ރާއްޖޭގައި ޑޮލަރުގެ ކަޅުބާޒާރެއް އުފެދި، އާދަޔާ ޚިލާފަށް ބޮޑު އަގުގައި ޑޮލަރު ވިއްކަމުންދާ މައްސަލަ ހައްލުކުރުމަށްޓަކައި ސަރުކާރުގެ ކަމާބެހޭ މުއައްސަސާތައް ގުޅިގެން ވަރުގަދަ ފިޔަވަޅުތަކެއް އަޅަން ފަށާފައިވާކަމަށް ބުނެފި އެވެ.

ފާއިތުވި ތިން ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ކަމާބެހޭ ހުރިހާ މުއައްސަސާތަކެއް ގުޅިގެން މިކަމާ ގުޅިގެން ކުރެވުނު މަސައްކަތްތަކާއި މިހާރު ކުރިއަށްދާ މަސައްކަތްތަކުގެ ތަފުސީލު ހިއްސާކުރުމަށް ހޯމަ ދުވަހު ވަނީ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާފަ އެވެ.

މި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ބަންޑާރަނައިބު އަހުމަދު އުޝާމް ވިދާޅުވީ، ރާއްޖޭގައި އާޓިފިޝަލްކޮށް ނުވަތަ ނުފޫޒު ފޯރުވައިގެން، ބޭރު ފައިސާގެ އަގު އިންތިހާއަށް މައްޗަށް ޖައްސަމުންދާ ކަމަށާއި އެކަމަށް ހައްލެއް ހޯދުމަށް ސަރުކާރުން ގިނަ ފިޔަވަޅުތަކެއް އަޅަމުންދާ ކަމަށެވެ. އަދި މި ފިޔަވަޅުތައް އެއްވެސް ހުއްޓުމެއްނެތި ކުރިއަށްދާނެ ކަމުގެ ޔަޤީންކަން ދެއްވާ ކަމަށެވެ.

ބަންޑާރަނައިބު އިތުރަށް ވިދާޅުވީ، ބޭރު ފައިސާ ގަނެވިއްކުމުގެ މުއާމަލާތްތައް ކުރަންވާނީ ޤާނޫނުގައިވާ ގޮތުގެ މަތިން ބޭންކުތައް މެދުވެރިކޮށް ނުވަތަ އެމްއެމްއޭގެ ލައިސަންސް ލިބިފައިވާ ފަރާތްތަކުން އެކަނި ކަމަށެވެ. އަދި އެމްއެމްއޭގެ ހުއްދަނެތި ޑޮލަރު މާރުކުރުމުގެ ވިޔަފާރި ކުރުމަކީ ޤާނޫނާ ޚިލާފު ކަމެއް ކަމަށާއި އެފަދަ ފަރާތްތަކާ މެދު އަޅަންޖެހޭ ޤާނޫނީ ފިޔަވަޅުތައް އަޅުއްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

މީގެއިތުރުން، ޤަވާއިދަށް ގެނެވުނު އިސްލާހުތަކުގެ ދަށުން، ބޭރު ފައިސާއިން އާމްދަނީ ލިބޭ ފަރާތްތަކުން ރާއްޖެއިން ބޭރަށް ފައިސާ ފޮނުވާނަމަ، ނުވަތަ ޕޭމަންޓް ހަދާނަމަ އެމްއެމްއޭގެ ހުއްދަ ހޯދަންޖެހޭނެ ކަމަށް ބަންޑާރަނައިބު އުޝާމް ވިދާޅުވި އެވެ. 

އަދި ބޭރު ފައިސާއާ ބެހޭ ޤާނޫނުތަކާއި ބޭންކިންގ ޤާނޫނާ އެއްގޮތަށް ހުރިހާ ފަރާތްތަކުން ވެސް އަމަލުކުރުމަށް އޭނާ އިލްތިމާސްކުރެއްވި އެވެ.

ނޫސްވެރިއަކު ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ބަންޑާރަނައިބު ވިދާޅުވީ، 40 އިންސައްތަ މާރުކުރަންޖެހޭ މިންވަރަށް އެއްވެސް ލުޔެއް ދިނުމުގެ ވިސްނުމެއް މިވަގުތު ސަރުކާރުގެ ނެތް ކަމަށެވެ. އެއީ އެމްއެމްއޭއިން ހެދި ފުޅާ ދިރާސާތަކަށްފަހު، މި ވަގުތަށް ގެންނަން އެންމެ މުހިންމު ބަދަލުކަމަށް ފެންނާތީ ނިންމާފައިވާ ނިންމުމެއް ކަމަށް ވިދާޅުވި އެވެ. އަދި މި ދާއިރާއިން ދިމާވާ އެކި މައްސަލަތައް ހައްލުކުރުމަށްޓަކައި ޤާނޫނީ އޮނިގަނޑު އިތުރަށް ހަރުދަނާކުރުމުގެ މަސައްކަތް އެމްއެމްއޭއާ ގުޅިގެން ކުރެވެމުންދާ ކަމަށާއި ލަސްތަކެއްނުވެ ގެންނަންޖެހޭ އިސްލާހުތައް ގެންނަވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

މީގެއިތުރުން ބޭރު ފައިސާ މާރުކުރުމުގެ ވިޔަފާރިއަކީ މީގެ އެތައް އަހަރެއް ކުރިންސުރެ އެމްއެމްއޭގެ ޤާނޫނާއި ޤަވާއިދުތަކުގެ ދަށުން ރެގިއުލޭޓް ކުރެވެމުން އައި ކަމެއް ނަމަވެސް، މި މައްސަލަ މިހާ ހިސާބަށް ގޯސްވެގެން ދިޔައީ، ޤާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެންމެ އެކަށީގެންވާ ގޮތެއްގައި ނޭޅި، ރަނގަޅަށް ރެގިއުލޭޓް ނުކުރެވި ގިނަ ދުވަސްތަކެއްވުމުގެ ސަބަބުން ކަމަށް އޭނާ ވިދާޅުވި އެވެ.