ބުރާސްފަތި ދުވަހުގެ ރޭގަނޑުގެ ވަގުތެއްގައި ސިނަމާލެ
ބްރިޖުގެ ތަނބަކަށް ދެ ބޯޓު އުރުނު ހާދިސާއާ ގުޅިގެން، އިދިކޮޅު މައި ޕާޓީ، މޯލްޑިވިއަން
ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
އެމްޑީޕީގެ ބަޔާނުގައި ފާހަގަކޮށްފައިވާ
ގޮތުގައި މި ހާދިސާ ހިނގާފައިވަނީ ކަސްޓަމްސްގެ ބެލުމުގެ ދަށުގައި އޮތް، ރިޕަބްލިކް
އޮފް ހައިޓީގައި ރެޖިސްޓްރީކޮށްފައިވާ ނަމަވެސް ވެރިފަރާތް ކަށަވަރުނުވާ ދެ ބޯޓު ނަގިލި
ކަހާލައިގެން ގޮސް ބްރިޖުގައި ޖެހުމުންނެވެ.
މި ހާދިސާއާ ގުޅިގެން އެމްޑީޕީން ނެރުނު ބަޔާނުގައި
ބުނެފައިވަނީ، ބްރިޖުގެ ތަނބަކަށް އުރުނު ދެ ބޯޓަކީ މިދިޔަ އޭޕްރިލް މަހު އެއްވެސް
ހުއްދައެއް ނެތި ރާއްޖޭގެ ސަރަހައްދަށް ވަދެ، މާލެ ސަރަހައްދުގައި ބަނދަރުކޮށްފައި
އޮއްވާ ފެނުނު ދެ ބޯޓު ކަމަށެވެ.
އެ އުޅަނދުތައް ރާއްޖޭގެ ސަރަހައްދުގައި އޮތްކަން
ސަލާމަތީ ބާރުތަކަށް އެނގުނީ ވެސް ބަނދަރުކުރިތާ ހަފުތާއެއް ފަހުން ކަމަށް މީޑިއާތަކުން
ރިޕޯޓުކޮށްފައިވާކަން އެ ޕާޓީން ފާހަގަކުރެ އެވެ. އަދި އޭގެ ތެރެއިން އެއް ބޯޓުގައި
ނަގިއްޔެއް ނެތްއިރު، އިންޖީނު މަސައްކަތް ކުރަނީ ވެސް އެންމެ ބޯޓެއްގައި ކަމަށް މައުލޫމާތު
ލިބިފައިވާ ކަމަށް އެމްޑީޕީން ބުނެ އެވެ.
އެމްޑީޕީގެ ބަޔާނުގައި ބުނެފައިވަނީ، އެ ދެ ބޯޓުގެ
ހާލަތު ހުރި ގޮތުންނާއި މާލެ ކައިރީގައި އަޅާފައި އޮތުމުން ނުރައްކާ ބޮޑުކަމަށް ފާހަގަކުރެވިގެން،
ރައްކާތެރި ތަނަކަށް ބަދަލުކުރަން މީގެ ދޮޅުމަސް ކުރިން ނިންމާފައިވާ ކަމަށެވެ. ނަމަވެސް،
އެ އުޅަނދުތަކުގައި ސަލާމަތީ އެއްވެސް ކަމެއް ފުރިހަމަވެފައި ނެތްކަން އެނގިތިބެ، ދޮޅުމަސް
ދުވަސް ވަންދެން އެ މަސައްކަތް ނުކޮށް ދޫކޮށްލުމަކީ ސަރުކާރުގެ ބޮޑު އިހުމާލެއް ކަމަށް
އެ ޕާޓީން ތުހުމަތުކުރެ އެވެ.
މި ހާދިސާއާ ގުޅިގެން ބްރިޖުގެ އޮނިގަނޑަށް އެއްވެސް
ގެއްލުމެއް ލިބިފައިނުވާ ކަމަށް މިނިސްޓަރ އޮފް ހައުސިންގ، ލޭންޑް އެންޑް އިންފްރާސްޓްރަކްޗަރ
ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވި ނަމަވެސް، އެމްޑީޕީން ވަނީ އެކަމާ މެދު ސުވާލު އުފައްދާފަ
އެވެ. އެހާ އަވަހަށް މުޅި ބްރިޖު ބަލައި، އެތަނަށް ގެއްލުމެއް ނުވާކަން ސަރުކާރުން
ކަނޑައެޅި ގޮތާމެދު އެ ޕާޓީން ކަންބޮޑުވުން ފާޅުކުރެ އެވެ. އަދި މިފަދަ ހާދިސާއަކުން
ބޮޑެތި ގެއްލުންތަކެއް ލިބުމަކީ ދުރުކަމެއް ނޫންކަން ވެސް ބަޔާނުގައި ފާހަގަކޮށްފައިވެ
އެވެ.
މާލެ ސަރަހައްދުގައި ދަތުރުކުރާ އުޅަނދުތަކުގެ
ސަލާމަތްތެރިކަން ޔަގީންކޮށްދިނުމުގައި މި ސަރުކާރު ނާގާބިލުވެ، ފަރުވާކުޑަކޮށްފައިވާ
ކަމަށް އެމްޑީޕީން ބުނެ އެވެ.
ކަސްޓަމްސްގެ ބެލުމުގެ ދަށުގައި އޮތް ބޭރުގެ ދެ
ބޯޓު، އެންމެ ނަގިއްޔެއްގެ އެހީގައި ދޮޅުމަސް ދުވަހު ބޭއްވުމަކީ ބަލައިގަނެވޭނެ ކަމެއް
ނޫން ކަމަށާއި، މިކަންކަން އިސްލާހު ނުކޮށްފިނަމަ މާދަމާ މާލޭގެ ތޮށިގަނޑަށް ނުވަތަ
އެހެން އުޅަނދަކަށް އުރުމުގެ ބިރު އެބައޮތް ކަމަށް ވެސް ބަޔާނުގައިވެ އެވެ.
މީގެ އިތުރުން، ކަމާބެހޭ މުއައްސަސާތަކަށް ނޭނގި
ހުއްދައެއް ނެތް އުޅަނދުތަކެއް ރާއްޖޭގެ ސަރަހައްދަށް ވަދެ ބަނދަރުކުރުމަކީ ގައުމީ
ސަލާމަތަށް އޮތް ބޮޑު ނުރައްކަލެއް ކަމަށް އެމްޑީޕީން ސިފަކުރެ އެވެ. އެހެންކަމުން،
މިކަމުގައި ކަމާގުޅޭ މުއައްސަސާތަކާއި އެތަންތަނުގެ ވެރިން ޒިންމާދާރުކުރުވައި ޖަވާބުދާރީކުރުވަން
ޖެހޭނެ ކަމަށް އެ ޕާޓީން ގަބޫލުކުރެ އެވެ.
ރާއްޖެއަކީ ޖަޒީރާ ގައުމަކަށްވެފައި، ކަނޑުގެ ސަރަހައްދު
ބޮޑުވުމުން ކަނޑުމަތީގެ ސަލާމަތަށް ސަރުކާރުން ވަމުންދާ އިހުމާލު ކުށްވެރިކޮށް، ބޭރުގެ
މިފަދަ އުޅަނދުތަކާމެދު އަމަލުކުރާނެ ހަރުދަނާ އުސޫލެއް އެކުލަވާލައި، އެއާ އެއްގޮތަށް
އަމަލުކުރުމަށް އެމްޑީޕީން ވަނީ ސަރުކާރަށް ގޮވާލާފަ އެވެ.