ހުޅުމާލެއިން ކުޑަ އަގަކަށް
ބިމެއް ވިއްކަން ނިންމީ 2003 ވަނަ އަހަރުން ފެށިގެން ހައްލުނުވެ އޮތް މައްސަލައަކާ
ގުޅިގެން ކަމަށް ހައުސިންގ މިނިސްޓްރީން ވަނީ ބުނެފަ އެވެ. މި މުއާމަލާތުގައި
ގޯހެއް އުޅޭތޯ ބެލުމަށާއި، އޭސީސީގެ ލަފާއެއް މިކަމުގައި ހޯދުމަށް މިނިސްޓްރީން
އަމިއްލައަށް އޭސީސީއަށް ހުށަހަޅާފައިވާއިރު، އެ މުއާމަލާތް ކުރިއަށް ގެންދާނީ އެ
ކޮމިޝަނުގެ ލަފާ މިކަމުގައި ހޯދުމަށްފަހުކަމަށް މިނިސްޓްރީން ވަނީ ބުނެފަ އެވެ.
އެހެންނަމަވެސް، ކުރީގެ
ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް އޭނާގެބްލޮގްގައިވިދާޅުވެފައިވާ ގޮތަށް،
އޭސީސީއަކީ ސަރުކާރުގެ އިދާރާތަކަށް ލަފާދޭން އޮންނަ ތަނެއް ނޫނެވެ. ސަރުކާރުގެ
އިދާރާތަކަށް ލަފާ ދިނުމަށް ބަންޑާރަނައިބުގެ އޮފީހެއް އޮވެ އެވެ.
ޝަމީމް ވިދާޅުވި ގޮތުގައި
އޭސީސީގެ ޤާނޫނުގައި ކޮމިޝަނަށް ދީފައިވާ ބާރުތަކަކީ ކޮރަޕްޝަންގެ ޢަމަލުތައް
ހުއްޓުވުމަށްޓަކައި ކުރަންޖެހޭ ދިރާސާތައްކޮށް، ދައުލަތުގެ އިދާރާތަކުން
އަޅަންޖެހޭ ފިޔަވަޅުތަކުގެ ލަފާ ދިނުމާއި، ކަމާގުޅޭގޮތުން އަންގަންޖެހޭ
އެންގުންތައް އެ އިދާރާތަކަށް އެންގުމުގެ ބާރެވެ.
މިމާއްދާ އޮތް ގޮތުން،
ދިރާސާއެއް ނުކޮށްވެސް ލަފައެއް ނުދެވޭނެކަން ޝަމީމް ވަނީ ފާހަގަ ކުރައްވާފަ އެވެ.
ޝަމީމް ވަނީ މި މައްސަލައިގައި
ފާހަގަވާ ބޮޑު ކަންބޮޑުވުމެއް ވެސް ހިއްސާކޮށްފަ އެވެ. އެގޮތުން މި މާއްދާގައި
އޭސީސީއަށް އޮތީ މިނިސްޓްރީއަށާއި ސަރުކާރަށް ވަކިވަކި މައްސަލަތަކުގައި ލަފާ
ދިނުންކަމަށް ބަލައިފިނަމަ، ދެން ނުކުންނަ މައްސަލަ މާ ނުރައްކާތެރިކަމަށް އޭނާ ވިދާޅުވި އެވެ.
ސަބަބަކީ އެހިސާބުން އޭސީސީއަކީ ސަރުކާރުގެ އިދާރާކަށްވުމެވެ. އަދި ސަރުކާރުގެ
ހިންގުމުގެ ދާއިރާއަށް ވަންނަންނުޖެހޭ މިންވަރަށް ވަނުމެވެ. އެހިސާބުން ދައުލަތުގެ
އިދާރާތަކަށް ފާރަވެރިވުމުގެ ސިފަ، އޭސީސީއަށް ދާއިމީ ގޮތެއްގައި ގެއްލިގެންދާކަމަށް
ޝަމީމް ދެކިލައްވަ އެވެ.
ހަމައެއާއެކު، މި މައްސަލައިގައި
އޭސީސީއިން މިނިސްޓްރީއަށް ލަފައެއް ދީގެން، އެލަފައާ އެއްގޮތަށް ސަރުކާރުން
ޢަމަލުކޮށްފިނަމަ، އޭސީސީއަކަށް އެމައްސަލައެއް ދެނެއް ނުއެއް ބެލޭނެކަންވެސް އޭނާ
ވަނީ ފާހަގަ ކުރައްވާފަ އެވެ. އެހެންވެއްޖެނަމަ މިއީ އަދި މާ ބޮޑު ކަންބޮޑުވުމެއްކަން
ޔަޤީނެވެ.
އެހެން އެކަން ވެދާނެ
ސަބަބެއްކަމަށް ބަޔާން ކުރައްވާފައި އޮތީ އެއީ، އެމައްސަލައިގެ ތަޙްޤީޤެއް
ހިންގުމުގެ ކުރިން، އޭސީސީއިން އެމައްސަލައިގައި ގޮތެއް ނިންމުމެވެ. ޤާނޫނުގައި
ވަކިވަކި އިދާރާތަކަށް ލަފާ ދިނުމުގެ މަސައްކަތް އޭސީސީއާ މަތިކޮށްފައި ނެތީވެސް މި
ބާވަތުގެ މައްސަލަތައް ފެންމަތިވެދާނެތީކަން ޝަމީމް ފާހަގަ ކުރެއްވި އެވެ.
އެންޓި-ކޮރަޕްޝަން ކޮމިޝަނަކީ ސަރުކާރުގެ ގޮތްޕެއް
ނޫނެވެ. މިނިވަން މުއައްސަސާއެއްގެ ހައިސިއްޔަތުން އެ ކޮމިޝަނުގެ ޒިންމާއަކީ ސިޔާސީ
ނުފޫޒުން އެއްކިބާވެ، ދައުލަތުގެ ބާރުތަކާއި މަގާމުތަކުގައި ތިއްބަވާ ފަރާތްތައް ޖަވާބުދާރީ
ކުރުވުމެވެ. އެ ކޮމިޝަނުގެ މިނިވަންކަމަކީ ހަމައެކަނި ނަމެއްގައި އޮންނަންޖެހޭ ކަމެއް
ނޫނެވެ. އެއީ އެ މުއައްސަސާގެ އިތުބާރު ދެމެހެއްޓުމަށާއި، ކޮމިޝަނުން ކުރާ މަސައްކަތްތަކާމެދު
އާންމު ރައްޔިތުންގެ މެދުގައި ޔަގީންކަން އުފެއްދުމަށްޓަކައި ކޮންމެހެން ބޭނުންތެރި
އަސާސެކެވެ.