ވައްކަން ކުރުމާއި ފޭރުމާއި ރިބާ ކެއުމާއި އަދި މަކަރާއި ހީލަތް ހެދުން ފަދަ ހުރިހާ ކުށްތަކަކީ އިސްލާމްދީނުގައި ހަރާމްކުރައްވައި ނަހީކުރައްވާފައިވާ ކަންކަން ކަމަށާއި، އިޖުތިމާއީ ފަސާދައިގެ ހުރިހާ ނުބައި އަމަލުތަކަކުން ދުރުހެލިވުމަށް މި މާތް ދީން އަންގަވާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ދިވެހިރާއްޖެއަށް އިސްލާމީ ހިދާޔަތު ލިބުނުތާ ހިޖުރީގޮތުން 900 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ހުޅުމާލޭ ސެންޓްރަލް ޕާކުގައި ހޮނިހިރު ދުވަހުގެރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް މުއިއްޒުގެ ވާހަކަފުޅުގައި ފާހަގަކުރެއްވި ގޮތުގައި، އިސްލާމީ ޝަރީއަތުން އިންސާނާއަށް ކަށަވަރުކޮށްދޭ އެންމެ މުހިންމު އެއް ކަމަކީ އޭނާގެ މުދަލުގެ ރައްކާތެރިކަމެވެ. އެގޮތުން ވައްކަމާއި ފޭރުމާއި ޚިޔާނާތްތެރިވުން ފަދަ ކަންކަން މަނާކުރައްވައި، އޭގެ ބަދަލުގައި އިންސާނާގެ ތަނަވަސްކަމަށްޓަކައި ހެޔޮ އަދި ހަލާލު ގޮތުގައި މުދާވެރިވެ، ފައިސާ ހޯދޭނެ މަގުތައް އިސްލާމްދީން ވަނީ ދައްކަވާފަ އެވެ. އަދި ހަލާލު ގޮތުގައި ވިޔަފާރި ކުރުމަކީ އިސްލާމްދީން ނުހަނު ބޮޑަށް ބާރުއަޅައި ތަރުހީބުދޭ ކަމެއްކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

މީގެއިތުރުން ރައީސް މުއިއްޒު ވިދާޅުވީ، ވައްކަން ކުރުމަކީ ހަމައެކަނި މީހެއްގެ އަޚުލާގަށް އަންނަ ބަދަލެއް ނޫން ކަމަށާއި، އަދި މުދާ ފޭރުމަކީ ހަމައެކަނި ވަގުތީ ގޮތުން އުފެދޭ ބިރުވެރިކަމެއް ނޫން ކަމަށެވެ. އެފަދަ ކަންކަމަކީ މުޖުތަމައެއްގައި އިންސާނީވަންތަކަން އަނދައި އަޅިއަށްވެފައިވާ މިންވަރު ދައްކުވައިދޭ، މާ ހިތާމަވެރި އަދި ނުރައްކާތެރި އިޖުތިމާއީ އަދި ގައުމީ ހާލަތެއްގެ ނަތީޖާ ކަމަށެވެ. އަދި އެފަދަ ތަނެއްގައި އެއްވެސް އަމާންކަމެއް، ރައްކާތެރިކަމެއް އަދި ހިތްތަކުގެ ހަމަޖެހުމެއް ނޯންނާނެ ކަމަށް ވެސް ވިދާޅުވި އެވެ.

އިހުގެ ދިވެހިންގެ ދިރިއުޅުމަށް އަލިއަޅުއްވާލައްވަމުން ރައީސް މުއިއްޒު ވިދާޅުވީ، މީގެ އެތައް ސަތޭކަ އަހަރެއް ކުރިން ދިވެހީން އިސްލާމްދީން ގަބޫލުކޮށް، ބިނާކުރި މުޖުތަމައަކީ މިފަދަ ހުރިހާ ނުބައި ކަންކަމުން ބަރީއަވެފައިވާ ތަނެއްކަން ތާރީޚީ ފަތްފުށްތަކުން އެނގެން އޮތް ކަމަށެވެ. އެ ދުވަސްވަރު ގޭގޭގެ މައިދޮރުގައި ތަޅުލަން ނުޖެހޭ ކަމަށާއި، ފިހާރަތަކަށް މީހުން ދިއުމުން ފިހާރައިގެ ތަޅުދަނޑި ދިއްކޮށްލާ ނުވަތަ ފައިސާ ނެތްނަމަ ފޮތުގައި ލިޔެލާފައި ތަކެތި ގެންދިއުމަށް އިތުބާރުކުރި ޒަމާނެއް ދިވެހީން ތަޖުރިބާކޮށްފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

އޭރު ގޭގޭގެ މައި ދޮރުގައި ތަޅުލާކަށް ނުޖެހޭ. އޭރު ބައެއް ރަށްރަށުގައި ފިހާރައަށް އެއްޗެތި ގަންނަން އަންނަ މީހާއަށް ފިހާރައިގެ ތަޅުދަނޑި އެބަ ދިއްކޮށްލެވޭ. ނުވަތަ ހުޅުވާފައި ހުރިއްޔާ ބޭނުން އެއްޗެއް ނަގައިގެން ދާށޭ ލާރި ނުގެނެވެންޏާ މޭޒުމަތީގައި އޮތް ފޮތުގައި ލިޔެލާފަ ދާށޭ ތަނުގެ ވެރިމީހާ އެބަ ބުނޭ. މިއީ އެތައް ބަޔަކު ތަޖްރިބާ ކޮށްފައިވާ ހަގީގަތް. މިއީ ދިވެހީން ދެކެފައިވާ އިސްލާމީ އިތުބާރު 
ރައީސް މުއިއްޒު

އެހެންކަމުން ރައީސް މުއިއްޒު ވިދާޅުވީ، އިސްލާމްދީނަކީ ހަމައެކަނި ރޫހާނީ ދީނެއް ނޫން ކަމަށާއި، އެއީ ރޫހާނީ ތަރުބިއްޔަތެއް ކަމަށާއި، ނަފްސާނީ ތަސައްލީއެއްގެ އިތުރުން، މާއްދީ ތަރުބިއްޔަތެއް އަދި އަޚްލާގީ ހަގީގަތެއް ކަމަށެވެ. އަދި އިސްލާމްދީނަކީ އިންސާނިއްޔަތަށް ލިބިފައިވާ ހުރިހާ ސަލާމަތަކާއި ރައްކާތެރިކަމެއްގެ މަތިވެރި އިލާހީ ނިއުމަތް ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވި އެވެ.