ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އާއިލީ ބޭފުޅެއް ކަމަށްވާ ހައްސާން ވަހީދުއަށް މަސައްކަތެއް ނުކޮށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން މުސާރަ ދޭތާ 4 މަސް ވެފައިވާކަން ހާމަވެއްޖެ އެވެ. 

ނަން ނުޖެހުމަށް ޝަރުތުކޮށް އިތުބާރު ހުރި މަސްދަރަކުން ރާއްޖެއެމްވީއަށް މައުލޫމާތު ދިން ގޮތުގައި ހައްސާން އަންނަނީ އެމްއޭސީއެލްގެ މުވައްޒަފެއް ގޮތުގައި ހުރެ މުސާރަ ނަގަމުންނެވެ. ނަމަވެސް އޭނާ ވަޒީފާއަށް ނުނިކުންނަ ކަމަށް ރާއްޖެއެމްވީއަށް މައުލޫމާތު ލިބިފައިވެ އެވެ.

އެގޮތުން ހައްސާންއަށް އެމްއޭސީއެލްއިން 35،000 (ތިރީސް ފަސްހާސް) އާއި 65،000 (ފަސްދޮޅަސް ފަސްހާސް) ރުފިޔާއާ ދެމެދުގެ އަދަދެއްގެ މުސާރައެއް ލިބޭ ކަމުގެ މައުލޫމާތު ރާއްޖެއެމްވީއަށް ވަނީ ލިބިފަ އެވެ. 

މިކަމާއި ގުޅޭގޮތުން ހައްސާންގެ ބަހެއް ހޯދަން ރާއްޖެއެމްވީން ގުޅުމުން ފޯނަށް ޖަވާބުދީފައި ނުވާތީ އާއި މެސްޖަށް ވެސް ޖަވާބުދީފައި ނުވާތީ އޭނާގެ ބަހެއް ލިބޭ ގޮތް ވަނީ ނުވެފަ އެވެ. 

ހައްސާން ވަހީދުގެ ހިއްސާ އޮންނަ ކުންފުންޏަކަށް ރިސޯޓެއް ހަދަން ތިން ރަށެއް ދީފައިވާކަން ހާމަވި ލިޔެކިޔުންތަކެއް ވަނީ ސޯޝަލް މީޑިއާގައި ދައުރުވެފަ އެވެ. އެގޮތުން އިންޑިއާގެ ބައެއް ވިޔަފާރިވެރިންނާއި ހައްސާންގެ ހިއްސާ އޮންނަ އަޔަތާނާއީޕް ހޮސްޕިޓާލިޓީސް ޕްރައިވެޓް ލިމިޓެޑް ކިޔާ ކުންފުންޏަކަށް ތ. އަތޮޅުގެ ތިން ރަށެއް ވަނީ ދޫކޮށްފަ އެވެ.

ހޯމަ ދުވަހު ރައީސް އޮފީހުގައި ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި މިކަމާއި ގުޅޭ ގޮތުން ނޫސްވެރިއަކު ރައީސް މުއިއްޒުއަށް ސުވާލު ދެންނެވުމުން ރައީސް ވަނީ އެ މައުލޫމާތު ލިބިވަޑައިގަތުމުން، އެކަމުގެ ތެދުކަން ޔަގީންކުރެއްވި ކަމަށާއި ހައްސާނުގެ ހިއްސާ އޮންނަ ކުންފުންޏަކަށް އެ ރަށްތައް ދީފައިވާ ކަމަށް ވިދާޅުވެފަ އެވެ. އެހެންކަމުން ފޮރިން މިނިސްޓްރީގައި ހައްސާން އަދާކުރަމުންދިޔަ ވަޒީފާއިން އޭނާ ވަކިކޮށްފައިވާ ކަމަށް ވެސް ރައީސް މުއިއްޒު ވިދާޅުވި އެވެ. 

ހައްސާން ވަނީ ޔޫއޭއީގައި ދިވެހި އެމްބަސީގެ ޑެޕިއުޓީ އެމްބަސަޑަރު ކަމުގެ މަގާމު ވެސް އަދާކޮށްފަ އެވެ.