ސަރުކާރު ހިންގާ ޕީއެންސީ އަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ދީފި ނަމަ ޑޮލަރުގެ އަގު ހުއްޓުމެއް ނެތި މައްޗަށް ދާ ދިއުން ހުއްޓޭނެކަމުގެ ޔަގީންކަން ދެއްވި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު، އެކަމާ ގުޅިގެން ދޮގު ހައްދަވައިފި އެވެ. 

ހޯމަ ދުވަހު ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ވަނީ މަޖިލީހުގެ މެޖޯރިޓީ ލިބިއްޖެ ނަމަ ޑޮލަރުގެ އަގު ތިރި ކުރައްވާނެ ކަމަށް މިނިސްޓަރު ވިދާޅުވެފައިވާތީ އެކަމާ ގުޅޭގޮތުން ސުވާލެއް ދަންނަވާފަ އެވެ. 

އެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ސައީދު ވިދާޅުވީ، އެ ޔަގީންކަން ނުދެއްވާ ކަމަށެވެ. އަދި ނޫސްވެރިން އުޅެނީ މިނިސްޓަރު ދައްކަވާ ވާހަކަ މެނިޕިއުލޭޓް ކުރަން ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. 

އަޅުގަނޑު، ސަރުކާރަށް މެޖޯރިޓީ ލިބިއްޖެނަމަ ރަސްމީ ރޭޓަށް ޑޮލަރު ގެންނަން މަސައްކަތް ކުރާނެ ވާހަކަ، އެއީ ވާހަކައެއްގެ މުޅި ޖުމްލަ، ބޮޑު ސްޕީޗެއްގެ ތަންކޮޅެއް. އޭގެ ދިޔަ އަނެއް ބައިބައި ވެސް އަޑު އައްސަވާ. މިއީ ވެސް މެނިޕިއުލޭޓް ކުރުން. ޖުމްލަ ވާހަކައަކީ ރާއްޖޭގެ އިގުތިސާދު ހަމަޔަކަށް އެޅުވުމާއި، ރާއްޖެ ވެއްޓިފައި އޮތް ދަރަނީގެ ދަންތުރައިން ސަލާމަތް ކުރުމާއި، ބޮޑު ދަރަނި އަދާކުރުމުގައި ރައީސް އަށް ވާގިވެރި ވާނެ ރައްޔިތުންގެ މަޖިލިސް މެންބަރުން ތިބެއްޖެ ނަމަ ވަރަށް ފަސޭހަ ވާނެއޭ ކަންކަން ކުރަން. އެކަން މިއަދު ފެނިގެން މި ދަނީ
މުހައްމަދު ސައީދު

މިނިސްޓަރު ސައީދު އެހެން ވިދާޅުވި ނަމަވެސް މަޖިލިސް އިންތިހާބުގެ ތެރޭގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އާއެކު ލ. މާވަށުގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ސައީދު ވަނީ އެ ޔަގީންކަން ދެއްވާފަ އެވެ. އެގޮތުން ސައީދު ވަނީ ޑޮލަރުގެ ރޭޓު 15.42 އަށް ވުރެ ކުޑަ ވާނެ ކަމަށް ވެސް އެ ދުވަހު ވިދާޅުވެފަ އެވެ.

ހަމައެކަނި އަޅުގަނޑުމެންނަށް މަޖިލީހުގެ މެޖޯރިޓީ ލިބިގެން ވިޔަސް ދިވެހި ރުފިޔާ ޑޮލަރުގެ ކުރިމަތީގައި 30-40 ޕަސެންޓު ވަރުގަދަވެގެންދާނެ. ކޮބައިތޯ ނަތީޖާއަކަށް ވާނެ ކަމަކީ. 15.42 އަކަށްވުރެ ވެސް ޑޮލަރު ރޭޓް ދަށަށް ދިޔުމެއް ނޫންތޯ މުސްތަގުބަލުގައި
ލ. މާވަށުގައި ބޭއްވި ޖަލްސާގައި އިކޮނޮމިކް މިނިސްޓަރު ސައީދު ވިދާޅުވި

އެ ސުވާލު މީގެ ކުރިން ވެސް މިނިސްޓަރާ އެތައް ފަހަރެއްގެ މަތިން މެންބަރުންނާ ނޫސްވެރިން ވެސް ކޮށްފައިވާއިރު މިނިސްޓަރު އެ ސުވާލަށް ސީދާ ޖަވާބެއް ދެއްވާފައެއް ނުވެ އެވެ. އެ ސުވާލު ކުރުމުން މިނިސްޓަރު ސައީދު ދެއްވަނީ އެކި ފަހަރު އެކި ޖަވާބެވެ.

އެގޮތުން ޕީއެންސީއަށް މަޖިލީހުގެ މެޖޯރިޓީ ލިބުނު ކަން އެއީ ދިވެހިރާއްޖޭގެ ނަސީބު ކަމަށާއި އެހެން ނޫން ނަމަ ރާއްޖެ ބަނގުރޫޓްވާނެ ކަމަށް އެއްފަހަރު ވިދާޅުވި އިރު، ހަމަ އެ ސުވާލު ކުރުމުން ސައީދު ވަނީ  ރާއްޖެ އިން ދަރަނި ދައްކާފައިވާތީ އެ ވާހަކަ ވެސް ޖަވާބުގެ ގޮތުގައި ދެއްވާފަ އެވެ. އެގޮތުން މިހާތަނަށް 1.2 ބިލިއަން ޑޮލަރުގެ ދަރަނި ދައްކާފައިވާ ކަމަށާއި 'ދަރުވާލާފައިވާ' ކުންފުނިތައް ކޮޅަށް ޖަހާފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

ނަމަވެސް އެންމެ ފަހުން ހޯމަ ދުވަހު މިނިސްޓަރު ވިދާޅުވީ އެހެން ވިދާޅުނުވާ ކަމަށެވެ. އަދި ނޫސްވެރިން އެމަނިކުފާނުގެ މުޅި ސްޕީޗު ބަދަލުކޮށް، މެނިޕިއުލޭޓް ކުރަނީ ކަމަށެވެ.