މީގެ ކުރިން ވެސް ފުރުގާން މިސްކިތަށް ބޮޑުކަމުގޮސްގެން ހައްޔަރު ކުރި މީހަކު ހަމަ އެ މިސްކިތަށް އަނެއްކާ ވެސް ބޮޑުކަމުގޮސްގެން ހައްޔަރުކޮށްފި އެވެ.
ފުލުހުން މީޑިއާތަކާ ހިއްސާ ކުރި މެސެޖެއްގައި ބުނީ 2026 ސެޕްޓެންބަރު 10 ވަނަ ދުވަހުގެ ފަތިހު 04:14 އެހައިކަންހާއިރު މަސްޖިދުލް ފުރްގާންއަށް ވަދެ، މިސްކިތުގެ ހުރުމަތް ކެނޑޭ ފަދަ އާންމު އިޖުތިމާއީ މިންގަނޑުތަކާ ހިލާފު އަމަލެއް ހިންގައި، މިސްކިތް ތެރެއަށް ޤަޟާއުޙާޖާ ކުރިކަމުގެ ތުހުމަތުގައި ގ. މާލެހިޔާ 2 02-13 / މާލެ، ނައުޝާދު މޫސާ ހައްޔަރުކޮށްފައިވާ ކަމަށެވެ.
އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކުރުމަށް ކޯޓުން އަމުރު ކުރި ކަމަށާއި މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުން ކަމަށް ވެސް ފުލުހުން ބުނެ އެވެ.
މިދިޔަ 2024 ވަނަ އަހަރުގެ ނޮވެމްބަރު މަހު ވެސް ހަމަ މި މައްސަލައިގައި ހައްޔަރު ކުރި ނައުޝާދުގެ ބަންދަށް އެ ފަހަރު ވެސް ވަނީ 15 ދުވަސް ކޯޓުން ޖަހާފަ އެވެ. ނަމަވެސް ފަހުން އޭނާ ވަނީ ދޫކޮށްލާފަ އެވެ.
މާލޭގެ އަމީނީ މަގުގައި ހުންނަ އެ މިސްކިތައް ގެއްލުންދީފައިވާ މަންޒަރު ފެންނަ ވީޑިއޯ ސޯޝަލް މީޑިއާގައި އެ ފަހަރު ވަނީ އާންމުވެފަ އެވެ. ވީޑިއޯ އިން ފެންނަ ގޮތުގައި ފުރުގާނު މިސްކިތުގެ ޚަތިމުތައް ވަނީ އުކާލާފަ އެވެ. އަދި މިސްކިތުގެ ކަރަންޓު ބޯޑުތަކަށާއި، އިސްކުރުބަރި އަށް ގެއްލުންދީފައިވެ އެވެ.