ދިރާގު އަކީ ސަރުކާރުގެ މެޖޯރިޓީ ހިއްސާ އޮންނަ ކުންފުންޏަކަށް އަދި މޯލްޑިވްސް ވޯޓަރ އެންޑް ސްވެރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އަކީ 100 އިންސައްތަ ސަރުކާރު ކުންފުންޏަކަށް ހަދަން ނިންމަވާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ހާމަކުރައްވައިފި އެވެ. 

މިކަން ހާމަކުރައްވާފައި ވަނީ ހޯމަ ދުވަހު ރައީސް މުއިއްޒު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގަ އެވެ. އެގޮތުން ދިރާގުގައި ސަރުކާރުގެ ހިއްސާ 50 އިންސައްތައަށް ބޮޑުކުރުމަށް ކެބިނެޓުން ނިންމުމާއެކު، އެ މަސައްކަތް ފަށާފައިވާ ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ. 

މިކަން ކުރުމުގައި ކުރަން ޖެހޭ ހުރިހާ މަސައްކަތެއް ކުރުން ބާރު ސްޕީޑްގައި ކުރިއަށް ދާނެ ކަމަށް ވެސް ރައީސް މުއިއްޒު ވިދާޅުވި އެވެ. ނަމަވެސް އިތުރު ތަފްސީލެއް ދެއްވާފައި ނުވެ އެވެ. 

އަޅުގަނޑުމެން ގަބޫލު ކުރާ ގޮތުގައި ދިރާގުގެ ޝެއަރ 50 އިންސައްތައަށް ބޮޑުކުރުމަކީ ރައްޔިތުންގެ ހެވާ ލާބައަށްޓަކައި، އިގުތިސާދު ފުޅާކުރުމަށްޓަކައި އަދި ރާއްޖޭގެ އިގުތިސާދު އިތުރަށް ކުރިއަށް ގެންދިޔުމުގައި ކޮންމެހެން ކުރަން ޖެހޭ ކަމެއް
ރައީސް މުއިއްޒު

ދިރާގު އުފެއްދިގެން އައީ ދިވެހި ސަރުކާރުގެ 55 އިންސައްތަ ހިއްސާ އަދި އިނގިރޭސިވިލާތުގެ ކޭބަލް އެންޑް ވަޔަރލެސްގެ 45 އިންސައްތަ ހިއްސާ އޮންނަ ގޮތަށެވެ. ނަމަވެސް ދިރާގުގެ 7 އިންސައްތަ ހިއްސާ 40 މިލިއަން ޑޮލަރަށް ކޭބަލް އެންޑް ވަޔަރލެސްއަށް 2009 ވަނަ އަހަރު ވަނީ ވިއްކާލާފަ އެވެ. 

މީގެ އިތުރުން، ރައީސް މުއިއްޒު ވަނީ ސައްތައިން ސައްތަ ދިވެހި ހިއްސާ އޮންނަ ކުންފުންޏަކަށް އެމްޑަބްލިއުއެސްސީ ހެދުމުގެ މަސައްކަތްކުރަމުންދާ ކަމަށް ވިދާޅުވެފަ އެވެ. އަދި އެކަމަކީ ރައްޔިތުންނަށް ހިދުމަތް ދިނުމަށް ކުރަން ޖެހިފައިވާ ކަމެއް ކަމަށް ވެސް ރައީސް މުއިއްޒު ވިދާޅުވި އެވެ. 

މިހާރު އެމްޑަބްލިއުއެސްސީގައި ސަރުކާރުގެ އޮންނަނީ 80 އިންސައްތަ ހިއްސާ އެވެ. ބާކީ 20 އިންސައްތައިގެ ހިއްސާ އޮންނަނީ ޖަޕާނުގެ ހިޓާޗީ ކުންފުނީގަ އެވެ. އަދި މި 20 އިންސައްތަ ހިއްސާ ސަރުކާރަށް ގަންނަން ނިންމާފައިވާ ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.