ހުޅުމާލޭގެ ސެލޫންތަކާއި ސްޕާތަކުގައި ގަވާއިދާ ހިލާފަށް މަސައްކަތް ކުރަމުން ދިޔަ 7 ބިދޭސީއަކު ހިފަހައްޓައިފި އެވެ.
އަންގާރަ ދުވަހު މޯލްޑިވްސް އިމިގްރޭޝަނުން "އެކްސް" ގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ހުޅުމާލޭގައި ސެލޫން އަދި ސްޕާގެ ޚިދުމަތްދޭ ތަންތަނަށް އަމާޒުކޮށްގެން، ހޯމަ ދުވަހު ޚާއްސަ އިންސްޕެކްޝަނެއް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.
މި އޮޕަރޭޝަނުގެ ތެރެއިން ޖުމްލަ 8 ތަނެއް ބަލައި ފާސްކޮށްފައިވާ ކަމަށާއި، އެ ތަންތަނުގައި މަސައްކަތް ކުރަމުންދިޔަ 26 ބިދޭސީއެއްގެ ލިޔެކިޔުންތައް ޗެކްކޮށްފައިވާ ކަމަށް އިމިގްރޭޝަނުން ބުނެ އެވެ. އެގޮތުން، މީގެ ތެރެއިން ގަވާއިދާ ޚިލާފަށް މަސައްކަތް ކުރަމުންދިޔަ 7 ބިދޭސީއަކު ކަމާބެހޭ އިދާރާތަކުގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް މައުލޫމާތު ދިނެވެ.
މީގެ އިތުރުން 7 ސެޕްޓެމްބަރުގައި ވެސް އިމިގްރޭޝަނުން ވަނީ ގަވާއިދާ ހިލާފަށް ހިންގަމުންދާ ކެފޭތައް ބަލައި ފާސްކޮށް، 2 މީހަކު ހިފަހައްޓާފަ އެވެ. އަދި މި މަހު 4 ވަނަ ދުވަހު މާލެ އޭރިއާ ބަލާ ފާސްކުރުމުގެ ތެރޭގައި 426 ބިދޭސީން ޗެކްކުރުމަށްފަހު އޭގެ ތެރެއިން 13 މީހަކު ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ.