ބ. ފުޅަދޫ
ސްކޫލަށް އިތުރު ކުރަން ފަށާފައިވާ ތިން ކްލާސްރޫމްގެ މަސައްކަތް ހުއްޓިފައި އޮތުމުގެ
ސަބަބުން އެ ރަށު ކައުންސިލުން ބޮޑު ކަންބޮޑުވުން ފާޅުކޮށްފި އެވެ.

މި މަޝްރޫއަކީ
ރަށުގެ ތައުލީމީ ދާއިރާއަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރުމަށްޓަކައި ނިމިދިޔަ
ސަރުކާރުގައި ފަށާފައިވާ މުހިންމު މަސައްކަތެކެވެ.

ފުޅަދޫ ކައުންސިލުން
ރާއްޖެޓީވީއަށް މައުލޫމާތު ދެމުން ބުނެފައިވަނީ، މި ސަރުކާރު ވެރިކަމާ ހަވާލުވި ހިސާބުން
ފެށިގެން މި މަޝްރޫއުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުގޮސް މުޅިން ހުއްޓިފައިވާ
ކަމަށެވެ. ސަރުކާރު ބަދަލުވުމާއެކު މަސައްކަތް ހުއްޓުމަކަށް އައުމުން، އެކަމުގެ ސަބަބުން
ދަރިވަރުންނާއި ބެލެނިވެރިންނަށް ގިނަ ދަތިތަކަކާ ކުރިމަތިލާން ޖެހިފައިވާކަން ކައުންސިލުން
ފާހަގަކުރެ އެވެ.

މި މަޝްރޫއު
ހުއްޓިފައި އޮތުމުގެ ސަބަބުން ކުރިމަތިވަމުންދާ ގޮންޖެހުންތައް ސީދާ ރައީސުލްޖުމްހޫރިއްޔާ
ޑރ. މުހައްމަދު މުއިއްޒުގެ ސަމާލުކަމަށްވެސް ކުރިން ވަނީ ގެނެސްފަ އެވެ. އެގޮތުން ރައީސް
ފުޅަދޫއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ކައުންސިލުން ވަނީ މި ކަންބޮޑުވުންތައް
އެމަނިކުފާނާ ހިއްސާކޮށްފަ އެވެ.

ކައުންސިލުން
ބުނި ގޮތުގައި، ރަށުގެ ތައުލީމީ ހާލަތާއި ސްކޫލްގެ ޖާގައިގެ ދަތިކަން ހައްލުކުރުމަށް
ކުރިއަށްގެންދާ މި މަޝްރޫއާ ގުޅޭގޮތުން ރައީސާ މަޝްވަރާ ކުރުމުން، އެ މަސައްކަތް ވަރަށް
ގާތުން ބައްލަވައިދެއްވާނެ ކަމުގެ ޔަގީންކަން ރައީސް ވަނީ ދެއްވާފަ އެވެ. ނަމަވެސް
މިހާތަނަށް އައިއިރުވެސް މަސައްކަތް ހުއްޓިފައިވާތީ ރަށުގެ ރައްޔިތުން ތިބީ ނުތަނަވަސްކަމެއްގެ
ތެރޭގަ އެވެ.