މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ބައްދަލުވުމަކަށް ކިޔައި، އެ ބައްދަލުވުމުގައި ޕީއެންސީއަށް ސޮއިކުރަން އަންގައިފި އެވެ. 

ރާއްޖެއެމްވީއަށް އިތުބާރުހުރި މަސްދަރަކުން މައުލޫމާތު ލިބިފައިވާ ގޮތިގައި ސެޕްޓެމްބަރު މަހު 13 ވަނަ ދުވަހު އެމްޕީއެލްއިން ވަނީ އެކުންފުނީގެ ކާގޯގައި މަސައްކަތް ކުރާ ހުރިހާ ދިވެހި މުވައްޒަފުންނަށް "ބަނދަރު މާލަން" ކިޔާ ތަނަކަށް ބައްދަލުވުމަކަށް ކިޔާފަ އެވެ. 

އެގޮތުން މި ބައްދަލުވުމަށް މުވައްޒަފުން ގެންގޮސް، އަންގާފައި ވަނީ ޕީއެންސީއަށް ސޮއިކުރުމަށް ކަމަށާއި، އެތަނުގެ ވެރިން ގޮސް ތިބީ ފޯމްތައް ވެސް ހިފައިގެން ކަމަށް ރާއްޖެއެމްވީއަށް މައުލޫމާތު ލިބިފައިވެ އެވެ. 

މިކަމާއި ގުޅޭގޮތުން އެމްޕީއެލްގެ ބަހެއް ހޯދަން ރާއްޖެޓީވީގެ "ފަށާއިރު" ޕްރޮގްރާމް ތެރެއިން ގުޅައި، އެމްޕީއެލްގެ ބަނދަރު މާލަމުގައި ބަދަލުވުމެއް ބާއްވާ އެތަނުގެ ސްޓާފުންނަށް ޕީއެންސީއަށް ވަންނަން އަންގާފައިވާނެތޯ ސުވާލުކުރުމުން ވަނީ މަޑުކުރުމަށް ބުނެ ފޯން ހޯލްޑްއަށް ލާފަ އެވެ. އަދި ވަގުތުތަކަށް ފަހު ޖަވާބުދެމުން އެމްޕީއެލްގެ އިންފޮމޭޝަން އޮފިސަރު ފޯން ނުނަގާ ކަމަށް ބުނެ ފަހުން ގުޅުމަށް އެދިފައިވެ އެވެ. އަދި އެމްޕީއެލްގައި ބަނދަރު މާލަން ކިޔާ ތަނެއް ހުރޭތޯ ސުވާލުކުރުމުން ވަނީ އެ މައުލޫމާތު ވެސް ދެވޭނީ އިންފޮމޭޝަން އޮފިސަރަށް ކަމަށް ބުނެފަ އެވެ. 

އަޅުގަނޑުމެންގެ އިންފޮމޭޝަން އޮފިސަރަށް ތިޔަށް ޖަވާބުދާރީ ވާން އެނގޭނީ. ފަހުން ގުޅާލަދޭން ވީނުންތޯ. މިވަގުތު އަދި ފޯނަށް ޖަވާބުދާރީ ނުދެއްވާ (އިންފޮމޭޝަން އޮފިސަރ).
އެމްޕީއެލް

މީގެ އިތުރުން، ސަރުކާރު އިތުރު ކުންފުނިތަކުން މުވައްޒަފުންނަށް ސަރުކާރު ހިންގާ މައި ޕާޓީ ޕީއެންސީއަށް ވަންނަން މަޖުބޫރުކުރަމުން ދާކަމަށް ބުނެ ގިނަ އަދަދެއްގެ މުވައްޒަފުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. 

އެގޮތުން ރާއްޖެޓީވީގެ ފަށާއިރު ޕްރޮގްރާމްގެ ތެރެއިން ސްޓެލްކޯއަށް ގުޅުމުން މުވައްޒަފުންނަށް ޕީއެންސީއަށް ވަންނަން މަޖުބޫރުކުރަމުންދާކަން ފަޅާއެރި އެވެ.

ޕީއެންސީ މެންބަރުންގެ އަދަދު 80،000 އާ ގާތްކޮށްފައިވާއިރު، އެ ޕާޓީއަށް މެންބަރުން ވައްދަމުން ދަނީ ސަރުކާރު ކުންފުނިތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ވަޒީފާގެ ބިރު ދައްކައިގެން ކަމަށް ގިނަ އަދަދެއްގެ ރައްޔިތުން އަންނަނީ ބުނަމުންނެވެ.