ގާނޫނަށް ގެންނަން ބޭނުންވާ ހުރިހާ ބަދަލެއް ގެންނެވުމަށް ފަހު، ކަމާ ބެހޭ
މުއައްސަސާތަކާ ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވަމުން ގެންދަވާ ކަމަށް ޓޫރިޒަމް
މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން
މިނިސްޓަރު އަމީން ވިދާޅުވީ، ގާނޫނަށް ގެނައި ބަދަލުތަކާ އެކު މަޓީއާއެކު މިހާރު
މަޝްވަރާކުރައްވަމުން ގެންދަވާ ކަމަށެވެ.

މިނިސްޓަރު އަމީން ވިދާޅުވީ، މަޓީގެ އެދުމާ އެކު ދައުލަތުން ނެގުމަށް
ހަމަޖެހިފައިވާ ޓީޖީއެސްޓީގެ މައުލޫމާތު ހިއްސާކުރުމަށް ޓްރެވަލް އޭޖެންޓުންނަށް
ހާއްސަ ފޯރަމެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި މި ފޯރަމް ކުރިއަށްގެންދަނީ ޓޫރިޒަމް މިނިސްޓްރީ އަދި މީރާ ގުޅިގެން ކަމަށެވެ.

ޓެކްސައާ ބެހޭ ވަރަށް ރަނގަޅު ވޯކްޝޮޕެއް އަޅުގަނޑުމެން މި މަހު 15 ގައި މަޓީގެ އެދިވަޑައިގަތުމާ އެކު އަޅުގަނޑުމެން އެބަ ބާއްވަން ހުރިހާ ޓްރެވަލް އޭޖެންޓްސްތަކަށް ރަނގަޅު ވޯކްޝޮޕެއްގެ ތެރޭގައި މިރާ އާއި ޓޫރިޒަމް މިނިސްޓްރީ އިން ގުޅިގެން މި ކުރަނީ
މުހައްމަދު އަމީން

މިނިސްޓަރު އަމީން ވިދާޅުވީ، ޓްރެވަލް އޭޖެންޓުން ދައުލަތަށް
ދައްކަން ޖެހިފައިވަނީ އެ ފަރާތްތަކުން ރާއްޖޭގައި ވިޔަފާރިކުރަން ޑިކްލެއަރ ކޮށްފައިވާ
ފައިސާ އިން 17 އިންސައްތަ ކަމަށެވެ. އަދި މި ކުންފުނިތަކުން މިހާރު ވިއްކާފައިވާ
ޕެކޭޖުތަކުން ޓެކުހެއް ނުނަގާނެ ކަމަށް މިނިސްޓަރު އަމީން ވިދާޅުވި އެވެ.

މިނިސްޓަރު އަމީން ވިދާޅުވީ މީރާ އިން މި ގާނޫނުގެ އިތުރު އުސޫލުތަކާއި
ގަވާއިދުތައް ގެޒެޓު ކުރަމުންދާ ކަމަށެވެ. އަދި މިކަމަކީ ޓޫރިޒަމް ދާއިރާގެ
އެންމެހާ ހިއްސާދާރުންގެ އެއްބާރުލުން ލިބި، ފަސޭހަކަމާ އެކު ތަންފީޒު ކުރެވިގެންދާނެ
ގާނޫނެއް ކަމަށެވެ.

ބޭރުގެ ޓްރެވެލް އޭޖެންޓުން ކުރާ ވިޔަފާރިން 17 އިންސައްތައިގެ ޓެކްސް
ނެގުމުގެ ގާނޫނެއް ރައީސް މުއިއްޒު ވަނީ ތަސްދީގުކުރައްވާފަ އެވެ. ރައީސް މުއިއްޒު
ވިދާޅުވީ މިފަދަ ގާނޫނެއް ތަސްދީގުކުރެއްވީ ޓޫރިޒަމް ދާއިރާގެ އެތައް
ހިއްސާދާރުން އަދި ބޭރުގެ ޓްރެވަލް އޭޖެންޓުންނާ މަޝްވަރާ ކުރެއްވުމަށް ފަހު ކަމަށެވެ.

ނަމަވެސް މި ގާނޫނު ތަސްދީގުކުރުމުގެ މަރުހާލާގައި މަޓީއާ ވެސް
މަޝްވަރާނުކުރާ ކަމަށް މަޓީ އިން ވަނީ ބުނެފަ އެވެ. އަދި ގާނޫނު ތަސްދީގުކުރުން ފަސްކޮށްދިނުމަށް އެދި އިނގިރޭސިވިލާތުގެ ޓްރެވަލް އެސޯސިއޭޝަންތަކުން އަދި
ޔޫރަޕަގެ ޓުއަރ އޮޕަރޭޓާޒް ޖަމިއްޔާއިން ވެސް ވަނީ މިނިސްޓަރު އަމީން އަށް ސިޓިއެއް
ފޮނުވާފަ އެވެ.

މީގެ އިތުރަށް އިސްތިހާރުކޮށް ރާއްޖޭގައި ޓޫރިޒަމް ވިޔަފާރި ކުރަމުންދާ ކުދި
އޮޕަރޭޓަރުން ރާއްޖެ އަށް ވިއްކާ ޕެކޭޖުތައް ހުއްޓާލުމުގެ އިންޒާރު ވެސް ވަނީ ދީފަ އެވެ.