ހުޅުދެލީ ޕޮލިސް ސްޓޭޝަން އިމާރަތް ގާއިމުކުރުން ލަސްވާތީ އެރަށު ކައުންސިލުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
މި މަޝްރޫއާ ގުޅޭގޮތުން ރާއްޖެޓީވީއަށް މައުލޫމާތު
ދެމުން ހުޅުދެލީ ކައުންސިލުން ބުނީ، ޕޮލިސް ސްޓޭޝަންގެ އައު އިމާރާތް ބިނާކުރުމަށްޓަކައި
7،000 އަކަފޫޓުގެ ބިމެއް ކައުންސިލުން ސަރުކާރާ ހަވާލުކޮށްފައިވާ ކަމަށެވެ. ނަމަވެސް
ބިން ހަވާލުކުރިތާ ހަ މަސް ދުވަސް ފާއިތުވެގެން ދިޔައިރު ވެސް، އެ ބިމުގައި އެންމެ ކުޑަމިނުން
ބިންގާ އަޅާފައި ނުވާކަން ކައުންސިލުން ފާހަގަކުރެ އެވެ.
ކައުންސިލުން ބުނި ގޮތުގައި އެ ސަރަހައްދުގައި
މިހާރުވެސް ހުރީ ކުރިން ހުރި ގޮތަށް ރުއްގަސްތަކެވެ. މަސައްކަތް ފެށުމަށްޓަކައި ބިން
ސާފުކުރުމުގެ އެއްވެސް ހަރަކާތެއް ވެސް މިހާތަނަށް ހިނގާފައި ނުވާތީ، މިއީ ސަރުކާރުން
ފަށައި، އަމަލީ މަސައްކަތް ނުފެށި ހުއްޓިފައިވާ މަޝްރޫއެއްގެ ގޮތުގައި ކައުންސިލުން
ވަނީ ސިފަކޮށްފަ އެވެ.
ކައުންސިލުގެ އެންމެ ބޮޑު އުއްމީދަކީ ވީހާވެސް
އަވަހަކަށް މި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށިގެން ދިއުމެވެ.
ރާއްޖޭގެ ގިނަ ރަށްރަށުގައި ޕޮލިސް ސްޓޭޝަންތައް
ބިނާކުރުމުގެ މަޝްރޫއުތައް އަންނަ އަހަރުގެ ނިޔަލަށް އެއްކޮށް ނިންމާލެވޭނެ ކަމަށް
ސަރުކާރުން މީގެ ކުރިން ބުނެފައިވެ އެވެ. ނަމަވެސް ހުޅުދެލީގައި މި މަޝްރޫއު ކުރިއަށްދާ
ސްޕީޑަށް ބަލާއިރު، ސަރުކާރުން ކަނޑައަޅާފައިވާ މުއްދަތަށް މަސައްކަތް ނިންމާލެވިދާނެތޯ
މިހާރު ވަނީ ސުވާލު އުފެދިފަ އެވެ.
ހުޅުދެލީގެ އިތުރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި
ސަރުކާރުން ފަށާފައިވާ ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ހުއްޓިފައިވާތީ، އެކަމުގެ ޝަކުވާ
އެކި ރަށްރަށުގެ ކައުންސިލްތަކުންނާއި އާންމު ރައްޔިތުން އަންނަނީ ކުރަމުންނެވެ. މިގޮތުން
ބައެއް ރަށްރަށުގައި ބިންގާ އެޅުމަށްފަހު މަސައްކަތް ހުއްޓިފައިވާއިރު، އަނެއްބައި
ރަށްރަށުގައި ބިން ހަވާލުކޮށްގެންވެސް އެއްވެސް މަސައްކަތެއް ނުފެށި އޮތްކަން ފާހަގަކުރެވެ
އެވެ.