މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ގައި
ރަހުނު ނުކުރާ އެންމެ މުދަލެއް ވެސް ނެތް ކަމަށް މާލީ ދާއިރާގެ ތަޖުރިބާކާރެއް
ކަމަށްވާ އިސްމާއީލް ޒަރިޔަންދު ވިދާޅުވެއްޖެ އެވެ.

ރާއްޖެ ޓީވީގެ ފަލަސުރުހީ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ޒަރިޔަންދު
ވިދާޅުވީ އެމްޓީސީސީގެ ޚަރަދުތައް ކުރަނީ ސަރުކާރުން ދޭ ފައިސާ އިން ކަމަށާއި، އެ ކުންފުންޏަކީ ދައުލަތައް ބަރޯސާވެފައިވާ ކުންފުންޏެއް ކަމަށެވެ.

އާރުޑީސީ އުވާލައި، އެމްޓީސީސީއާ އެއްކޮށްލަން ރައީސް މުއިއްޒު ވަނީ ނިންމަވާފަ އެވެ. މިކަން ފާހަގަކޮށް ޒަރިޔަންދު ވިދާޅުވީ، އެމްޓީސީސީ އިން ވިޔަފާރި ދަރަނި އަދި
އެހެނިހެން ދަރަނީގެ ގޮތުގައި މިވަގުތު 2.97 ބިލިއަން ރުފިޔާ އެހެން ފަރާތްތަކަށް
ދައްކަން ޖެހިފައިވާ ކަމަށެވެ. އަދި އެމްޓީސީސީގެ އިމާރާތްތަކާއި މަޝްރޫއުތަކަށް
ގެނަސްފައިވާ ތަކެތި ވެސް ވަނީ ބޭންކުގައި ރަހުނު ކުރެވިފައި ކަމަށް ޒަރިޔަންދު
ވިދާޅުވި އެވެ.

ޒަރިޔަންދު ވިދާޅުވީ އެންމެ ފަހުގެ ހިސާބުތަކަށް ބަލައިފި ނަމަ ދައުލަތުން
އެމްޓީސީސީ އަށް 653 މިލިއަން ރުފިޔާ ސަބްސިޑީޒްގެ ގޮތަގައި އަދި ކޮންޕަންޒޭޝަންގެ
ގޮތުގައި ދައްކަން ޖެހިފައިވާ ކަމަށެވެ.

އެމްޓީސީސީ ދިރިއޮންނަނީ ސަރުކާރުން ދޭ އެއްޗަކުން. އެމްޓީސީސީގެ މައިގަނޑު އަނެއް މައްސަލައަކީ އެމްޓީސީސީގައި ރަހުނު ނުކުރާ އެއްވެސް މުދަލެއް ނެތް. މިހާތަނަށް އެމްޓީސީސީއިން ވިޔަފާރީގެ ދަރަންޏާއި އެހެނިހެން ޕޭޕާރސްގެ ގޮތޮގައި 2.97 ބިލިއަން ރުފިޔާ އެހެން ފަރާތްތަކަށް ދައްކަން ޖެހިފައިވޭ. އެމްޓީސީސީގެ މައިގަނޑު ބިލްޑިންގްތަކާއި ތަންތަން ހިއްކަން ގެނައި މަހާޖައްރާފާއި ކުޑަޖައްރާފު ވެސް އޮތީ ބޭންކުގައި ރަހުނުކުރެވިފައި. ދައުލަތުން ދޭންޖެހޭ ސަބްސިޑީޒް އަދި ކޮންޕަންޒޭޝަންގެ ގޮތުގައި 653 މިލިއަން ރުފިޔާ އެމްޓީސީސީއަށް ދީފައެއް ނުވޭ
އިސްމާއީލް ޒަރިޔަންދު

ސަރުކާރުން އާންމު ކުންފުނިތަކަށް ފައިސާ ދޭގޮތަށް އެމްޓީސީސީ އަށް ފައިސާ
ނުދޭ ކަމަށް ފާހަގަކުރައްވާ ޒަރިޔަންދު ވިދާޅުވީ، ދައުލަތުން އެމްޓީސީސީ އަށް ފައިސާ
ދެނީ ހަތަރު އަހަރާއި ފަސް އަހަރުގެ މުއްދަތަކަށް ބަހާލައިގެން ކަމަށެވެ.

ޒަރިޔަންދު ވިދާޅުވީ އެމްޓީސީސީގެ ފައިދާ ވަރަށް ބޮޑުކޮށް ދައްކާފައިވީ
ނަމަވެސް، މިދިޔަ އަހަރުގެ ނިޔަލަށް އެ ކުންފުނީގެ ފައިދާގެ ގޮތުގައި ލިބިފައިވަނީ
ހަމައެކަނި 151 މިލިއަން ރުފިޔާ ކަމަށެވެ.

ހޯމަ ދުވަހު ރައީސް މުއިއްޒު ވަނީ އެމްޓީސީސީ އަދި އާރްޑީސީ އެއްކޮށްލުމުގެ
އިތުރަށް ފެނަކަ އުވާލައި ސްޓެލްކޯއާ އެއްކޮށްލުމަށް ނިންމަވާފަ އެވެ. މިކަން
ފާހަގަކުރައްވާ ޒަރިޔަންދު ވިދާޅުވީ އެމްޓީސީސީ އަށް ވުރެ ސްޓެލްކޯގެ ހާލަތު މާ ގޯސް
ކަމަށެވެ.

މިގޮތުން ސްޓެލްކޯގެ ދައުރުވާ މުދަލުގެ ގޮތުގައި ހުރީ 1.6 ބިލިއަން ރުފިޔާ
ކަމަށް ޒަރިޔަންދު ވިދާޅުވި އެވެ. ނަމަވެސް ކުރު މުއްދަތުގެ ދަރަނީގެ ގޮތުގައި 1.8
ބިލިއަން ރުފިޔާ ސްޓެލްކޯގެ ފަރާތުން އެކި ފަރާތްތަކަށް ދައްކަން ޖެހިފައިވާ ކަމަށް
އޭނާ ވިދާޅުވި އެވެ. މިހެންކަމުން ސްޓެލްކޯގެ ކަރަންޓް ރޭޝިއޯ މިވަގުތު ހުރީ 0.86
ގައި ކަމަށް އޭނާ ވިދާޅުވި އެވެ.

ސްޓެލްކޯގެ ދައުރުވާ މުދާ ސްޓެލްކޯގައި ހުރީ 1.6 ބިލިއަން ރުފިޔާ ހުރި އިރު އެމީހުންގެ ކުރު މުއްދަތުގެ ދަރަނީގެ ގޮތުގައި 1.8 ބިލިއަން ރުފިޔާ. އޭގަ މާނައަކީ ސްޓެލްކޯއަށް ވަގުތުން ހަރަދު ކުރެވެން ހުރި މިންވަރަށް ވުރެ އެކި ފަރާތްތަކަށް ދައްކަންޖެހޭ މިންވަރު ކޮންމެ 1 ރުފިޔާއަކުން ސްޓެލްކޯއަށް ޙަރދު ކުރެވެން އޮތީ އެންމެ 86 ލާރި
އިސްމާއީލް ޒަރިޔަންދު  

ޒަރިޔަންދު ވިދާޅުވީ އެމްޓީސީސީ އަދި ސްޓެލްކޯގެ ދަރަނިތައް މިހާ
ބޮޑުވެފައިވާއިރު އެހެން ކުންފުންޏަކާއި މި ދެ ކުންފުނި އެއްކޮށްލުމަކީ ދެ
ކުންފުނީގެ ދަރަނިތައް އިތުރު ވެގެންދާނެ ކަމެއް ކަމަށެވެ.

ހޯމަ ދުވަހު ރައީސް އޮފީހުގައި ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި
ރައީސް މުއިއްޒު ވަނީ ފެނަކަ އުވާލައި ސްޓެލްކޯއާ އެއްކޮށްލުމަށާއި އާރްޑީސީ އުވާލައި އެމްޓީސީސީއާ އެއްކޮށްލުމަށް ނިންމަވާފައިވާކަން ހާމަކުރައްވާފަ އެވެ. ރައީސް
މުއިއްޒު ވިދާޅުވީ މިއީ ކުންފުނިތައް ރައިޓްސައިޒްކޮށް، ސަރުކާރުގެ ޚަރަދުތައް
ކުޑަކުރުމުގެ މަގުސަދުގައި އެތައް މަޝްވަރާތަކާއެކު ނިންމަވާފައިވާ ނިންމެވުމެއް ކަމަށެވެ.

ނަމަވެސް މި ކުންފުނިތައް އެއްކޮށްލުމުގެ ސަބަބުން އެ ކުންފުނިތަކުގައި
މިހާރު މަސައްކަތް ކުރާ މުވައްޒަފުންގެ ވަޒީފާއާ މެދު ވަނީ ސުވާލު އުފެދިފަ އެވެ.
އަދި އާރްޑީސީ އާއި ފެނަކައިން މިހާރު ވެސް ރަށްރަށުގައި އެތައް މަޝްރޫއުތަކެއް
ކުރިއަށް ގެންދާއިރު މި މަޝްރޫއުތަކަށް ވާނެ ގޮތާ މެދު ރައްޔިތުން ދަނީ ސުވާލު
އުފައްދަމުންނެވެ.