އިންސާނީ
ޖަމާޢަތެއްގެ ސަޤާފަތް ނުވަތަ އެބަޔަކު ވިސްނާ ގޮތާއި އިޖުތިމާއީ އަޚުލާޤު ފަސާދަވެއްޖެއްޔާ
އެ ބައެއްގެ ނިމިދިޔުން މާ ދުރަކު ނޯންނާނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު
ވިދާޅުވެއްޖެ އެވެ.

ރާއްޖެ އިސްލާމްވި
ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، ދިވެހީންގެ ސަޤާފީ ސިޔާދަތުގެ ފުރާނައަކީ މާތްވެގެންވާ
އިސްލާމްދީން ކަމަށާއި ދިވެހިރާއްޖެއަކީ ސައްތައިންސައްތަ އިސްލާމީ ދައުލަތެއްގެ ގޮތުގައި
ދެމެހެއްޓުން އިންތިހާޔަށް ބޭނުންތެރި ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ
ވިދާޅުވީ އިޖުތިމާއީ ބައެއް ޢިލްމުވެރީން ވިދާޅުވާ ގޮތުގައި އިންސާނީ ޖަމާއަތެއްގެ
ސަޤާފަތް ނުވަތަ އެބަޔަކު ވިސްނާ ގޮތާއި އިޖުތިމާއީ އަޚުލާޤު ފަސާދަވެއްޖެއްޔާ އެ ބައެއްގެ
ނިމިދިޔުން މާ ދުރަކު ނޯންނާނެ ކަމަށެވެ.

އިސްލާމްދީން
އައުމުގެ ކުރިން ދިވެހި މުޖުތަމައުގައި އޮތް ޝިރުކުގެ އަނދިރިކަމާއި އިޖުތިމާއީ ނަހަމަކަން ނައްތާލައި، ހުރިހާ އިންސާނުންނަކީ މާތް ﷲގެ ޙަޟްރަތުގައި ހަމަހަމަ
ބައެއްކަމުގެ ޙަޤީޤަތް ދިވެހީންގެ ހިތްތަކަށް ފޯރުވައިދިނީ އިސްލާމީ ހިދާޔަތުން
ކަމަށާއި، އިންސާނީ ފުރާނައިގެ ހުރުމަތް ކަށަވަރުކޮށްދީ، އަބުރުވެރިކަމާއި
މުދަލުގެ ރައްކާތެރިކަން ދިވެހީންނަށް ލިބިގެންދިޔައީ މި މާތް ދީނުގެ ސަބަބުންކަން
ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވި އެވެ.

ޚާއްސަކޮށް
ބުއްދި ރައްކާތެރިކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވަމުން،
މަސްތުވާތަކެއްޗަކީ މުޅި މުޖުތަމައާއި އާއިލާތައް ހަލާކުކޮށްލާ ބޮޑު
މުސީބާތެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވި އެވެ. އިސްލާމީ
ތަރުބިއްޔަތުގައި ހިފަހައްޓައިގެން މެނުވީ އެފަދަ ނުރައްކާތަކުން ޤައުމު ސަލާމަތް
ނުކުރެވޭނެ ކަމަށާއި، ބުއްދީގެ އިސްލާހާއެކު އުފެއްދުންތެރި، ހިކްމަތްތެރި ޖީލެއް
ބިނާކުރުމަށް އެންމެން ގުޅިގެން މަސައްކަތްކުރަންޖެހޭ ކަމުގައިވެސް އެމަނިކުފާނު
ވިދާޅުވި އެވެ.

މީގެ
އިތުރުން، ތާރީޚަށް ނަޒަރު ހިންގަވަމުން ރައީސް ވިދާޅުވީ، ދިވެހީން
ޤައުމުގެ ދިފާއުގައި ނިކުތް ކޮންމެ ފަހަރަކު އެކަން ފެށިފައިވަނީ ދީން
ސަލާމަތްކުރުމުގެ ރޫޙާނީ ވިންދުތަކުގެ ތެރެއިން ކަމަށެވެ. އުތީމު މަހާރަދުން
ޕޯޗުގީޒުންނާ ދެކޮޅަށް ކުރެއްވި ޖިހާދުން މިސާލު ނަންގަވަމުން، އެ ދުވަހު ދިވެހި
މުޖުތަމައު ސަލާމަތްވީ ސައްތައިން ސައްތަ އިސްލާމީ ޤައުމެއްގެ ގޮތުގައި ދިވެހީން
ތިބުމުންނާއި ދީނަށް ޣައްދާރުވާނެ ބަޔަކު ދިވެހީންގެ ތެރޭގައި ނުވުމުން ކަމުގައި
ރައީސް ފާހަގަކުރެއްވި އެވެ.

ރައީސްގެ
ވާހަކަފުޅު ނިންމަވާލައްވަމުން، ބަވަނަވެފައިވާ ދުނިޔޭގެ އޮއިވަރުގެ ތެރެއިން
އަންނަ ގޮންޖެހުންތަކުން ދުރުވެ، އީމާންތެރިކަމުގެ ރޫޙު އާކުރުމަށް
އިލްތިމާސްކުރެއްވި އެވެ. އަދި ދިވެހި ޤައުމީ ތަރައްޤީގެ ދީނީ މުސްތަގުބަލު ކޮންމެ
ފަރުދެއްގެ ހިތުން ފެށިގެން މުޅި ޖަމާޢަތަށް ފެތުރިގެންދާ ގޮތަށް
ބައްޓަންކުރުމަށާއި، ދިވެހިރާއްޖެ ސައްތައިން ސައްތަ އިސްލާމީ ދައުލަތެއްގެ
ގޮތުގައި އަބަދުމެ ދެމެހެއްޓެވުމަށް ދިވެހި އެންމެހާ ރައްޔިތުންނަށް އިލްތިމާސް
ކުރެއްވި އެވެ.

ދިވެހީންގެ
ސަޤާފީ ސިޔާދަތުގެ ފުރާނައަކީ، މާތްވެގެންވާ އިސްލާމްދީން. އެހެންވީމާ، ދިވެހީންގެ
ސަޤާފީ ސިޔާދަތު ދިފާއުކުރުމަށްޓަކައި ވެސް، ދިވެހިރާއްޖެއަކީ  ސައްތައިންސައްތަ އިސްލާމީ ދައުލަތެއްގެ ގޮތުގައި
ދެމެހެއްޓުން އިންތިހާޔަށް ބޭނުންތެރި. އިޖުތިމާއީ
ބައެއް އިލްމުވެރީން ވިދާޅުވާ ގޮތުގައި، އިންސާނީ ޖަމާއަތެއްގެ ސަޤާފަތް ނުވަތަ އެބަޔަކު
ވިސްނާ ގޮތާއި އިޖުތިމާއީ އަޚުލާޤު ފަސާދަވެއްޖެއްޔާ އެ ބައެއްގެ ނިމިދިޔުން މާ ދުރަކު
ނޯންނާނެ
ރައީސް މުއިއްޒު

މި
ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ރާއްޖެ އިސްލާމްވިތާ 900 އަހަރު
ފުރުމުގެ މުނާސަބަތުގައި 1 އަހަރު ދުވަހުގެ މުއްދަތަށް ބޭނުންކުރެއްވުމަށް
ހަމަޖެހިފައިވާ ލޯގޯއާއި ޝިއާރު ވެސް އިފްތިތާހުކޮށްދެއްވާފަ އެވެ.