ރާއްޖޭގެ އެކި ސަރަހައްދުތަކަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ފެންބޮޑުވުމުގެ ސަބަބުން ލިބިދާނެ ގެއްލުންތަކުން ރައްކާތެރިވުމަށް ދުރާލާ ފިޔަވަޅު އެޅުމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ގޮވާލައިފި އެވެ. 

އެންޑީއެމްއޭ އިން އާންމުކުރި މައުލޫމާތުތަކަށް ބަލާއިރު، ރާއްޖެއަށް ކުރަމުންދާ މި ވިއްސާރައިގައި ފޭދޫގެ އެއް ގެއެއްގައި ދިރިނޫޅެވޭ ވަރަށް ފެންބޮޑުވުމުގެ ސަބަބުން، އެ ގޭގައި ދިރިއުޅޭ އަށް މީހަކު މިހާރު ވަނީ ވަގުތީ ބޯހިޔާވަހިކަމަށް ބަދަލުކޮށްފަ އެވެ.

އައްޑޫ ސިޓީގެ ފޭދޫގެ އިތުރުން މަރަދޫގެ ދެ ގެއަކަށް ފެންވަދެގެން ވެސް ވަނީ ރިޕޯޓުކޮށްފަ އެވެ.

އައްޑޫ ސިޓީގެ އިތުރުން ފުވައްމުލައް ސިޓީއަށާއި، ގއ. އަތޮޅާއި ގދ. އަތޮޅުގެ އިތުރުން މެދުރާއްޖެތެރޭގެ ބައެއް އަތޮޅުތަކަށް ވެސް މެދުނުކެނޑި ބޯކޮށް ވާރޭވެހެމުންދާ ކަމަށް އެ އިދާރާއިން ބުނެ އެވެ. ޚާއްސަކޮށް ފުވައްމުލައް ސިޓީގެ ބޮޑު ސަރަހައްދެއްގައި ފެންބޮޑުވެފައިވާ ކަމަށް އެންޑީއެމްއޭ އިން ފާހަގަކުރެ އެވެ.

މި ވިއްސާރައިގައި ފެންބޮޑުވެފައިވާ ރަށްރަށުގައި ފެންހިންދުމުގެ މަސައްކަތް އެމްއެންޑީއެފް އާއި ފުލުހުން އަދި ރަށު ކައުންސިލްތައް ގުޅިގެން ހުއްޓުމެއްނެތި ދަނީ ކުރަމުންނެވެ.

މީގެ އިތުރުން، އާންމުންގެ ގޯތިގެދޮރާއި ފިހާރަތަކާއި އޮފީސްތަކަށް ފެންވަނުން ހުއްޓުވުމަށްޓަކައި ވެލިބަސްތާ ޖެހުމާއި، ރައްކާތެރިކަމުގެ އިތުރު ފިޔަވަޅުތައް އެޅުމުގެ މަސައްކަތް ވެސް ކަމާބެހޭ އިދާރާތަކުން ދަނީ ކުރިއަށް ގެންދަމުންނެވެ.

ކުރިއަށް އޮތް 24 ގަޑިއިރު ތެރޭގައި ވެސް ރާއްޖޭގެ މޫސުން ގޯސްވާނެ ކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވަނީ ލަފާކޮށްފަ އެވެ. އެހެންކަމުން، ކަނޑުދަތުރުފަތުރު ކުރުމުގައާއި ފެންބޮޑުވުމުގެ ސަބަބުން ލިބިދާނެ ގެއްލުންތަކުން ރައްކާތެރިވުމަށް ހުރިހާ ފަރާތްތަކުން ވެސް މޫސުމަށް ޚާއްސަ ސަމާލުކަމެއް ދެއްވުމަށް އެންޑީއެމްއޭ އިން ވަނީ އިލްތިމާސްކޮށްފަ އެވެ.