ހުރިހާ ދިވެހި ރައްޔިތުން ރިސޯޓު ހިއްސާދާރުންނަށް
ހެދުމުގެ މަޝްރޫއު ނޮވެމްބަރު މަހުގެ ތެރޭގައި ފަށާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
މި މަޝްރޫއު ނިމުމުން ކޮންމެ ދިވެހި ރައްޔިތެއްގެ
އެކައުންޓަށް ޑޮލަރުން ފައިސާ ޖަމާވާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
ހޯމަ ދުވަހު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި
ރައީސް މުއިއްޒު ވިދާޅުވީ ޓޫރިޒަމް ސެކްޓަރަކީ ވަކި ބައެއްގެ އަތްމަތީ އޮންނަންޖެހޭ
އެއްޗެއް ނޫން ކަމަށެވެ. އެހެންކަމުން ދިހަ ރިސޯޓެއް ތަރައްގީކޮށް އެ ރިސޯޓުތަކުގެ
ހިއްސާދާރުންނަކީ ހުރިހާ ދިވެހި ރައްޔިތުން ކަމުގައި ކަނޑައަޅައި ޑޮލަރު ލިބޭނެ ނިޒާމެއް
ގާއިމުކުރައްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
އެއީ ރިޔާސީ ބަޔާނުގައި އިއުލާނުކުރައްވާފައިވާ
ވާހަކައެއް ކަމަށް ވެސް ރައީސް ފާހަގަކުރެއްވި އެވެ. މި މަޝްރޫއުގެ ދަށުން ދިހަ ރިސޯޓު
ގާއިމުކުރުމަށް މާލެ އަތޮޅާއި އެކި އަތޮޅުތަކުން ބިންތަކާއި ފަޅުތަކާއި ރަށްތައް ކަނޑައަޅައި، މި ހަފްތާގެ ތެރޭގައި އެ މަސައްކަތް ނިމޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.
ނޮވެމްބަރު މަހުގެ ތެރޭގައި މި މަޝްރޫއުގެ ބައެއް
މަސައްކަތްތައް ފެށިގެންދާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. އަދި ތިން އަހަރުގެ ތެރޭގައި މި
ރިސޯޓުތައް އޮޕަރޭޝަނަށް ގެނެވޭނެ ކަމަށް އުންމީދުކުރައްވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި މި މަޝްރޫއުގެ ނަތީޖާއަކަށް ވާނީ ކޮންމެ ދިވެހި
ރައްޔިތަކީ ވެސް ރިސޯޓު ހިއްސާދާރަކަށްވުމެވެ. އަދި ރިސޯޓުތައް
ހުޅުވިގެން ދިޔައީމާ ކޮންމެ މީހެއްގެ އެކައުންޓަށް ޑޮލަރުން ފައިސާ ޖަމާވާނެ ކަމަށް ވެސް
ރައީސް ވިދާޅުވި އެވެ.
ރައީސް އެހެން ވިދާޅުވިނަމަވެސް، ސަރުކާރުން އިގުތިސާދު މެނޭޖުކުރުމުގައި ފެއިލްވެފައިވާކަމަށް ބުނެ ގިނަ ބަޔަކު ގެންދަނީ ރައީސްގެ މި ވާހަކަފުޅަށް ޖޯކު ޖަހަމުންނެވެ. އެގޮތުން މީސްމީޑިއާގައި ވެސް އެތައް ބަޔަކު މި ވާހަކަތަކަށް އިތުބާރު ނުކުރާކަން ހާމަކޮށް ޕޯސްޓު ކޮށްފައިވާއިރު، ސަރުކާރުގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުކިޔާފައިވެ އެވެ.