ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) ގެ މުވައްޒަފުންނަށް އެ ކުންފުނީގެ ހިއުމަން ރިސޯސް (އެޗްއާރު) ޑިޕާޓްމަންޓުން ގުޅައި، ސަރުކާރު ހިންގާ މައި ޕާޓީ، ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް ވަނުމަށް މަޖުބޫރު ކުރަމުންދާ މައްސަލަ ރާއްޖެޓީވީ އިން ފަޅާއަރުވާލުމާ އެކު އެ ކުންފުނިން ސަސްޕެންޑު ކުރި މުވައްޒަފާ ގުޅިގެން ސުވާލު ކުރުމުން އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު ޑރ. އަލީ އަޒްވަރު ކޮމެންޓު ކުރަން ދެކޮޅުހައްދަވައި، ފޯނު ކަނޑާލައިފި އެވެ. 

މި މައްސަލަ ފަޅާއަރާފައި ވަނީ ބުރާސްފަތި ދުވަހުގެ ހެނދުނު ރާއްޖެޓީވީ އިން ގެނެސްދިން "ފަށާއިރު" ޕްރޮގްރާމްގެ ތެރެއިންނެވެ. އެ ޕްރޮގްރާމްގައި ރާއްޖެޓީވީގެ ޓީމުން ވަނީ ސްޓެލްކޯގެ އާދައިގެ މުވައްޒަފަކަށް ވެގެން އެ ކުންފުނީގެ އެޗްއާރު ޑިޕާޓްމަންޓަށް ގުޅައިފަ އެވެ. އެގޮތުން ޕީއެންސީއަށް ވަނުމަށްފަހު، އެކަން އެނގޭނެ ސްކްރީންޝޮޓް ފޮނުވަންވީ ކޮން ނަންބަރަކަށްތޯ ސުވާލުކުރުމުން، އެޗްއާރުން ވަނީ މުވައްޒަފަށް ކުރިން ފޮނުވާފައިވާ ލިންކަށް އެ ސްކްރީންޝޮޓް ފޮނުވުމަށް އަންގައިފަ އެވެ.

ސްޓެލްކޯގެ އެޗްއާރުން އިތުރަށް ބުނެފައިވަނީ، ޕާޓީއަށް ވަނުމަށްފަހު އިލެކްޝަންސް ކޮމިޝަނުގެ ވެބްސައިޓުން އެކަން ކަށަވަރުވާ ލިއުމުގެ ސްކްރީންޝޮޓެއް ނަގައި، ކުންފުނިން ދީފައިވާ ލިންކަށް އަޕްލޯޑް ކުރަންޖެހޭނެ ކަމަށެވެ. 

މިކަމާ ގުޅިގެން ސްޓެލްކޯއިން ނެރުނު ބަޔާނެއްގައި ބުނީ، ރާއްޖެޓީވީގެ ޕްރޮގްރާމްގައި ދެކެވުނު ވާހަކަތަކާ ގުޅިގެން އެކަން ހިނގާފައިވާ ގޮތް ތަހުޤީޤުކޮށް ބެލުމަށްޓަކައި، އެކަމުގައި ތުހުމަތުކުރެވޭ މުވައްޒަފު މިހާރު ވަނީ ވަޒީފާގެ މަސައްކަތްތަކުން އެކަހެރިކޮށްފައި ކަމަށެވެ. އަދި މި މައްސަލަ ބެލުމަށްފަހު ކުންފުނީގެ ގަވާއިދުގެ ދަށުން އަޅަންޖެހޭ އިސްލާހީ އަދި އިދާރީ ފިޔަވަޅުތައް ފަސްޖެހުމެއްނެތި އަޅަމުން ގެންދާނެ ކަމަށްބުނެ، މުޅި މި މައްސަލައިގެ ޒިންމާ އަޅުވާފައިވަނީ ކުންފުނީގެ އެޗްއާރްގެ ބޮލުގަ އެވެ.

އެކަމުގެ އިތުރު ތަފްސީލު ހޯދައި، ކުންފުނީގެ ބަހެއް ހޯދުމަށް ރާއްޖެޓީވީ އިން އެ ކުންފުނީގެ އެމްޑީ ޑރ. އަޒްވަރު އަށް އަންގާރަ ދުވަހު ގުޅުމުން، އޭނާ ވަނީ ކޮމެންޓު ކުރުމަށް ދެކޮޅު ހައްދަވާފަ އެވެ. އަދި އެފަދަ ކަންކަމުގައި މީޑިއާ ޓީމާ ގުޅުމަށް އެދޭ ކަމަށް ވިދާޅުވެ، އިތުރު އެއްޗެއް ބުނަން ފުރުސަތު ނުދީ އޭނާ ވަނީ ފޯނު ކަނޑާލާފަ އެވެ. 

މި މައްސަލަ ފެންމަތިވެފައި މިވަނީ، ސަރުކާރުގެ އެކި ކުންފުނިތަކުގެ މުވައްޒަފުންނަށް ބިރުދައްކައިގެންނާއި ވަޒީފާގެ ނުފޫޒު ބޭނުންކޮށްގެން ޕީއެންސީއަށް މެންބަރުން އިތުރުކުރަމުންދާ ކަމުގެ ޝަކުވާތައް އާންމުންގެ މެދުގައި ބޮޑުވެފައިވާ ދަނޑިވަޅެއްގަ އެވެ. އަދި ސްޓެލްކޯ ގެ މި ހުރިހާ އަމަލުތަކުން ވެސް ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންނަށް ސިޔާސީ ޕާޓީތަކަށް ވަނުމަށް ނުފޫޒު ފޯރުވަމުންދާ ކަމަށް ކުރެވޭ ތުހުމަތުތަކަށް ބާރު ލިބިގެން ގޮސްފައިވެ އެވެ.