ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ ވިޔަފާރި ކުރާ ފަރާތްތަކާ ގުޅުންހުރި 65
މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފި އެވެ.

ބުދަ ދުވަހު ފުލުހުން ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނީ، ދިވެހިރާއްޖޭގައި
ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތް ކުރާ ފަރާތްތަކުގެ މައުލޫމާތު
ހިއްސާކުރުމަށް ގާއިމުކޮށްފައިވާ ހޮޓްލައިން އަށް ޓާސްކްފޯސްއާ ގުޅުން ހުރި 65
މެސެޖެއް ލިބިފައިވާ ކަމަށެވެ.

މީގެ ތެރޭގައި ހިމެނެނީ 27 ބިދޭސީ މީހެއްގެ މައުލޫމާތާއި ހުއްދަ ނެތި ބޭރު
ފައިސާ ގަނެވިއްކުމުގެ ވިޔަފާރިކުރި 18 ތަނަކާއި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ
ވިޔަފާރިކުރާ 4 ތަނެއް އަދި މިފަދަ ވިޔަފާރިތައް ކުރާ 16 އޮންލައިން
ޕްލެޓްފޯމްތަކުގެ މައުލޫމާތުތައް ކަމަށް ފުލުހުން ބުނެ އެވެ.

މި މައްސަލަތަކާ ގުޅިގެން ރިޕޯޓުކޮށްފައިވާ ބިދޭސީންގެ ތެރެއިން އެކަކު
މިހާރު ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށުގައި ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
އަދި ރިޕޯޓުކޮށްފައިވާ އެހެން ފަރާތްތަކުގެ މައުލޫމާތު ކަށަވަރުކޮށް ޤާނޫނީ ގޮތުން
އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް އެ މުއައްސަސާ އިން
ވަނީ ބުނެފަ އެވެ.

ރައްޔިތުންގެ ފަރާތުން މިކަމާ ގުޅޭ ގޮތުން ލިބޭ އެއްބާރުލުމަށް ފުލުހުން ވަނީ
ޝުކުރު އަދާކޮށްފަ އެވެ.

މޯލްޑިވްސް
މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ދޫކުރާ މަނީ އެކްސްޗޭންޖް ވިޔަފާރި
ހިންގުމުގެ ސައްހަ ލައިސަންސް ނެތި، ޤާނޫނާ ޚިލާފަށް ބޭރު ފައިސާ މާރުކުރުމުގެ
ވިޔަފާރި ކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރުމަށް ދިވެހި ފުލުހުންގެ
ހިދުމަތުން ސެޕްޓެމްބަރު މަހު ވަނީ ޚާއްސަ ޓާސްކްފޯހެއް އެކުލަވާލާފަ އެވެ.

ޤާނޫނާ ޚިލާފަށް މިފަދަ މުއާމަލާތްތައް ހިންގާ ފަރާތްތަކުގެ މައުލޫމާތު ޓާސްކްފޯސްގެ
ނަންބަރު 9388733 ހިއްސާ ކުރުމަށް ވަނީ އެދިފަ އެވެ.