ބ. ފުޅަދޫގައި
ޕޮލިސް ސްޓޭޝަނެއް ބިނާކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެ ރަށުގެ
ރައްޔިތުންނަށް ވެވަޑައިގެންފައިވާ ވައުދުފުޅަކަށް ވީނަމަވެސް، މި މަޝްރޫއަށް އަހަރެއްވެގެން ދިޔައިރު ވެސް އެއްވެސް އަމަލީ މަސައްކަތެއް ނުފެށި، ޕޮލިސް ސްޓޭޝަން
އެޅުމަށް ހަމަޖެހިފައިވާ ބިން ޖަންގައްޔެއްގެ ގޮތުގައި އޮތް ކަމުގެ ޝަކުވާ އެ ރަށު
ކައުންސިލުން ކޮށްފި އެވެ.
މި މަޝްރޫއާ
ގުޅޭގޮތުން ފުޅަދޫ ކައުންސިލުން މައުލޫމާތު ދީފައިވާ ގޮތުގައި، ރަށުގައި ޕޮލިސް ސްޓޭޝަން
ގާއިމުކުރުމަށް ސަރުކާރުން އެންމެ ފުރަތަމަ އެދުނީ 10،000 އަކަފޫޓުގެ ބިމެއް ދޫކުރުމަށެވެ.
ނަމަވެސް ރަށުގެ ބިމުގެ ދަތިކަން ހުރި ގޮތުން އެވަރުގެ ބޮޑު ބިމެއް ދޫކުރެވެން ނެތް
ކަމަށް ކައުންސިލުން ވަނީ ސަރުކާރަށް އަންގާފަ އެވެ.
އޭގެ ބަދަލުގައި
ކައުންސިލުން ވަނީ ކުރިން ބައު އިންޖީނުގެ ހުރި 5،000 އަކަފޫޓުގެ ބިން ޕޮލިސް ސްޓޭޝަން
އެޅުމަށް ދޫކޮށްފަ އެވެ.
ކައުންސިލުން
ފާހަގަކުރި ގޮތުގައި ފުޅަދޫގައި މިހާރުވެސް ތިބެނީ އެންމެ ދެ ފުލުހުން ކަމަށްވާތީ،
އެ ރަށުގެ ނިސްބަތުން 5،000 އަކަފޫޓުގެ ބިމަކީ ޕޮލިސް ސްޓޭޝަނެއް ބިނާކުރުމަށް އެކަށީގެންވާ
ބޮޑުމިނެއްގެ ބިމެކެވެ. ނަމަވެސް ބިން ހަމަޖެހިފައި އޮތް ނަމަވެސް، އެތަނުގައި އެއްވެސް
މަސައްކަތެއް ކުރިއަށް ނުދާކަން ކައުންސިލުން ހިތާމައާއެކު ފާހަގަކުރެ އެވެ.
ރައީސުލްޖުމްހޫރިއްޔާ
އެ ރަށަށް ކުރެއްވި ދަތުރުފުޅުގައި އެ ބިމުގައި ބިންގާ އަޅައިދެއްވުމަށް ކައުންސިލުން
އެދިފައިވެ އެވެ. އެހެންނަމަވެސް އެ ސަރަހައްދު އޭރު އޮތް ގޮތުން ބިންގާ އެޅޭނެ މާހައުލެއް
ނެތުމުން އެކަން ކުރެވޭ ގޮތް ވަނީ ނުވެފަ އެވެ. އޭގެ ފަހުން ގިނަ ދުވަސްތަކެއް ވެފައިވާއިރު،
މިހާރުވެސް އެ ބިން އޮތީ ވިނަ ބޯވެ ޖަންގައްޔެއްގެ ގޮތުގަ އެވެ.
މީގެ އިތުރުން،
ޕޮލިސް ސްޓޭޝަން އެޅުމަށް ބޭނުންވާ ބައެއް ސާމާނު އެ ރަށަށް ގެންގޮސްފައި ހުރި ނަމަވެސް،
އެ ތަކެތި ހުރީ ހުރި ގޮތަށް ކަމަށާއި އެއްވެސް މަސައްކަތެއް ނުހިނގާ ކަމަށް ކައުންސިލުން
ބުނެ އެވެ. މި މަޝްރޫއު ކުރިއަށް ނުގޮސް ހުއްޓިފައި އޮތުމަކީ ރަށުގެ ރައްޔިތުންގެ ކަންބޮޑުވުން
އޮތް ކަމެކެވެ.
ފާހަގަކޮށްލެވޭ
އަނެއް ކަމަކީ، ނިމިދިޔަ ސަރުކާރުން ތަރައްގީގެ މަޝްރޫއުތައް ފެނަކަ ކޯޕަރޭޝަނާ ހަވާލުކޮށްގެން
ކުރިއަށް ގެންދިއުމުން މިހާރުގެ ސަރުކާރުގެ އިސްވެރިން އޭރު ވަރަށް ބޮޑަށް ފާޑުވިދާޅުވެފައިވާ
ކަމެވެ. ނަމަވެސް، ފުޅަދޫ ޕޮލިސް ސްޓޭޝަން އެޅުމުގެ މަޝްރޫއު ވެސް މި ސަރުކާރުން ހަވާލުކޮށްފައިވަނީ
ފެނަކައާ އެވެ. މިކަމުގެ ސަބަބުން ސަރުކާރުގެ އަމަލާއި ބަހާ ދިމާނުވާ ކަމަށް ބުނެ ބައެއް
ފަރާތްތަކުން ދަނީ ފާޑުކިޔަމުންނެވެ.