ރާއްޖެ އަށް މިހާރު ކުރަމުންދާ ވިއްސާރައިގައި، އައްޑޫ ސިޓީ އަށް ވެސް މޫސުން ގޯސްވެ، އައްޑޫ ލިންކް ރޯޑުގެ ހާލަތު ގޯސްވެފައިވާތީ ކޮންމެހެން ދަތުރުކުރަންޖެހިގެން ނޫން ގޮތަށް އެ މަގު ބޭނުން ނުކުރުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފި އެވެ. 

އައްޑޫ ސިޓީ ކައުންސިލުން ނެރުނު ސަމާލުގައި ބުނީ، އައްޑޫ ސިޓީ އަށް މިހާރު ކުރަމުންދާ ވިއްސާރައާއި ގުޅިގެން ރަށުތެރޭގައި ފެންބޮޑުވެފައިވާތީ، ފެން ހިންދުމަށްޓަކައި ޕަމްޕް އެޅުމަށް އެކި ސަރަހައްދުތަކުގައި ހޮޅިތައް މިހާރު އެޅިފައިވާ ކަން ރައްޔިތުންގެ ސަމާލުކަމަށް ގެންނަ ކަމަށެވެ. 

މި ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކްރޯޑްގެ ހާލަތި އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތުގައި ވާތީ މަގުތައް ބޭނުންކުރާއިރު ހުރިހާ ރައްޔިތުންގެ ސަލާމަތާ ރައްކާތެރި ކަމަށްޓަކައި، ޒަރޫރީ ބޭނުންތަކަށް ނޫން ގޮތަކަށް މި ވަގުތު  އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް ވެސް ސިޓި ކައުންސިލުން ވަނީ އިލްތިމާސް ކޮށްފަ އެވެ. 

އެ ސަމާލުގައި ކައުންސިލުން އިތުރަށް ބުނީ، ލިންކް ރޯޑާއި އެހެނިހެން މަގުތައް ބޭނުން ކުރުމުގައި ސަމާލުވެ، ފެންބޮޑުވެފައިވާ ސަރަހައްދުތަކަށް ބަލައިގެން، އުޅަނދުގެ ސްޕީޑު މަޑުކޮށް ދުއްވުމަށް ވެސް އިލްތިމާސް ކުރާ ކަމަށެވެ. 

ރާއްޖޭގެ އެކި ސަރަހައްދުތަކަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ފެންބޮޑުވުމުގެ ސަބަބުން ލިބިދާނެ ގެއްލުންތަކުން ރައްކާތެރިވުމަށް ދުރާލާ ފިޔަވަޅު އެޅުމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ވެސް ވަނީ އިލްތިމާސް ކޮށްފަ އެވެ.