ގާނާ އާއި ދިވެހިރާއްޖެ، ޒެމްބިއާ އަދި އެންޓީގުއާ އެންޑް ބާބިއުޑާއާ ދެމެދު ވެފައިވާ ވިސާ ލުއިކުރުމުގެ އެއްބަސްވުންތައް ތަސްދީގުކޮށް އަމަލުކުރަން ފެށުމާ ގުޅިގެން، ގާނާގެ ޕާސްޕޯޓް ގެންގުޅޭ ފަރާތްތަކަށް މީގެ ފަހުން އެންޓްރީ ވިސާއަކާ ނުލައި މި ތިން ގައުމަށް ދަތުރުކުރެވޭނެ އެވެ.

ގާނާގެ މިނިސްޓްރީ އޮފް ފޮރިން އެފެއާޒުން 8 ސެޕްޓެމްބަރު 2026 ގައި ނެރުނު އާންމު އިއުލާނެއްގައި ބުނެފައިވަނީ، ވިސާ ލުއިކުރުމުގެ މި އުސޫލުގެ ދަށުން ގާނާގެ އާދައިގެ ޕާސްޕޯޓާއި، ސާވިސް ޕާސްޕޯޓް އަދި ޑިޕްލޮމެޓިކް ޕާސްޕޯޓް ގެންގުޅޭ ފަރާތްތަކަށް ލުއިތައް ލިބިގެންދާނެ ކަމަށެވެ.

މި އެއްބަސްވުންތަކުގެ ދަށުން، ގާނާގެ ރައްޔިތުންނަށް ދިވެހިރާއްޖެއަށާއި ޒެމްބިއާއަށް ވިސާއާ ނުލައި އެތެރެވުމަށްފަހު އެންމެ ގިނަވެގެން 30 ދުވަހުގެ މުއްދަތަކަށް މަޑުކުރެވޭނެ އެވެ. އަދި އެންޓީގުއާ އެންޑް ބާބިއުޑާއަށް ދަތުރުކުރާ ގާނާގެ ޕާސްޕޯޓް އޮތް ފަރާތްތަކަށް ވިސާއާ ނުލައި އެންމެ ގިނަވެގެން 90 ދުވަހުގެ މުއްދަތަކަށް އެ ގައުމުގައި ހުރެވޭނެ އެވެ.

ވިސާ ނެތި އެތެރެވުމުގެ ފުރުސަތު އޮތް ނަމަވެސް، ދަތުރުކުރާ ގައުމުތަކުގެ އިމިގްރޭޝަން ގަވާއިދުތަކާއި އެތެރެވުމަށް ކަނޑައަޅާފައިވާ ޝަރުތުތަކަށް އަމަލުކުރުމުން ދަތުރުވެރިން އިސްތިސްނާ ނުވާނެ ކަމަށް އެ މިނިސްޓްރީން ވަނީ ހަނދާންކޮށްދީފަ އެވެ.

އެ މިނިސްޓްރީން ބުނި ގޮތުގައި ގާނާގެ ޕާސްޕޯޓް ގެންގުޅޭ ފަރާތްތަކުން ދަތުރުކުރާއިރު މުއްދަތު ހަމަނުވާ ޕާސްޕޯޓާއި، ކަމާބެހޭ އިދާރާތަކުން ބޭނުންވާ އެހެނިހެން ލިޔެކިޔުންތައް ހުންނަންވާނެ އެވެ. އަދި ވިސާ ދޫކޮށްލުމުގެ އެއްބަސްވުމުގެ ދަށުން ހުއްދަ ދީފައިވާ މުއްދަތަށްވުރެ އިތުރަށް އެ ގައުމުތަކުގައި މަޑުކޮށްގެން ނުވާނެ އެވެ.

މީގެ އިތުރުން، ވަޒީފާ އަދާކުރުމަށާއި، ތައުލީމު ހާސިލުކުރުމަށް، ނުވަތަ ދިިރިއުޅުން ބަދަލުކުރުމަށް ނުވަތަ ވަކި ހާއްސަ ހުއްދައެއް ބޭނުންވާ ފަދަ ކަމެއް ކުރުމަށް ދަތުރުކުރާ ފަރާތްތަކުން، ކަމާބެހޭ އިދާރާތަކުން ހޯދަންޖެހޭ ހުއްދަތައް ކުރިއާލައި ހޯދަންޖެހޭނެ ކަމަށް ފޮރިން މިނިސްޓްރީން ސާފުކޮށްދީފައިވެ އެވެ.

ދަތުރުކުރުމުގެ ކުރިން، އެ ގައުމަކަށް އެތެރެވުމާ ގުޅޭ އެންމެ ފަހުގެ މައުލޫމާތާއި، ސިއްހީ މިންގަނޑުތަކާއި އެހެނިހެން ޝަރުތުތައް ބަދަލުވެދާނެތީ، ކަމާބެހޭ އިދާރާތަކުން ނުވަތަ އެ ގައުމެއްގެ އެންމެ ކައިރީގައި ހުރި އެމްބަސީ ނުވަތަ ހައި ކޮމިޝަނުން އެ މައުލޫމާތު ސާފުކުރުމަށް ދަތުރުވެރިންނަށް ވަނީ އިރުޝާދު ދީފަ އެވެ.

ގާނާގެ ފޮރިން މިނިސްޓްރީން ބުނި ގޮތުގައި ވިސާ ލުއިކުރުމުގެ މި އިންތިޒާމުތަކަކީ ގާނާގެ ރައްޔިތުންނަށް ދަތުރުފަތުރު ކުރުމުގައި ލުއިފަސޭހަކޮށްދިނުމަށާއި، އެކުވެރި ގައުމުތަކާއެކު އޮންނަ ހާރިޖީ ގުޅުންތައް އިތުރަށް ބަދަހިކުރުމަށް ކުރަމުންދާ މަސައްކަތުގެ ބައެކެވެ.