސަރުކާރު ވެރިކަމަށް އައިފަހުން މަޝްރޫއު ވަނީ ހުއްޓިފަ އެވެ.