މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން މ. ދިއްގަރު ބިން ހިއްކުމުގެ މަޝްރޫއު ނިމިފައިވާ ކަމަށް ބުނި ނަމަވެސް ރަށުގައި ތިބި ބަޔަކަށް އެ މަސައްކަތް ނިމުނު ތަނެއް ނުފެންނަ ކަމަށް އެޑިއުކޭޝަން މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު އިހުސާން ވިދާޅުވެއްޖެ އެވެ.

ރާއްޖެޓީވީގެ "ވައުދުނާމާ" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އިހުސާން ވިދާޅުވީ ދިއްގަރު ބިން ހިއްކުމުގެ މަޝްރޫއަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ފަށައިގެން ގާތްގަނޑަކަށް ނިންމުމާ ހަމައަށް ގޮސްފައި އޮތް ޕްރޮޖެކްޓެއް ކަމަށެވެ. އަދި ބިމުގެ ބޭނުން ރައްޔިތުންނަށް ފައިދާ ކުރަނިވި ގޮތަކަށް ކުރުމަށްޓަކައި ކައުންސިލުން ލޭންޑް ޔޫސް ޕްލޭން ހަދާ ވަރަށް ބޮޑެތި ތައްޔާރުވުންތަކެއް ވަމުން އައި ކަމަށް އިހުސާން ވިދާޅުވި އެވެ. 

ނަމަވެސް ބިން ހިއްކުމުގެ މަސައްކަތް އެންމެ އެދެވޭ ގޮތެއްގައި ނިންމާލާފައި ނުވާ ކަމަށް އިހުސާން ވިދާޅުވި އެވެ. އަދި ސަރުކާރަށް 3 އަހަރު ވާން ދާއިރު އެމްޓީސީސީން ބުނަނީ މަސައްކަތް ނިންމާލެވިއްޖެ ކަމަށް ވެސް އިހުސާން ވިދާޅުވި އެވެ. 

އެހެން ނަމަވެސް ރަށުގައި ތިބޭ ބަޔަކަށް ތިބި ބަޔަކަށް އެ މަސައްކަތް ނިމުނު ތަނެއް ނުމެ ފެނޭ. މާނައަކީ މިހާރު ހިއްކާފައި އެ އޮތް ފަސްގަނޑު ރީތިކޮށް ލެވަލްކޮށް، އެއްކޮށް މަސައްކަތް ނިންމާލާފައި ކައުންސިލާއި ހަވާލުކުރެވޭ ވަރަށް އެ މަސައްކަތް ގެންދެވިފައިވާ ތަނެއް ނުއެއް ފެނޭ
މުހައްމަދު އިހުސާން

މ. ދިއްގަރު ބިން ހިއްކުމުގެ މަޝްރޫއަކީ 2020 ވަނަ އަހަރު އެމްޓީސީސީއަށް ހަވާލުކުރެވުނު މަޝްރޫއެކެވެ. އަދި އަމަލީ މަސައްކަތް ފަށާފައިވަނީ 2022 ވަނަ އަހަރު އެވެ. މި މަޝްރޫއުގެ ދަށުން، 25 ހެކްޓަރުގެ ބިން ހިއްކުމާއި، 384 މީޓަރުގެ ސަރަހައްދެއްގައި ބޮޑުހިލައިގެ ރިވެޓްމެންޓް ޖެހުމާއި، 287 މީޓަރުގެ ސަރަހައްދެއްގައި ބޮޑުހިލައިގެ ބޭރުތޮއްޓެއް ލުމުގެ މަސައްކަތް ހިމެނެ އެވެ.

މި މަޝްރޫއަކީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗަރ އިން 121.84 މިލިއަން ރުފިޔާއަށް އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫއެކެވެ.