8 މަސް ދުވަހުން ނިންމަވާނެކަމަށް ވިދާޅުވެ 2023 ވަނަ އަހަރު ފެށި ރަސްމާލެ މަޝްރޫއު މި އަހަރު ނިންމަވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ހޯމަ ދުވަހު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ ރަސްމާލެ މަޝްރޫއުގެ މަސައްކަތްތައް މަޑުޖެހިފައި ވަނީ މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކާ އެކު ތެލުގެ އަގު ބޮޑުވެ، ކުރަންޖެހުނު ހަރަދުތައް އިތުރުވުމުން ކަމަށެވެ. ނަމަވެސް މިހާރު އެ މަޝްރޫއުގެ މަސައްކަތް އަލުން ފަށާފައިވާ ކަމަށާއި މި އަހަރުގެ ނިޔަލަށް ރަސްމާލޭގެ މަސައްކަތް ނިމޭނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.

ރައީސް މުއިއްޒު ވިދާޅުވީ މިހާރު ވެސް ރަސްމާލޭގެ 700 އަށް ވުރެ ގިނަ ހެކްޓަރު ހިއްކާފައިވާ ކަމަށެވެ. އަދި ބާކީ އޮތް 400 ހެކްޓަރުގެ މަސައްކަތް ކުރިއަށްދާ ކަމަށް ވެސް ރައީސް މުއިއްޒު ވިދާޅުވި އެވެ.

ރަސްމާލެ މަޝްރޫއު މަޑުޖެހިގެން ދިޔައީ މެދުއިރުމަތީގައި ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު ބޮޑުވުމުން ކުރަންޖެހުނު ހަރަދު ބޮޑުވުމުން މަޑުޖައްސާލަން ޖެހުނީ. އެހެން ނަމަވެސް މިހާރު ފެށިގެން ކުރިއަށް ދާތާ ކިތަންމެ ދުވަހެއް. ރަސްމާލޭގެ މަޝްރޫއު މި ބަލަނީ މި އަހަރުގެ ނިޔަލަށް ނިންމާލެވޭތޯ. މިހާރުވެސް އެއޮތީ 700 އެއްހާ ހެކްޓަރު ހިއްކާފައި. ބާކީ އޮތް 400 ހެކްޓަރުގެ މަސައްކަތް އެބަ ހިނގާ
ރައީސް މުއިއްޒު

މަސައްކަތުގެ ކޮންޓްރެކްޓަރުންނަށް މިހާރު ފައިސާ ދީފައިވާކަން ފާހަގަކުރައްވާ ރައީސް މުއިއްޒު ވިދާޅުވީ ގިރާވަރު ފަޅުގެ މަސައްކަތް ކުރިއަށް އޮތް 2 މަސް ދުވަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށެވެ.

މީގެ ކުރިން ވެސް ރަސްމާލެ ހިއްކުމުގެ މަޝްރޫއު ނިންމަވާނެ ކަމަށް ވިދާޅުވެ ރައީސް މުއިއްޒު ވަނީ ވަކިވަކި ފަސް ތާރީހެއް ދެއްވާފަ އެވެ. އެގޮތުން ނިމިދިޔަ 2025 ވަނަ އަހަރުގެ ނޮވެންބަރު މަހު ވެސް ރައީސް މުއިއްޒު ވިދާޅުވީ ފަސް މަސް ދުވަހުގެ ތެރޭގައި ރަސްމާލެ ހިއްކާ ނިމޭނެ ކަމަށެވެ.

ހަމައެއާއެކު ރަސްމާލެ ހިއްކުމަށް ސަރުކާރުން އެއްވެސް ހަރަދެއް ކުރަން ނުޖެހޭކަމަށް 2023 ވަނަ އަހަރު ރައީސް މުއިއްޒު ވިދާޅުވި އެވެ. ނަމަވެސް ރަސްމާލޭގެ ޑްރެޖިން މަސައްކަތް ކުރިއަށް ނުދާއިރު ވެސް ދުވާލަކަށް އެއް ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާ ކަމަށް ވަނީ ބެލެވިފަ އެވެ.