ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މި ސަރުކާރުން ވަނީ ގާނޫނު އަސާސީ "ހޭނައްތާލާފައި" ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ ކުރީގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑާ) ވިދާޅުވެއްޖެ އެވެ.

ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ބޮންޑާ ވިދާޅުވީ މި ސަރުކާރުން ހުރިހާ ކަމެއް ކުރަމުންދަނީ ގާނޫނުން ބޭރުން ކަމަށެވެ. އެގޮތުން ގާނޫނުގެ ބާރު ކަނޑުވާލުމަށްފަހު ރައްޔިތުންގެ ފައިސާ އިން އެތައް އިސްރާފެއް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ. 

ބޮންޑާ ވިދާޅުވީ ރައްޔިތުންގެ ފައިސާ އިން ސަރުކާރުން ކުރާ އެންމެ ބޮޑު އިސްރާފަކީ މަޝްރޫއުތައް ހިންގުމުގެ ނަމުގައި ކުރާ އިސްރާފު ކަމަށެވެ. އެގޮތުން މަޝްރޫއުތަކާއި ޕްރޮޖެކްޓުތައް ހިންގުމަށް ކަމަށް ބުނެ ތަކެތި ގެނައި ނަމަވެސް، އެ ތަކެތި ބޭނުން ނުކޮށް ހުރުމުގެ ސަބަބުން ވީރާނާ ވަމުންދާ މަންޒަރު ކޮންމެ ރަށަކުން ވެސް ފެންނަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ. 

އިންޖީނުތަކާ އޭތިމީތި ގެނަސްފައި، އެކި މަސައްކަތް ސަރުކާރު ޕްރޮޖެކްޓް ހިންގާފަ ބިލިއަނުން ފައިސާ ނުދީ ކިހިނެއްތޯ މި ހަދަނީ. މިއީ އާންމު ރައްޔިތުންގެ ޖީބުގަ ހުރި ފައިސާ، އިން ސަރުކާރު ހިންގަނީ. އަދި މި ފައިސާ ނަގާފައި އެއްވެސް މަސައްކަތެއް ކުރަނީ އެއް ވެސް ނޫނޭ. އެހާ ޚަރަދު ކޮށްފައި. ކޮންމެ ދިމާއެއް ބެއްޔަސް އިހުމާލު ފެންނަނީ. ދައުލަތުގެ މުދާތައް ވީރާނާވެ، ހަލާކުވެގެން އެތަން މިތަނުން އެ ދަނީ. ގާނޫނު އަސާސީ އެއޮތީ ހޭ ނައްތާފައި. މި ހުރިހާ ކަމެއްގެ ހައްލު ވެސް އެބައޮތޭ. އެއީ ގާނޫނު އަސާސީ ހޭ އެރުވުން. އެކަމު ގާނޫނު އަސާސީ ހޭ އެރުވޭކަށް ނެތް. އެއީ ގާނޫނު އަސާސީ އޮތީ ހޭނައްތާފަ ރައީސް އޮފީހުގެ މޭޒުމަތީގައި ބާއްވާފައި
އިބްރާހީމް ރަޝީދު (ބޮންޑާ)

އޭގެ އިތުރުން ދައުލަތުގެ ޚަރަދުތައް އިންތިހާ އަށް ބޮޑުވެފައިވާ އިރު، މި ސަރުކާރުން އަދިވެސް ޚަރަދުތައް ރީސްޓްރަކްޗަރ ކުރަން ނޫޅޭ ކަމަށް ބޮންޑާ ވިދާޅުވި އެވެ. ދުނިޔޭގެ މާލީ އެކިއެކި ބޮޑެތި އިދާރާތަކުން އެކި ފަހަރު މަތިން އިގުތިސާދު އަދި ޚަރަދުތައް ރީސްޓްރަކްޗަރ ކުރުމަށް ނަސޭހަތްދީ އިންޒާރު ދިން ނަމަވެސް ސަރުކާރުން އެކަމަށް ދެނީ ބީރު ކަންފަތެއް ކަމަށް ވެސް ބޮންޑާ ވިދާޅުވި އެވެ. 

ބޮންޑާގެ ވާހަކައިގައި ވަނީ ސަރުކާރުގެ ކުންފުނިތަކުން މީރާ އަށް ދައްކަން ޖެހޭ 3.5 ބިލިއަން ރުފިޔާ ނުދައްކާ ވާކަން ފާހަގަކުރައްވާ، ބައެއް މިނިސްޓްރީތަކާއި މުއައްސަސާތަކުން ކަރަންޓު ބިލާއި ފެން ބިލް ވެސް ނުދައްކާ ކަމަށް ވިދާޅުވެފަ އެވެ. އެހެން ނަމަވެސް ރައްޔިތުންނަށް މިފަދަ ކަންކަމުގައި އެއްވެސް ލުޔެއް ނޯންނަ އިރު، މި ސަރުކާރުން އިންސާފުން އެއްވެސް ކަމެއް ނުކުރާކަމަށް އޭނާ ވިދާޅުވި އެވެ.