ދ. ހުޅުދެލި ވޭސްޓް މެނޭޖްމެންޓް ސެންޓަރު، ވޭސްޓް މެނޭޖްމެންޓް
ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ)އާ ހަވާލުކުރިތާ ދޮޅު އަހަރު ވެފައިވާއިރު ވެސް އަމަލީ އެއްވެސް
މަސައްކަތެއް ނުފަށާ ކަމަށް ހުޅުދެލި ކައުންސިލުގެ ރައީސް އަހުމަދު ނަސްރު
ވިދާޅުވެއްޖެ އެވެ.
ރާއްޖެޓީވީއަށް ދެއްވި އިންޓަވިއުއެއްގައި ނަސްރު ވިދާޅުވީ ވޭސްޓް މެނޭޖްމެންޓް
ސެންޓަރުގައި މަސައްކަތް ކުރުމަށް މިވަގުތު މުވައްޒަފުން ވެސް ތިބީ ނަގާފައި ކަމަށެވެ.
އަދި ކައުންސިލު ދަށުގައި އެ ސެންޓަރު ހުރި އިރު، ކުނިތައް އޮންނަ ސަރަހައްދު އޮންނަނީ
ހިޔާކޮށްފައި ކަމަށާއި ނަމަވެސް ވެމްކޯ އަށް އެ ސެންޓަރު ހަވާލުކުރުމުން، އެ ހިޔާގަނޑުތައް ނަގާފައިވާ ކަމަށެވެ. އަދި އެ ހިޔާގަނޑުތައް
ނެގުމުން ކުނިތަކުގައި މަދިރި އާލާވެ ރަށުތެރޭގައި ބަލިމަޑުކަން އިތުރުވަމުންދާ
ކަމަށް އޭނާ ވިދާޅުވި އެވެ.
މިހާރު މި މަސައްކަތް ވެމްކޯއާ ހަވާލުކުރިތާ ދޮޅު އަހަރު ވެއްޖެ.
އަމަލީ އެއްވެސް މަސައްކަތެއް ނުފަށާ. މުވައްޒަފުން ވެސް ނަގާފަ ތިބީ. ލަސްވަމުންދާ
ސަބަބެއް ކައުންސިލަކަށް ސާފެއް ނުވޭ. އެނގޭ ކަމަކީ މި ރަށުގެ މި މައްސަލަ
ބޮޑުވެގެން ރަށުގެ ރޯގާ ބަލިމަޑުކަން ވަރަށް ބޮޑުވެފައި ވަނީ މިވަގުތު. ކުރިން
ކައުންސިލް އަތުގައި މިތަން އޮތް އިރު އޮންނާނީ ހިޔާކޮށްފައި، މިތަން ވެމްކޯއާ
ހަވާލުކުރީމަ ހިޔާގަނޑުތަކާއި އެއްޗެހި ނަގައިފި. ނެގީމަ ވާރޭ ވެހި ކުނިތަކަށް ފެން
އެޅި މަދިރި އާލާވަމުން ދަނީއަހުމަދު ނަސްރު
ނަސްރު ވިދާޅުވީ ހުޅުދެލީގައި އިތުރު ކުނި މެނޭޖްކުރާ ތަނެއް ނެތުމުގެ
ސަބަބުން ކުނިތައް މޫދަށް އެޅި ރަށުގެ ގޮނޑުދޮށްތަކައް ކުނިތައް ލައްގަމުންދާ
ކަމަށެވެ. އަދި މި މަޝްރޫއުގެ މަސައްކަތް ކުރިއަށްނުދާ ސަބަބު ކައުންސިލަށް
އެނގިފައި ނުވާ ކަމަށް ނަސްރު ވިދާޅުވި އެވެ.
ހުޅުދެލި ވޭސްޓް މެނޭޖްމެންޓް ސެންޓަރުގެ މަސައްކަތް ވެމްކޯއާ
ހަވާލުކޮށްފައިވަނީ 2025 ވަނަ އަހަރު ފެބްރުއަރީ މަހު އެވެ. އަދި މި މަސައްކަތް
ހަތަރު މަސް ދުވަސްތެރޭގައި ފަށާނެ ކަމަށް ރައީސް މުއިއްޒު ވަނީ ވިދާޅުވެފަ އެވެ.
ނަމަވެސް މިއަދާ ހަމައަށް މި މަޝްރޫއުގެ އެއްވެސް މަސައްކަތެއް ކޮށްފައި ނުވެ
އެވެ.