ބޭންކް
އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ރުފިޔާ ކާޑުތައް ބޭނުންކޮށްގެން ރާއްޖެއިން ބޭރުގެ
އޮންލައިން ޕްލެޓްފޯމްތަކުގައި ވިޔަފާރިކުރެވޭނެ ދުވާލުގެ ލިމިޓްތަކެއް ކަނޑައަޅައި،
އެކަން އެ ބޭންކުން އިއުލާނުކޮށްފި އެވެ.

ބޭންކުން
ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވާ ގޮތުގައި، ދެމެހެއްޓެނިވި ގޮތެއްގައި އަދި ދޭތެރެ
ދޭތެރެއިން މުރާޖައާ ކުރެވޭ ގޮތަށް ކަނޑައެޅި މި އައު ލިމިޓްތަކަށް އަމަލުކުރަން ފަށާނީ
13 ސެޕްޓެންބަރު 2026 އިން ފެށިގެންނެވެ.

މި ބަދަލު
ގެންނަން ޖެހުނު ސަބަބާ ގުޅޭގޮތުން ބީއެމްއެލް އިން ބުނީ، ރާއްޖެއިން ބޭރުން ތަކެތި
ގަތުމަށާއި އެކި ޚިދުމަތްތަކަށް ފައިސާ ދެއްކުމަށް ޑެބިޓް އަދި ކްރެޑިޓް ކާޑުން ކުރާ
މުއާމަލާތްތަކަށް ބޭނުންވާ ބޭރު ފައިސާގެ މިންވަރު ދުވަހުން ދުވަހަށް އިތުރުވަމުންދާ
ކަމަށެވެ. ޚާއްސަކޮށް އީ-ކޮމާސް ނުވަތަ އޮންލައިން ވިޔަފާރިތަކަށް ބޭނުންވާ ޑޮލަރުގެ
މިންވަރު މިހާރު ހުރީ ބޭންކަށް އެކި ވަސީލަތްތަކުން ލިބެން ހުރި މިންވަރަށްވުރެ މަތީގައި
ކަމަށް ބޭންކުން ފާހަގަކުރެ އެވެ.

ބީއެމްއެލްއިން
ބުނާ ގޮތުގައި ބޭރު ފައިސާއަށް އޮތް ބޮޑު ޑިމާންޑުގެ ސަބަބުން ބޭންކުގެ ބޭރު ފައިސާގެ
ތަނަވަސްކަމަށް ގޮންޖެހުންތަކެއް ކުރިމަތިވެ، ޒަރޫރީ ބޭނުންތަކަށް ބޭރު ފައިސާ ފޮނުވުމަށާއި
ޓެލެގްރަފިކް ޓްރާންސްފަރ (ޓީޓީ) ހެދުމަށް ވަނީ ދަތިތަކެއް ކުރިމަތިވެފަ އެވެ. މީގެ
ސަބަބުން ޚިދުމަތްތައް ލިބުމުގައި ލަސްތަކެއް ދިމާވެ، ކަސްޓަމަރުންގެ ޝަކުވާތައް އިތުރުވަމުންދާތީ،
ބޭންކުގެ ރިޒާވް ޒިންމާދާރުކަމާއެކު ބެލެހެއްޓުމަކީ މިވަގުތަށް ކޮންމެހެން ކުރަންޖެހޭ
ކަމެއް ކަމަށް ބީއެމްއެލް އިން ބުނެ އެވެ.

އައު އުސޫލުގެ
ދަށުން، ރުފިޔާ ކާޑުތައް ބޭނުންކޮށްގެން ރާއްޖެއިން ބޭރުގެ އީ-ކޮމާސް މުއާމަލާތްތައް
ކުރުމަށްޓަކައި ބޭންކުން ވަނީ މަހެއްގެ މައްޗަށް ޖުމްލަ 16 މިލިއަން ޑޮލަރުގެ ކެޕެއް
ނުވަތަ މިންވަރެއް ކަނޑައަޅާފަ އެވެ. މި ޖުމްލަ އަދަދުގެ ތެރެއިން، ކަސްޓަމަރުންގެ
ބޭނުންތަކަށާއި ޚިދުމަތްތަކުގެ މުހިންމުކަމަށް ބަލައި، ވަކިވަކި ދާއިރާތަކުގެ ވިޔަފާރިތަކަށް
ދުވާލަކު ބޭނުންކުރެވޭނެ ވަކި ލިމިޓްތަކެއް މިހާރު ވަނީ ކަނޑައަޅާފަ އެވެ.

ބޭންކުން
ބުނި ގޮތުގައި، ވަކި ދާއިރާއަކަށް ނުވަތަ ވިޔަފާރިއަކަށް ކަނޑައަޅާފައިވާ ދުވަހުގެ
ލިމިޓް ހަމަވެއްޖެނަމަ، ކަސްޓަމަރުންނަށް ޖެހިގެން އަންނަ ދުވަހު އަލުން މުއާމަލާތް
ކުރެވޭނެއެވެ. އަދި ޑޮލަރު ކާޑެއް ގެންގުޅޭ ކަސްޓަމަރުންނަށް އެ ކާޑު ބޭނުންކޮށްގެން
އެއްވެސް ދަތިކަމެއް ނެތި ވިޔަފާރި ފުރިހަމަކުރެވޭނެ ކަމަށް ވެސް ބޭންކުން މައުލޫމާތުދެ
އެވެ.

ކޮންމެ
ދުވަހަކު ވެސް ދުވާލުގެ ލިމިޓްތައް ރީސެޓްވާނީ ހެނދުނު 7:00 ގަ އެވެ. ބީއެމްއެލް އިން
ބުނީ މި ފިޔަވަޅަކީ ރާއްޖެއަށް ބޭނުންވާ ޒަރޫރީ މުދަލާއި ޚިދުމަތްތައް މެދުނުކެނޑި
ލިބޭނެ މަގު ފަހިކުރުމަށާއި ބޭންކުގެ މާލީ ހަމަޖެހުން ހިފެހެއްޓުމަށްޓަކައި އެޅި ފިޔަވަޅެއް
ކަމަށެވެ.

މި ބަދަލާއެކު،
ބީއެމްއެލްގެ ކާޑުތައް ބޭނުންކޮށްގެން އެންމެ ގިނައިން ވިޔަފާރިކުރާ ބޭރުގެ 150 އީ-ކޮމާސް
ޕްލެޓްފޯމްގެ ލިސްޓެއް ބޭންކުން އާންމުކުރާނެ އެވެ. މި ލިސްޓުގައި ޓީމޫ، އަލީބާބާ، އެޕަލް
އަދި އެމެޒޯން ފަދަ ބައިނަލްއަގުވާމީ ބޮޑެތި ރީޓެއިލް އަދި ޓެކްނޮލޮޖީ ޕްލެޓްފޯމްތައް
ހިމެނޭއިރު، މިފަދަ ވިޔަފާރިތަކަށް މަހަކު ޖުމްލަ 3 މިލިއަން ޑޮލަރު ނުވަތަ ދުވާލަކަށް
100,000 ޑޮލަރުގެ ލިމިޓެއް ވަނީ ކަނޑައަޅާފަ އެވެ. ނަމަވެސް މި ލިސްޓުގައި ތައުލީމީ،
ސިއްހީ، ހޮޓެލް ބުކިންގ އަދި ޒަރޫރީ ހިދުމަތްތަކެއް ނުހިމެނެ އެވެ.

ސޯޝަލް
މީޑިއާ ޕްލެޓްފޯމްތަކަށް ބަލާއިރު، މެޓަ (ފޭސްބުކް އަދި އިންސްޓަގްރާމް) އަދި ޓިކްޓޮކް
ފަދަ ވަސީލަތްތަކަށް މަހަކު 1.5 މިލިއަން ޑޮލަރު ނުވަތަ ދުވާލަކަށް 50,000 ޑޮލަރު ވަނީ
ކަނޑައަޅާފަ އެވެ.

މީގެ އިތުރުން،
އޮންލައިންކޮށް އެއާލައިން ޓިކެޓް ގަތުމާއި ހޮޓެލް ބުކިން ހެދުން ފަދަ ދަތުރުފަތުރާ
ގުޅުންހުރި މުއާމަލާތްތަކަށް މަހަކު 6 މިލިއަން ޑޮލަރު ނުވަތަ ދުވާލަކަށް 200,000 ޑޮލަރު
ވަނީ ހަމަޖައްސާފަ އެވެ. އެހެން މީހުންނަށް ޓިކެޓާއި ހުރުމުގެ ހަރަދުތައް ހަމަޖައްސައިދިނުމަށް
ކަސްޓަމަރުން ކުރާ މުއާމަލާތްތައް އިތުރުވެ، ބޭރު ފައިސާ ބޭރަށްދާ މިންވަރު އިތުރުވަމުންދާތީ،
މި ކެޓެގަރީގެ ދަށުން ކޮންމެ ކަސްޓަމަރަކަށް ތިން މަސް ދުވަހުގެ ތެރޭގައި ކުރެވޭނީ
ގިނަވެގެން ތިން މުއާމަލާތް ކަމަށް ބޭންކުން ބުނެ އެވެ.

ޒަރޫރީ
ސަބްސްކްރިޕްޝަންތަކާއި ކަސްޓަމަރުންގެ އާންމު ދިރިއުޅުމަށް ބޭނުންވާ މުހިންމު ދާއިރާތަކަށް
މަހަކު 3 މިލިއަން ޑޮލަރު ނުވަތަ ދުވާލަކަށް 100,000 ޑޮލަރު ކަނޑައަޅާފައިވާއިރު، ކުރިން ބަޔާންކޮށްފައި ނުވާ އެހެނިހެން ހުރިހާ އީ-ކޮމާސް ވިޔަފާރިތަކަށް މަހަކު ޖުމްލަ
1.8 މިލިއަން ޑޮލަރު ނުވަތަ ދުވާލަކަށް 60,000 ޑޮލަރު ވަނީ ހާއްސަކޮށްފަ އެވެ.

ސިއްހީ
އަދި ތައުލީމީ ކަންކަމާ ގުޅޭ މުއާމަލާތްތަކަށް ބޭންކުން ވަކި މާރޗަންޓް ލެވެލްއެއް
ނުވަތަ ކެޓެގަރީ ލިމިޓެއް ކަނޑައަޅާފައެއް ނުވެ އެވެ. މިފަދަ މުއާމަލާތްތައް ހަމަޖެހިގެންދާނީ
ބީއެމްއެލް އިން މަހަކަށް ކަނޑައަޅާފައިވާ 16 މިލިއަން ޑޮލަރުގެ ޖުމްލަ އަދަދުގެ ތެރެއިންނެވެ.
ބޭންކުން މައުލޫމާތު ދޭ ގޮތުގައި މި ޒަރޫރީ ހިދުމަތްތައް މެދުނުކެނޑި ލިބޭނެކަން ކަށަވަރުކުރުމަށްޓަކައި،
އެހެން ކެޓެގަރީތަކާ ވަކިން ހާއްސަ ބަފަރއެއް ނުވަތަ އިތުރު މިންވަރެއް ބޭންކުން ދަމަހައްޓާނެ އެވެ.

ބީއެމްއެލް
އިން އިތުރަށް ހާމަކުރި ގޮތުގައި، މުއާމަލާތްތައް ކުރާ މިންވަރާއި، ކަސްޓަމަރުން މުއާމަލާތްކުރާ
ގޮތްތަކުގެ އިތުރުން ބޭންކުގައި ބޭރު ފައިސާ ހުރި މިންވަރަށް ބަލައި، ދާއިރާތަކަށް
ކަނޑައެޅިފައިވާ އަދަދުތަކަށް އެވަގުތަކަށް އެންމެ އެކަށީގެންވާ ބަދަލުތައް ގެންނަމުންދާނެ
އެވެ. މި ފިޔަވަޅުތަކަކީ ކަސްޓަމަރުންގެ އަމިއްލަ ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ފައިސާ
ލިބޭނެކަން ކަށަވަރުކުރުމަށް އެޅި މުހިންމު ފިޔަވަޅުތަކެއް ކަމަށް ބޭންކުން ބުނެ އެވެ.