ޕެންޝަން އޮފީހުގެ ބޯޑު މެންބަރުންގެ އަދަދު 8
އިން 9 އަށް އިތުރުކޮށްފި އެވެ.

މިއީ އެ އޮފީހުގެ ގަވަނަންސް ކޯޑަށް ގެނައި އިސްލާހެއްގެ
ދަށުން ގެނައި ބަދަލެކެވެ.

ގަވަނަންސް ކޯޑު އިސްލާހުކޮށް ގެޒެޓު ކޮށްފައިވަނީ
ހޯމަ ދުވަހު އެވެ. ގެޒެޓުކުރި ގަވަނަންސް ކޯޑުގައި ވަނީ، އެ އޮފީހުގެ ބޯޑު މެންބަރުންގެ
އަދަދު އަށަކުން ނުވައަކަށް އިތުރުކޮށްފަ އެވެ.

މި ގެނައި ބަދަލާއެކު ބޯޑުގައި ދެން ހިމެނޭނީ ޗެއާޕާސަންއާއި ޕްރައިވެޓް ސެކްޓަރ ތަމްސީލުކުރައްވާ ފަސް މެންބަރުންނާއި، ވަޒީފާއާ ބެހޭ ވުޒާރާގެ ސީނިއާ
ސިވިލް ސާވިސް މުވައްޒަފެއް، އަދި ޕަބްލިކް ފައިނޭންސްގެ ކަންކަން ބަލަހައްޓާ ވުޒާރާގެ
ސީނިއާ ސިވިލް ސަރވިސް މުވައްޒަފެއް، އަދި ސޯޝަލް ސެކިއުރިޓީގެ ކަންކަން ކުރާ ވުޒާރާގެ
ސީނިއާ ސިވިލް ސަރވިސް މުވައްޒަފެކެވެ.

އޮފީހުގެ ދުވަހުން ދުވަހަށް ކުރާ ހިންގުމުގެ މަސައްކަތްތަކާއި
ސިޔާސަތުތައް ތަންފީޒުކުރުން ދެން ކުރިއަށްދާނީ ސީއީއޯގެ އިރުޝާދާއި ބެލުމުގެ ދަށުން
މެނޭޖުމަންޓުންކަމަށް ވެސް މި އައު ގަވަރނަންސް ކޯޑުގައި ވަނީ ބަޔާންކޮށްފަ އެވެ.

ބޯޑު މެންބަރުންގެ އަދަދަށް މި ބަދަލު ގެނައީ ޕެންޝަން
ފަންޑުން 2.4 ބިލިއަން
ރުފިޔާގެ ބޮންޑު ގަތުމުގެ މުއާމަލާތާ ގުޅިގެން އެ އޮފީހުގެ އިސް މުވައްޒަފުންތަކެއް
އިސްތިއުފާ ދިން ފަހުންނެވެ.

މިއީ ސަރުކާރުން ފައިސާ ޗާޕުކުރުމުގެ މުއާމަލާތް
ކުރިއަށްގެންދަން ކުރާ މަސައްކަތާމެދު މާލީ ދާއިރާގެ އެތައް ބަޔަކު ކަންބޮޑުވުން ފާޅުކުރަމުން
އަންނަ ވަގުތެއްގައި ގެނައި ބަދަލެކެވެ. ސަރުކާރުން މިކަމާމެދު ފުންކޮށް ވިސްނާ، އިނދަ
ޖެހެމުންދާ އިގުތިސާދު ނަގާ ކޮޅަށް ޖެހުމަށްޓަކައި، ތަޖުރިބާކާރުންގެ ލަފަޔާއި އިރުޝާދު
ހޯދަންޖެހޭ ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.