ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް، ކޮވިޑް-19 އިގެ ރިލީފް ފަންޑަށް ލިބުނު ފައިސާ އަމިއްލަ ބޭނުންތަކަށް ބޭނުންކުރި މައްސަލާގައި، ފުޓްބޯޅައިގެ އެންމެހާ ހަރަކާތްތަކުން އުމުރަށް ސަސްޕެންޑްކޮށްފި ކަމަށް ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާއިން ހުކުރު ދުވަހު ބުނެފި އެވެ.

މަނީ ލޯންޑަރިން އާއި، ޚިޔާނާތް އަދި ކޮރަޕްޝަންގެ ތުހުމަތުތަކާ ގުޅިގެން ކުރިއަށްދިޔަ ތަހުގީގުގެ މުއްދަތުގައި ބައްސާމް މީގެ ކުރިން ހުރީ ވަގުތީ ސަސްޕެންޝަނެއްގަ އެވެ. މި ސަސްޕެންޝަނުގެ އިތުރުން، ފީފާއިން ވަނީ ބައްސާމް އެއް މިލިއަން ސްވިސް ފްރޭންކް (1.23 މިލިއަން އެމެރިކާ ޑޮލަރު) އިން ޖޫރިމަނާ ކުރުމަށްވެސް އަމުރުކޮށްފަ އެވެ.

މި މައްސަލައާ ގުޅޭގޮތުން ބައްސާމްގެ ބަހެއް ލިބޭގޮތް ވަނީ ނުވެފަ އެވެ. ފީފާއިން ފޮނުވި ފައިސާ އަމިއްލަ އެކައުންޓަށް ޖަމާކުރުމާއި، ފީފާގެ ކޮވިޑް-19 ރިލީފް ޕްލޭންގެ ދަށުން ދިން ފައިސާ ބޭނުންކޮށްގެން އެޕާޓްމަންޓެއް ގަތް މައްސަލާގައި ބައްސާމްގެ މައްޗަށް ވަނީ ރާއްޖޭގެ ކޯޓަކުން ޖުމްލަ 32 އަހަރުގެ ޖަލު ހުކުމެއް އިއްވާފަ އެވެ.

އެހެން ނަމަވެސް، މެޑިކަލް ބޯޑުގެ ލަފާގެ މަތިން މިދިޔަ މަހު ބައްސާމް ވަނީ ގޭބަންދަށް ބަދަލުކޮށްފަ އެވެ. މީގެ ކުރިން މާޗް މަހުވެސް އޭނާ ގޭބަންދަށް ބަދަލުކުރި ނަމަވެސް، އާންމުންގެ ފާޑުކިޔުންތަކާ ގުޅިގެން އަނބުރާ ޖަލަށް ގެންދިޔަ އެވެ.

ފީފާއިން ބުނި ގޮތުގައި، އެފްއޭއެމްގެ ފައިނޭންސް އެންޑް އެޑްމިނިސްޓްރޭޝަންގެ ކުރީގެ ޑިރެކްޓަރު މުހައްމަދު އަގީލް ވެސް ވަނީ 10 އަހަރު ދުވަހަށް ފުޓްބޯޅައިގެ ހަރަކާތްތަކުން ސަސްޕެންޑްކޮށްފަ އެވެ.

ފީފާގެ ފައިސާއަށް ޚިޔާނާތްތެރިވުމަށް މަގުފަހިކޮށްދިނުމާއި، އެކަން ފޮރުވުމަށް މަސައްކަތްކުރުމާއި، ސައްހަ ނޫން ލިޔެކިޔުންތައް ބޭނުންކުރުމުގެ އިތުރުން ފީފާގެ މިނިވަން އެތިކްސް ކޮމިޓީއަށް އެއްބާރުލުން ނުދިން މައްސަލާގައި އަގީލް 100,000 ސްވިސް ފްރޭންކުން ޖޫރިމަނާ ކުރުމަށްވެސް ފީފާއިން ވަނީ އަމުރުކޮށްފަ އެވެ.

މީގެ އިތުރުން، މޮންސެރާޓް ފުޓްބޯޅަ އެސޯސިއޭޝަން (އެމްއެފްއޭ) ގެ ކުރީގެ ރައީސް ވިންސެންޓް ކެސެލް ވެސް ވަނީ އުމުރަށް ސަސްޕެންޑްކޮށް، އެއް މިލިއަން ސްވިސް ފްރޭންކުން ޖޫރިމަނާކޮށްފަ އެވެ. އޭނާގެ މައްޗަށް މި ފިޔަވަޅު އެޅީ މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކުރުމާއި، މަސްލަހަތު ފުށުއަރާ ކަންކަން ކުރުމާއި، ފީފާ އަދި އެމްއެފްއޭގެ ފައިސާއަށް ޚިޔާނާތްތެރިވުމުގެ އިތުރުން، އެ އިދާރާގެ މުވައްޒަފުންގެ ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަމަށް އަސަރުކުރާ ފަދަ އަމަލުތައް ހިންގާފައިވާތީ ކަމަށް ފީފާއިން ބުނެ އެވެ.

އެމްއެފްއޭގެ ކުރީގެ ޖެނެރަލް ސެކްރެޓަރީ ޓެންޑިކާ ހިއުސް 15 އަހަރަށް ސަސްޕެންޑްކޮށް، 150,000 ސްވިސް ފްރޭންކުން ޖޫރިމަނާކޮށްފައިވަނީ، ފީފާ އަދި އެމްއެފްއޭގެ ވަސީލަތްތައް ބޭނުންކޮށްގެން ހިންގި ނަހަމަ މުއާމަލާތްތަކުން އަމިއްލައަށް މަންފާ ހޯދައި، އެކަންކަމަށް މަގުފަހިކޮށްދީފައިވާތީ ކަމަށް ފީފާއިން މައުލޫމާތުދެ އެވެ.