ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފްގެ
މަގާމުގައި ހުންނެވި އަބްދުﷲ ފަޔާޒުގެ މަގާމުގެ ފެންވަރު، ސީނިއަރ މިނިސްޓަރެއްގެ ފެންވަރަށް
ރައީސް ޑރ. މުހައްމަދު މުއިއްޒު މަތިކުރައްވައިފި އެވެ.

ފަޔާޒުގެ މަގާމު ސީނިއަރ މިނިސްޓަރުގެ ފެންވަރަށް
މަތިކޮށްފައިވާއިރު، މިއީ މި ސަރުކާރުގެ ކުރީކޮޅު ރައީސުލްޖުމްހޫރިއްޔާގެ ހާއްސަ އެޑްވައިޒަރުގެ
މަގާމަށް އަބްދުއްރަހީމް އަބްދުﷲ އައްޔަނު ކުރެއްވިއިރު އޭނާވެސް ހުންނެވި ފެންވަރުގެ
މަތީ މަގާމެކެވެ.

އަބްދުﷲ ފަޔާޒަކީ ރައީސް މުއިއްޒު ހައުސިން މިނިސްޓަރުގެ
މަގާމުގައި ހުންނެވި ދުވަސްވަރު އެ ވުޒާރާގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމު ވެސް ފުރުއްވާފައިވާ
ބޭފުޅެކެވެ.

އޭނާއަކީ ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގަތުމަށް
ކުރެއްވި މަސައްކަތްޕުޅުގައާއި އަދި ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު ވެސް އެމަނިކުފާނުގެ
އެންމެ އަރިސް އެއް ބޭފުޅެއްގެ ގޮތުގައި ގިނަ ބަޔަކު ފާހަގަކުރާ ބޭފުޅެކެވެ. ރައީސް
އޮފީހުގެ އެންމެ އިސް އިދާރީ މަގާމު ކަމަށްވާ ޗީފް އޮފް ސްޓާފްގެ މަގާމަށް އޭނާ އައްޔަނު
ކުރެއްވީ ވެސް އެ ސަބަބާހުރެކަމަށް ގިނަ ބަޔަކު ބުނެ އެވެ.

ނަމަވެސް، ދައުލަތުގެ ޚަރަދުތައް ކުޑަކުރުމުގެ
ސިޔާސަތުގެ ދަށުން ސަރުކާރުގެ އެކި މުއައްސަސާތަކުން އާދައިގެ މުވައްޒަފުން ވަކިކުރަމުންދާ
ދަނޑިވަޅެއްގައި، ރައީސްގެ އަރިސް ބޭފުޅުންގެ މަގާމުތައް މަތިކޮށް ޕްރޮމޯޝަން ދެމުންދާތީ
ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ. ސިޔާސީ މަގާމުތައް މަދުކުރާނެ ކަމަށް
ސަރުކާރުން ބުނަމުންދާއިރު، މިފަދަ ނިންމުންތަކުގެ ސަބަބުން ސަރުކާރުގެ ސިޔާސަތުތައް
ދެކޮޅު ނުޖެހޭ މިންވަރު ހާމަވާ ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.

ސަރުކާރުން މީގެ ކުރިން ބުނެފައިވަނީ އިގުތިސާދީ
ހާލަތު ރަނގަޅު ކުރުމަށްޓަކައި ސިޔާސީ މަގާމުތަކުގެ އަދަދު މަދުކޮށް، ޚަރަދުތައް ކުޑަކުރުމަށް
ހަރުދަނާ ފިޔަވަޅުތަކެއް އަޅާނެ ކަމަށެވެ. އެހެންނަމަވެސް، އިސް މަގާމުތަކުގައި ތިއްބެވި
ބޭފުޅުންގެ ފެންވަރު މަތިކުރުމަކީ ދައުލަތުގެ ބަޖެޓަށް އިތުރު ބުރައެއް އުފުލަންޖެހޭނެ
ކަމަކަށްވާއިރު، މި ސިޔާސަތުތައް ދެކޮޅު ނުޖެހޭ މިންވަރު ދަނީ ހާމަވަމުންނެވެ.