ބޯކޮށް ވާރޭވެހި ވައި ގަދަވާނެ ކަމަށް ލަފާކޮށް، ރާއްޖޭގެ ބޮޑު ބަޔަކަށް ވައިޓް އެލަރޓް އަދި ދެކުނުގެ ސަރަހައްދުތަކަށް ޔެލޯ އެލަރޓް ނެރެފި އެވެ. 

މޫސުމާ ބެހޭ ގައުމީ އިދާރާ އިން މި އެލަރޓްތައް ނެރެފައިވާއިރު މީގެ ކުރިން އެ އިދާރާ އިން ވަނީ ގުގުރުމާއެކު ބޯކޮށް ވާރޭވެހި ފެންބޮޑު ވާނެ ކަމަށް ލަފާކޮށް، ފުވައްމުލަކު ސިޓީ އިން ފެށިގެން އައްޑޫ ސިޓީ އަށް އޮރެންޖު އެލަރޓް ވެސް ނެރެފަ އެވެ. 

ފަހުން ނެރުނު އެލަރޓްތަކުގައި ބުނީ ވައިޓް އެލަރޓް ނެރެފައިވާ އަތޮޅުތަކަށް ގަޑިއަޑު 19 މޭލާއި 24 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އެ އިދާރާ އިން ބުނީ ޔެލޯ އެލަރޓް ނެރެފައިވާ ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހުމާއިއެކު ގުގުރުން އެކަށީގެންވާ ކަމަށެވެ.

ރާއްޖޭގެ މޫސުން ގޯސްވެ، ކަނޑުތައް ގަދަވާނެތީ ކަނޑުމަގުން ދަތުރުފަތުރުކުރާ ފަރާތްތަކުން ސަލާމަތީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތަކަށް ހާއްސަ ސަމާލުކަމެއް ދިނުމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ވެސް ވަނީ އިލްތިމާސް ކޮށްފަ އެވެ. 

އެގޮތުން، ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފެށުމުގެ ކުރިން މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯދުމަށާއި ދަތުރާ ގުޅޭ މައުލޫމާތު ކަމާބެހޭ ފަރާތްތަކާ ހިއްސާކުރުމަށް އެމްއެންޑީއެފް އިން ވަނީ އެދިފަ އެވެ. ހާއްސަކޮށް، މޫސުމީ ގޮތުން ރީނދޫ ނުވަތަ އޮރެންޖު އެލާޓް ނެރެފައިވާ ވަގުތުތަކުގައި އެއްވެސް އުޅަނދެއް ކަނޑުމައްޗަށް ނުނިކުތުމަށް ވަނީ އަންގާފަ އެވެ.

މީގެ އިތުރުން، އުޅަނދުފަހަރުގައި ދަތުރުކުރާ ހުރިހާ ފަސިންޖަރުން ލައިފްޖެކެޓު އެޅުމަށާއި، މުވާސަލާތީ އާލާތްތަކާއި ދިޔަހިއްކާ ޕަމްޕު ފަދަ ސަލާމަތީ ވަސީލަތްތައް ރަނގަޅަށް މަސައްކަތްކުރޭތޯ ދަތުރު ފެށުމުގެ ކުރިން ކަށަވަރުކުރުމަށް ވެސް ވަނީ އިލްތިމާސްކޮށްފަ އެވެ.

މުދާ އުފުލާ އުޅަނދުފަހަރުތަކުން ކަނޑައެޅިފައިވާ މިންވަރަށް ވުރެ އިތުރަށް ބަރުނުކުރުމަށާއި، ގަދަވަޔާއި ރާޅުގެ ސަބަބުން މުދާތައް ކަނޑަށް ނުވެއްޓޭނެހެން ރަނގަޅަށް އައްސައި ހަރުކުރުމަށް ވެސް އެމްއެންޑީއެފް އިން ވަނީ ހަނދާންކޮށްދީފަ އެވެ.

ހަމައެއާއެކު، ފަތުރުވެރިކަމުގެ ދާއިރާގައި ހިމެނޭ މޫދުކުޅިވަރުތަކާއި ޑައިވިންގ ފަދަ ހަރަކާތްތައް ރާވައި ހިންގާ ފަރާތްތަކުން ވެސް، މޫސުމަށް އަންނަ ބަދަލުތަކަށް ފުރިހަމައަށް ސަމާލުވެ، ރައްކާތެރިކަން ކަށަވަރުނުކޮށް އެފަދަ އެއްވެސް ހަރަކާތެއް ކުރިއަށް ނުގެންދިއުމަށް އެމްއެންޑީއެފް އިން ވަނީ ނަސޭހަތްތެރިވެފަ އެވެ.